
ޗައިނާގެ އެހީ މާލެ ސިޓީ ކައުންސިލަށް ލިބުމުން ރައީސް ޔާމީން އެގައުމާއި މެދު ބަހައްޓަވާ ގާތް ގުޅުން ރަމްޒު ކޮށްދޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވީ ޗައިނާ ސަރުކާރުން ޕީޕީއެމްގެ މެޖޯރިޓީ އޮތް މާލެ ސިޓީ ކައުންސިލަށް 3000 މަގު ބައްތި ހަދިޔާކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ޝިޔާމްގެ ޓްވީޓްގައި ވިދާޅުވީ ޕީ.ޕީ.އެމް މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލަށް ޗައިނާ ސަރުކާރުން މިފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ރައީސް ޔާމީން ޗައިނާ ސަރުކާރާ އެކު ބޭއްވެވި އަދި ބާއްވަވާ ގާތް ގުޅުން ރަމްޒުކޮށްދޭ ވަރަށް އަލިގަދަ ހެއްކެއްކަމުގައެވެ. އަދި އެކަމަށްޓަކައި ޝިޔާމް ވަނީ ޗައިނާއަށް ޝުކުރު ދަންނަވާފައެވެ.
ޕީ.ޕީ.އެމް މެޖޯރިޓީ އޮތް މާލޭ ސިޓީ ކައުންސިލަށް ޗައިނާ ސަރުކާރުން މިފަދަދަ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ރައިސް ޔާމީން ޗައިނާ ސަރުކާރާ އެކު ބޭއްވެވި އަދި ބާއްވަވާ ގާތް ގުޅުން ރަމްޒުކޮށްދޭ ވަރަށް އަލިގަދަ ހެއްކެއް. ޝުކުރިއްޔާ 🇨🇳 https://t.co/aB4tiCg1hr
— Ahmed Shiyam (@Shiyamaldives) September 19, 2022
ޗައިނާއިން ވަނީ މާލެ ސިޓީ ކައުންސިލަށް 3،000 ޕްލެޓް އަދި މަގު ބައްތި (ޒަމާނީ ލެޑް ލައިޓް) ހަދިޔާކޮށްފައެވެ.
މިތަކެތި ސިޓީ ކައުންސިލާއި ހަވާލު ކޮށްފައިވަނީ މިއަދު ހެނދުނު 11:00 ގައި މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.