ޚަބަރުސިޔާސީ

ރައީސް ވިދާޅުވަނީ މަސްތުވާތަކެތި އެތެރެކޮށް ވިއްކުމަށް ހުރި ގޮންޖެހުންތައް ”ހުރަސްކުރަން“ ޖެހޭ ކަމަށް

މަސްތުވާތަކެތި އެތެރެކޮށް ވިއްކުމުގައި ހުރި ގޮންޖެހުންތައް ހުރަސްކުރަން ޖެހޭ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ތިން މައްސަލަ ވިއަވަތި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ކުރިން ފާހަގަކުރައްވާފައިވާނެ ކަމުގައެވެ. އޭގެ ތެރޭގައި މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ހަރުކަށި ފިކުރުގެ މައްޗަށް އަލި އެޅުއްވިކަން ރައީސް ފާހަގަކުރެއްވިއެވެ. އެކަންކަމާއި ގުޅޭ ގޮތުން ފުލުހުންނާއި އެމްއެންޑީއެފުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތަފްސީލް ހޯއްދެވިކަމަށް ރައީސް ވިދާޅުވިއެވެ.

”ރާއްޖޭގެ ސަރަހައްދު ހިމާޔަތް ކުރުމާއި، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ވިއްކުމުގައި ހުރި ގޮންޖެހުންތައް ހުރަސްކުރުމަށް އެބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ހިއްސާކުރެއްވި.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލް ފެންވަރުގައި މަސްތުވާތަކެތި ވިއްކުމަށް ހުރި ގޮންޖެހުންތައްވެސް ހުރަސްކުރަން ނުވަތަ ނައްތައިލަން ޖެހޭ ކަމުގައެވެ. އެކަމުގެ މިސާލެއް ގއ.ގެމަނަފުށިން ފެންނަ ކަމަށާއި، އެ މިސާލު ނަގައިގެން މިއަދުން ފެށިގެން ފުލުހުންނާއި އެކު މަސައްކަތް ކުރަން ރައީސް އިލްތިމާސް ކުރެއްވިއެވެ.

”އަޅުގަނޑު ހިތުން މިކަމުން އަރައިގަނެވޭނެ. މުއައްސަސާތަކާއި ކައުންސިލާއި އާންމު ފަރުދުން ގުޅިގެން މިކަން ކުރެވޭނެ.“ ރައީސް ސޯލިހު ވިދާޅުވިއެވެ.

މަސްތުވާތަކެތި ވިއްކުމަށް ހުރި ގޮންޖެހުންތައް ހުރަސްކުރުމަށް ނުވަތަ އެ ގޮންޖެހުންތަކުން އަރައިގަނެ، މަސްތުވާތަކެތި ވިއްކުމަށް ހިތްވަރުދޭފަދަ މޭރުމަކުން ރައީސް ސޯލިހު ވާހަކަފުޅު ދެއްކެވީ ސީދާ ކީއްވެކަމެއް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ. އަދި އެއީ އެމަނިކުފާނު ގަސްތުގައި ބޭނުންފުޅު ކުރެއްވި އިބާރާތެއް ކަމެއް ނުވަތަ އޮޅިވަޑައިގެން ވިދާޅުވެވުނު އިބާރާތެއް ކަމެއްވެސް ނޭނގެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button