ޚަބަރު

އެޗްޑީސީގެ ނީލަމެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލައެއް އޭސީސީން ބަލަމުން ދަނިކޮށް މުދާ ދޫކޮށްފި!

ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނީލަމެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން ދަނިކޮށް މުދާ ދޫކޮށްފިއެވެ. 

އޭސީސީއިން ބަލަމުން ދަނީ އެޗްޑީސީއިން މިދިޔަ މަހުގެ 1 ވަނަ ދުވަހު ކުރި އިއުލާނުގައިވާ ހިލަވެލި، ހިލަ އަދި ގިނަ އަދަދެއްގެ ކޮންކްރީޓް ދަނގަޑު ރޮޑުތަކެއް ވިއްކުމުގެ މަރުހަލާގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާކަމަށް ބުނެ ނީލަމަށް ދިޔަ ފަރާތްތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އެ ތަކެއްޗަކީ ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) އާ ހަވާލު ކުރި ފްލެޓްތައް އަޅަން އެ ކުންފުނިން ގެނައި ތަކެއްޗެވެ. 

މުދަލުގެ މައުލޫމާތު އެޗްޑީސީ އިން ދީފައިވަނީ 8 ނޮވެމްބަރުގައެވެ. އެކަމަކު 4 ނޮވެމްބަރު ގައި ވިއްކާ ފަރާތް ކަނޑައެޅުމަށް ފަހު ޑީލެއް ހެދިކަމަށް އިތުބާރު ހުރި މަސްދަރަކުން ”ބޮންތި“ އަށް ވަނީ ކަށަވަރު ވެފައެވެ. 

”އެއީ ގާތްގަނޑަކަށް 5000 އެއްހާ ޓަނަށް ވުރެ ގިނަ ދަނގަޑު. މީގެ ބައި ކުޅަ ބައެއްވެސް އެޗްޑީސީއިން ހިސާބު ނުކުރާނެ.“ ނަން ހާމަ ނުކުރުމަށް އެދި އެޗްޑީސީގެ މުވައްޒަފެއްގެ ފަރާތުން ”ބޮންތި“ އަށް މައުލޫމާތު ދިނެވެ. 

ތަކެތި ދޫކުރީ ކުރިން ގޮސް ނަން ނޯޓު ކުރާ މީހަކަށް

ތަކެތި ވިިއްކުމަށް 8 ނޮވެމްބަރުން ފެށިގެން 16 ނޮވެމްބަރުގެ ނިޔަލަށް ނަން ނޯޓު ކުރުމުގެ ފުރުސަތު އެޗްޑީސީ އިން ހުޅުވާލިއިރު، އެންމެ ފުރަތަމަ ނަން ނޯޓު ކުރި ފަރާތަށް ތަކެތި ވިއްކާފައިވާކަން ”ބޮންތި“ އަށް ވަނީ ކަށަވަރުވެފައެވެ. އަދި ތަކެތި ވިއްކުމަށް އެ ކުންފުނިން ނިންމީ ނަންނޯޓު ކުރެވިފައިވާ ތަރުތީބުން ނަންނޯޓު ކުރިއިރުގައި އަދަދެއްގެ ގޮތުގައި ނޯޓުކޮށްފައިވާ މިންވަރަކަށެވެ. އަދި މިގޮތަށް އަމަލު ކުރުމާ ގުޅިގެން ނީލަމުގައި ބައިވެރިވި ފަރާތްތަކުން ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް، ކުރިން ނަން ނޯޓު ކުރާ މީހާއަށް ތަކެތި ވިއްކަން ނިންމުމަކީ މާލިއްޔަތު ގާނޫނާ ހިލާފް ކަމެއް ކަން ފާހަގަކޮށް، އެ ކުންފުނީގެ ވެރިންގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.

”އިލެކްޝަނުން ކަނޑައަޅާފާނެ ފުރަތަމަ ފޯމު ލެވުނު މީހެކޭ ރައީސް ކަމަށް ކަނޑައަޅާނީވެސް. މިކުރަނީ އެކަހަލަ ކަމެއް.“ ނީލަމުގައި ބައިވެރިވި މީހުންގެ ފަރާތުން އެކަކު ”ބޮންތި“ އަށް ކިޔައިދިނެވެ. 

