ޚަބަރު

ބަޖެޓު ދަރަނި 6.2 ބިލިއަން ރުފިޔާއަށް, ކުރިން ޖެހި ހިސާބަސްވުރެ ބޮޑުތަނުން އިތުރު

ސަރުކާރުގެ ބަޖެޓު ދަރަނި 6.2 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައިމި އަހަރު ފެށިގެން މި މަހު 15ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 19,364 މިލިއަން ރުފިޔާ އެވެ. އެ މުއްދަތުގައި ދައުލަތުން 25,575 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިއީ 6.211 ބިލިއަން ރުފިޔާގެ ދަރަންޏެކެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި, ދައުލަތަށް ލިބުނު އާމްދަނީގެ %74 އަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެއީ 14,240 މިލިއަން ރުފިޔާ އެވެ. ސަރުކާރުގެ ހިންގުމުގެ ހަރަދުތަކަށް 18,699 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކޮށްފައިވަނީ 6,876 މިލިއަން ރުފިޔާ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބަޖެޓު ޑެފިސިޓް މިހާބޮޑަށް އިތުރުވެފައި މިވަނީ ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ވެސް ފިނޭންސް މިނިސްޓްރީން އަންގާފައި އޮއްވަ އެވެ. އަދި މީގެ ކުރިން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވެފައިވަނީ މިއަހަރުގެ ބަޖެޓު ދަރަނި އިހުނަށްވުރެ ކުޑަކުރެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށާއި, ބޮޑުވުމުގެ ފުރުސަތު އޮތް ނަމަވެސް އިހުނަތްވުރެ ބޮޑުވާނެކަމަށް ލަފާނުކުރެވޭ ކަމަށެވެ. އެހެން ނަމަވެސް އަހަރު ނުމެނީސް ދައުލަތުގެ ބަޖެޓު ދަރަނި 6.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު, މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އަމީރު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button