އެމްޕީއެލްގެ މުވައްޒަފުންގެ ފުލެޓުގެ އަގުގެ މައްސަލަ ހައްލެއް ނުވި

ކަނޑައަޅާފައިވާ ޑައުންޕޭމަންޓަކީ މުސާރަތަކާ ނުބަައްދަލު އަދަދެއް ކަަން ފާހަގަކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޑައުންޕޭމަންޓު ކުޑަކޮށްދޭން ފްލެޓު ލިބުނު އެ ކުންފުނީގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އެދިއްޖެެ އެވެ.
484 މުވައްޒަފަކު ސޮއިކޮށް ޑައުންޕޭމަންޓު މައްސަލައިގައި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބޭތޯ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން އެމްޕީއެލްގެ މުވައްޒަފުންގެ ތެރެއިންބަޔަކު ޕެޓިޝަން ކޮމިޓީއަށް ހާޒިރުކޮށްފައިވެއެވެ.
އެމްޕީއެލްގެ މުވައްޒަފުން ފަރާތުން ވާހަކަ ދެއްކި ނަވާޒު މުހައްމަދު ސައީދު ބުނީ މިހާރު ދީފައިވާ ޑައުންޕޭމަންޓް އޮޕްޝަންތައް ނަގައިގެން، ފްލެޓު ލިބުނު 534 މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުންނަށް ފްލެޓަށް ނުވަދެވޭނެ ކަމަށެވެ.
”ސްކީމްތަކާ އެއްޗެހީގައި ބައިވެރިވެގެން ތިބި މީހުންނަށް ވީމަ (މުސާރައިން) ވަރަށް ބޮޑެތި އަދަދުތަކުން ކަނޑާ, މުވައްޒަފުންގެ އަތުން މުސާރައިގެ ތިން ހާހާއި އަށް ހާހާއި ދޭތެރޭ އަގެއް އެބަ ކަނޑާ ސްކީމްތަކަށް އެކަނި ވެސް. މިހެން ހުންނަ ހަރަދުތައް ކަނޑާފައި އޮފީހުގައި އުޅޭ އާދައިގެ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބެނީ މަހަކު އެންމެ ހަ ހާސް ރުފިޔާ.“ ނަވާޒު ބުންޏެވެ.
ކުންފުނީގެ މުސާރަ އާއި ދިރިއުޅުމުގެ ހަރަދުތައް ހުންނަ ގޮތުން، މިއީ އާދައިގެ މުވައްޒަފަކަށް ދެއްކޭނެ އަދަދަކަށް ނުވާނެ ކަމަށް އޭނާ ބުންޏެވެ.
އެމްޕީއެލްގެ މެނޭޖުމަންޓުން ފްލެޓުތަކުގެ ޑައުން ޕޭމަންޓު ދައްކަން މުވައްޒަފުންނަށް ވަނީ ތިން ގޮތެއް ހުށަހަޅާފަ އެވެ. އެންމެ ފުރަތަމަ ހުށަހެޅީ ފްލެޓުތަކުގެ ޖުމްލަ އަގުގެ 20 ޕަސެންޓު ނުވަ މަހަށް ބަހާލައިގެން ދައްކާށެވެ. އޭރުން އެއް ކޮޓަރީގެ އެޕާޓްމަންޓެއްގެ ޑައުންޕޭމަންޓަށް ދައްކަން ޖެހެނީ 160،000ރ. އެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް ދައްކަން ޖެހެނީ 300،000ރ. އެވެ.
މުވައްޒަފުން މި އަގުތަކާ ދޭތެރޭ ހިތްހަމަނުޖެހުމުން ހުށަހެޅި ދެވަނަ ގޮތަކީ ފްލެޓު އަގު އަހަރު ދުވަހަށް ބަހާލައިގެން 15 ޕަސެންޓު ދައްކާށެވެ. އޭރުން އެއް ކޮޓަރި އެޕާޓްމަންޓަކަށް ދައްކަން ޖެހެނީ 120،000ރ. އެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންތަކަށް ދައްކަން ޖެހެނީ 216،000ރ. އެވެ.
އެންމެ ފަހުން ހުށަހެޅީ ގޮތަކީ އެއް ކޮޓަރީގެ ފުރަތަމަ ޑައުން ޕޭމަންޓަށް 40،000ރ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް 50،000ރ. އެވެ. އެކަމަކު މި ފައިސާ އެއްމަސް ދުވަސް ތެރޭ ދައްކަންޖެހެއެވެ. އަދި ޑައުންޕޭމަންޓުގެ ބާކީބައި ނުވަމަހަށް ބަހާލައިގެން 15 ޕަސެންޓު ދައްކަން ޖެހެ އެވެ.