 ފުރަތަމަ ނަން ނޯޓު ކުރީ ކޮން ބައެއް؟

މި ނީލަމާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ”ބޮންތި“ އަށް ވަނީ ލިބިފައެވެ. އެގޮތުން އެންމެ ފުރަތަމަ ނަން ނޯޓުކޮށްފައިވަނީ ނަލަ ސްކައި އިންޓަނޭޝަނަލް ޕެރައިވެޓް ލިމިޓެޑެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އިކޮނޮމިކް މިނިސްޓްރީގެ އެންޓަޕްރައިޒް ޑިވެލޮޕްމެންޓުގެ ކުރީގެ ސްޕެޝަލިސްޓް އަހުމަދު މުމްތާޒު އެވެ. 

”ބޮންތި“ އަށް އެނގިފައިވާގޮތުގައި މި ކުންފުންޏާއި އެޗްޑީސީ އާ ދެމެދު ވަނީ ސިއްރު ޑީލެއް ހަދާފައެވެ. އެއީ ކޮންކްރީޓް ދަނގަޑު ރޮޑްތައް ބޭރަށް ވިއްކުމަށްފަހު އޭގެ ފައިދާ އިން މިންވަރެއް ރިޝްވަތުގެ ގޮތުގައި ދިނުމެވެ. އަދި މި ނީލަމުގެ ކަންކަން އެ ކުންފުނީގެ ބޯޑު މެންބަރަކަށް ހިއްސާ ނުކުރާކަމުގެ ކަންބޮޑުވުން ކުންފުނީގެ ތެރޭގައި އޮތްކަމަށްވެސް އެނގިފައިވެއެވެ. މިއީ ނަލަ ސްކައި އިންޓަނޭޝަނަލްގެ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ”ބޮންތި“ އަށް ދީފައިވާ މައުލޫމާތެކެވެ. 

އެޗްޑީސީ އިން ބުނީ ކީކޭ؟

މިކަމާ ގުޅިގެން މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އެޗްޑީސީގެ ބަހެއް ލިބޭތޯ ”ބޮންތި“ އިން ކުރި މަސައްކަތުން ޖަވާބެއް ލިބުނީ 26 ވަނަ ދުވަހުގައެވެ. އެ ކުންފުނިން ބުނީ އޭސީސީއަށް ހުށަހެޅިފައިވާ މައްސަލަ މިހާރު ބަލައި ނިމިފައިވާ ކަމަށާއި އެ ކޮމިޝަނުން ކުންފުންޏަށް އެކަން އަންގާފައިވާ ކަމުގައެވެ. 

އޭސީސީ އިން ބުނީ ކީކޭ؟ 

އެކަމަކު މި މައްސަލައިގައި ”ބޮންތި“ އިން އޭސީސީ އާ ސުވާލު ކުރުމުން އެ ކޮމިޝަނުން ބުނީ އެ މައްސަލަ ބަލާ ނުނިމޭ ކަމަށާއި، މައްސަލަ އަދިވެސް ތަހުގީގު ކުރަމުން ދާ ކަމުގައެވެ. 

ގަބޫލު ކުރަންވީ ކޮންބައެއްގެ ވާހަކައެއް؟ 

ކޮންކްރީޓް ދަނގަޑުތައް އެ ސަރަހައްދުން ގެންދާ ކަމުގެ މައުލޫމާތު ލިބިގެން އެ ތަކެތި ގަތުމަށް ނަން ނޯޓު ކުރި ތިން ފަރާތަކާ ”ބޮންތި“ އިން ސުވާލު ކުުރުމުން އެނގުނީ ކޮރަޮޕްޝަނަށް މަގުފަހިވާ ގޮތަށް ވަކި ބަޔަކަށް އެޗްޑީސީން ތަކެތި ދޫކޮށްފައިވާ ކަމެވެ. އޭސީސީއަށް މައްސަލަ ހުށަހެޅި ފަރާތަށް އެ ކޮމިޝަނުން ދީފައިވާ ލިޔުމުގައި ބުނެފައިވަނީ އެޗްޑީސީ އިން މުދަލުގެ މައުލޫމާތު ދިނުމުގެ ކުރިން ވަކިމީހަކަށް މުދާ ވިއްކުމަށް ހަމަޖައްސާފައިވާ ކަމަށާއި، އެ އެ މައްސަލަ ތަހުގީގު ކުރަން ނިންމާފައިވާ ކަމުގައެވެ. އެކަމަކު އެޗްޑީސީގެ ބަހަކީ އެ މައްސަލަ އޭސީސީން ބަލައި ނިމުނު ކަމެވެ. 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button