ލިވާތު މައްސަލާގައި އަނެއްކާވެސް އިތުރު 3 މީހަކު ހައްޔަރުކޮށްފި

ލިވާތު ކުރިކަމުގެ ތުހުމަތުގައި އަނެއްކާވެސް އިތުރު 3 މީހަކު ހައްޔަރު ކޮށްފިއެވެ.
ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް މުއްދަތު ޖަހައިފައިވަނީ 8 ސެޕްޓެމްބަރު 2022 ވީ ބުރާސްފަތި ދުވަހުއެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ މީހަކާއި، 47 އަހަރުގެ މީހެއްގެ އިތުރުން 50 އަހަރުގެ މީހެކެވެ. މި މީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ.
އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި މިމަހުގެ ހަވަނަ ދުވަހުވެސް ފުލުހުން ވަނީ ތިން މީހުން ހައްޔަރުކޮށްފަ އެވެ. މި މީހުންގެ ތެރެއިން 49 އަހަރުގެ މީހާއާއި 47 އަހަރުގެ މީހާގެ ބަންދަށް 14 ދުވަސްޖަހައި, އަދި 45 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް ޖަހާފައިވެއެވެ.
މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އަލަމްގިރާއެކު ޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވިއެވެ. އެ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް)، އަދި ފުލުހެއް ކަމުގައިވާ ޢަބްދުއްރަޙްމާން ރަފީއު (ދޮންދިގު) ހިމެނެއެވެ.
މި އެންމެން ހައްޔަރުކުރި ނަމަވެސް ޕީޖީ އޮފީހުގެ އެދުމުގެ މަތިން އެ އެންމެންވެސް ބަންދުން ދޫކޮށްލިއެވެ. ޕީޖީ އޮފީހުން ލަފާދިން ގޮތުގައި ލިވާތުކުރުމުގެ ކުށަކީ ޤާނޫނީ ގޮތުން ބޮޑު ކުށެއް ކަމުގައި ނުވެއެވެ. އަދި އެއީ ބަންދުގައި ބައިތިއްބާ ޒާތުގެ ކުށެއް ނޫން ކަމަށްވެސް ޕީޖީއިން ބުންޏެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތުގައި ހަތްމަހާއި ހަދުވަހަށް އަލަމްގީރް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.
7 މަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާފައިވަނީ އިއުތިރާފް ވުމުން ލުއި އަދަބު ދޭ ޤާނޫނުގެ ދަށުންނެވެ.