
މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ނަތީޖާ އަނބުރާލައި ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި ނޭޕާލް އަތުން ރާއްޖެ ރޭ މޮޅުވެއްޖެއެވެ.
ރާއްޖެ އިން ނޭޕާލް ބަލިކުރީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު 51-47 ޕޮއިންޓުންނެވެ. މިއީ ރާއްޖެއިން މޮޅުވި ފުރަތަމަ މެޗެވެ. މިއީ އަންހެން ބާސްކެޓް ބޯޅައިގެ ތާރީޚުގައި ރާއްޖެއިން ނޭޕާލް އަތުން ހޯދި ފުރަތަމަ މޮޅެވެ. ދިވެހި ޓީމު މެޗު އަނބުރާލީ ދޮޅު މިނެޓުގެ ކުޅުން ބާކީ އޮއްވައެވެ. އެކަމަކު، އޭރު ނޭޕާލަށް ރާއްޖެ ކައިރީގައި މާ ބޮޑު ތަފާތަކުން ކުރީގައެއް ނޯވެވުނެވެ. މެޗުގެ ނަތީޖާ ބަދަލު ކުރަން ދިވެހި ޓީމުގެ ކުޅުންތެރިންގެ އާދަޔާ ހިލާފު ހުނަރު ފެނުނެވެ.
މެޗުގެ އެންމެ ފަހު ކަށިގަނޑު ފުމުމާއެކު ކުޅުންތެރިންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހިގެން ދިޔައެވެ.