ޚަބަރުސިޔާސީ

ނިޔާޒު އައިސް ދެއްކީ ދެ ކުންފުންޏެއްގެ މެދުގައި ހިނގި ޑޮލަރުގެ މުއާމަލާތެއްގެ ވާހަކަ: ރައީސް ޔާމީން

ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް އައިސް ދެއްކީ ދެ ކުންފުންޏެއްގެ މެދުގައި ހިނގި ޑޮލަރުގެ މުއާމަލާތެއްގެ ވާހަކަ ކަމުގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް މިރޭ ދެއްވި އެކްސްކުލޫޒިވް އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ ނިޔާޒު ނުދައްކަވާ ކަމަށާއި، އެމްއެމްޕީއާރުސީ އާއި އެމްޕީއެލް އާއި ދެމެދު ހިނގި ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއްގެ ވާހަކަ ހިއްސާ ކުރެއްވިކަމުގައެވެ.

އެމަނިކުފާނު ވިދާޅުވީ އެކަން ގޯސްކަމަކަށް ވަނީ ކީއްވެތޯ ނިޔާޒު އާއި ސުވާލު ކުރެއްވި ކަމަށާއި، ދިރާގާއި، އެސްޓީއޯއިން ޑޮލަރު ގަތުމުގެ މުއާމަލާތް ހިންގާ ކަމުގައެވެ. އަދި އެމްއެމްއޭ އަށް ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތައް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށް އެމްއެމްއޭ އިން ރިވިއު ކުރާ މިންގަނޑުތަކަށް ފެތޭ ކަމަށް ވާނަމަ، މަނީ ޗޭންޖަސް ލައިސެންސް ދޭނެ ކަން ނިޔާޒަށް ދެންނެވި ކަމުގައެވެ.

ދައުލަތުން ބޭރު ފައިސާ ނުލިބޭނަމަ، ކުންފުނިތަކުން އަމިއްލަ އެރޭންޖުމެންޓެއް ހެދުމަށްފަހު އެކަން ކުރުމަކީ އަބަދުވެސް ކުރަމުންދާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހާއްސަކޮށް އެސްޓީއޯފަދަ ރައްޔިތުންނާ ސީދާ ގުޅުން ހުންނަ ކާޑުގެ ބާވަތް ފަދަ ތަކެތި ގަންނަން ޖެހުމުން ބަލަހައްޓައިގެން ތިބުމުގެ ބަދަލުގައި ރައްޔިތުންގެ ހައްގުގައި ޑޮލަރު ހޯދައިގެންވެސް މުދާ ގެންނަން ޖެހޭ ކަމުގައި ޔާމީން ވިދާޅުވިއެވެ.

”ޕޯޓު ހުއްޓޭކަށް ބަލަހައްޓައިގެން ނުތިބެވޭނެ ކޮމާޝަލް ބޭންކަކުން އެމްޕީއެލަށް ބޭނުންވާ ފައިސާ ނުލިބޭތީ. އެމީހުނަށް ބޭނުންވާ ޑޮލަރު ހޯދާނެ. ނިޔާޒްވެސް އެއްބަސްވި އެ ދެކުންފުނީގެ ބޯޑުން ފާސްކޮށްގެން އެގްރީމެންޓް ތަކަކާއި އެއްގޮތަށް ކުރިޔަށް ގެންދެވޭނެ ކަމަށް. އެއީ ސައްހަ މުއާމަލާތެއް.“ ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި އެކަމުގައި އޮޑިޓަރ ޖެނެރަލް ކަންބޮޑުވާން ޖެހޭނީ އުސޫލުން ބޭރުން އެކަން ހިނގާނަމައެވެ. އަދި ނިޔާޒު އެމްޕީއެލްގެ އޮޑިޓެއް އޭރު ނުހައްދަވާ ކަމަށާއި، އެމްއެމްޕީއާރުސީގެ މައްސަލަވެސް އޭރު ބަލަން ނުފަށާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

”އެކަމަކު މިހާރު މިހުރިހާ ކަމެއް ނިމުނީމަ (ހިނގީމަ) ރައީސް ކައިރީގަ ތިމަންނަ އެދުވަހުވެސް އެހެން ބުނީމޭ މިކަންކަން ހުއްޓުވިނަމަ މިހެނެއް ނުވީހޭ. ނޫން. އެއީ އެހެން އޮންނަ ކަމެއް ނޫން. އެކަން ހުއްޓުވަން ޖެހޭނީ އޮޑިޓަރ ޖެނެރަލް އާއި، އޭސީސީ. އެމީހުނަށް ނުވީމަ ދެން ރައީސް ކައިރީގަ ބުނާނީ ތިމަންނާމެނަށް އެކަމެއް ނުވިއޭ. ފިޔަވަޅު އަޅައިދޭށޭ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެގޮތަށް ފިޔަވަޅު އަޅަން އެދޭ ކަމަށް ވާނަމަ، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުވެސް ބަދަލު ކުރެވޭނެ ކަމަށާއި، ޓުއަރިޒަމް މިނިސްޓަރުވެސް ބަދަލު ކުރެވޭނެ ކަމަށާއި، ނައިބު ރައީސް ގާނޫނާ ހިލާފް ކަމެއް ކުރާކަން ރައީސަކަށް އެނގޭ ހިސާބުން އެކަންވެސް ހުއްޓުވޭނެ ކަމުގައެވެ.

 

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button