
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްނަންގަވައިގެން އެމަނިކުފާނުގެ ދަޢުރުގައި ފައްޓަވާފައިވާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް) ގެ ނައިބުރައިސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މެންބަރު ޝިޔާމް މިފަދައިން ވިދާޅުވީ މޯލްޑިވްސް އެއާރޕޯޓް ކޮމްޕެނީ – އެމްއޭސީއެލް އިން ކޮށްފައިވާ ޓްވީޓެއްގެ ރަައްދެއްގެ ގޮތުގައެވެ. އެމްއޭސީލްއިން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ ވެލާނާ އެއާޕޯޓުގެ އާ ރަންވޭގެ ދެ ފަރާތުގައި ހަރުކޮށްފައިވާ އިންސްޓްރޫމަންޓް ލޭންޑިން ސިސްޓަމް (އައިއެލްއެސް) ގެ ކެލިބްރޭޝަން އަޅުގަނޑުމެން ވަނީ ކާމިޔާބުކަމާއެކު ނިންމާފައިކަމަށާއި އައިއެލްއެސް އަކީ އާދައިގެ ނުވަތަ ހުޅަނގު މޫސުމުގައި ޕައިލެޓުންނަށް ލޭންޑްކުރުމަށް އެހީތެރިވެދޭ ނެވިގޭޝަން އެއިޑެއް ކަމަށެވެ.
އެމްޕީ ޝިޔާމް ގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ވީއައިއޭ އެކްސްޕެންޝަން މަޝްރޫއުގެ ދަށުން އައިއެލްއެސް އިންސްޓޯލްކުރީ 2018 ވަނަ އަހަރުގެ ކުރީކޮޅު ކަމަށާއި އިންސްޓޮލޭޝަންގައި ލޯކަލައިޒަރ އެންޓަނާއެއްވެސް އެކުލަވާލާފައިވާނެކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، އޭގެ ފަހުން އައިއެލްއެސް ކެލިބްރޭޝަން ކޮންމެ 24 މަހަކުން ކުރެވޭ ކަމަށާއި މިއީ އައު ކަމެއް ނޫން ކަމަށެވެ.