މެނޭޖުމެންޓްއިން ހުށައަޅާފައިވާ މިތިން ގޮތުން ކުރެ އެއްގޮތަކީ ވެސް މުވައްޒަފުންނަށް ރަނގަޅު ގޮތެއް ނޫން ކަން ނަވާޒު ފާހަގަކުރިއެވެ. އެގޮތުން އެމްޕީއެލްގެ މުވައްޒަފުން ވަނީ، މުވައްޒަފުންނަށް ދެއްކޭނެ ޑައުން ޕޭމަންޓު އަދަދުތަކެއް ހުށަހަޅާފަ އެވެ. ފުރަތަމަ ގޮތަކީ ޑައުން ޕޭމަންޓާ ނުލާ ވަދެވެން އޮތް ކަމުގައި ވަނީ ނަމަ މުވައްޒަފުންނަށް އެ ފުރުސަތު ދިނުމެވެ. އޭރުން އެއް ކޮޓަރީގެ ތަނެއްގެ މަހު ކުލީގެ ގޮތުގައި މެއިންޓެނަންސް ފީ ހިމަނައިގެން ޖެހެނީ ގާތްގަނޑަކަށް 6500ރ. އެވެ. އަދި ދެ ކޮޓަރި ތަނަކަށް ޖެހެނީ ގާތްގަނޑަކަށް 12،000ރ. މުވައްޒަފުން ބުންޏެވެ. އަދި ކުލީގެ ގޮތުގައި އެމްޕީއެލްއަށް އެއް ކޮޓަރި އެޕާޓްމަންޓަކުން 1.3 މިލިއަން ރުފިޔާ އަދި ދެ ކޮޓަރި އެޕާޓްމަންޓަކުން 2.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވެއެވެ.
މިއީ މިހާރު އެއް ކޮޓަރި އެޕާޓްމަންޓެއް ވިއްކާ އަގު ކަމުގައިވާ 800،000ރ. އަދި ދެ ކޮޓަރި އެޕާޓްމަންޓެއް ވިއްކާ އަގު ކަމުގަައިވާ 1.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަގުތަކެކެވެ. މިގޮތުން ހަދައިފި ކަމުގައިވީ ނަމަވެސް ކުންފުންޏަކަށް ގެއްލުމެއް ނެތްކަމުގައި ވެސް ނަވާޒު ބުންޏެވެ.
ދެވަނަ ހުށައެޅުމެއްގެ ގޮތުގައި މުވައްޒަފުންގެ ފަރާތުން ހުށައަޅާފައިވަނީ ޑައުންޕޭމަންޓު ނަގާ ކަމުގައިވަނީނަމަ، އެއް ކޮޓަރި ފްލެޓަކަށް 25،000ރ. އަދި ދެ ކޮޓަރި 50،000ރ. އެވެ. އަދި، މަހު ކުއްޔަށް އެއް ކޮޓަރިއަށް 6000ރ. އަދި ދެ ކޮޓަރިއަށް 11،000ރ. އެވެ. އަދި މިގޮތަށް ދައްކާ އިރު ވެސް ޑައުންޕޭމަންޓް އެއް ފަހަރާ ދެއްކުމުގެ ބަދަލުގައި, ތިން މަހަށް ބަހާލަން މުވައްޒަފުން އެދިފައިވެއެވެ.
މިއީވެސް ކުންފުންޏަށް ދިގު މުއްދަތުން ފައިދާ އަދި މުވައްޒަފުންނަށް ވެސް ދެއްކޭނެ އަދަދުތަކެއް ކަމަށް ކޮމިޓީގައި ބައިވެރިވި މުވައްޒަފުން ބުނެއެވެ. އަދި މިހާރު އޮތް ގޮތަށް ފައިސާ ނުދައްކައިފިނަމަ ފްލެޓް އެއްބަސްވުން ބާތިލުކުރާނެ ކަމަށް ބުނަމުން އަންނައިރު، މިކަމުގައި އަވަސް ހައްލެއް ހޯދައިދޭން މަޖިލިސް މެމްބަރުން ކުރެން އެދުނެވެ. އަދި އޭނާވަނީ ތަނަށް ވަދެވޭނެ ދުވަހެއް ނޭނގި މިއަދަދުތަކެއް ނަގަން ނިންމި ސަބަބާ, ކުންފުނީގެ ނިޔަތާ މެދު ވެސް ސުވާލު އުފައްދާފަ އެވެ.
މިކަމާގުޅިގެން މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް އަޑުއެހުމަށްފަހު ކޮމިޓީން ނިންމީ އެމްޕީއެލްގެ މެނޭޖްމަންޓު ހާޒިރުކޮށްގެން މިކަމަށް ހައްލެއް ހޯދާށެވެ.
ހައްލު ހޯދުމުގެ މަރުހަލާގައި އަދިވެސް އޮތް މި މައްސަލައިގެ ތެރެއިން ދެން ފެންމަތިވީ ފްލެޓްތަކުގެ ހާލަތެވެ. އެނގިފައިވާގޮތުގައި ފްލެޓްތަކުގެ އިމާރާތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ތަނބުތަކާއި އެހެނިގެން ތަންތަނުގައި ރެނދުތައް އަޅާފައިވެއެވެ.
ކޮން ހައްލެއް ކިރާކަށް. ތިތަންވެސް ދޭނީ ކުއްޔަށް. އެހެންވީމަ ދައުލަތާ ހަވާލުކޮށް ސޯސަން ހައުސިންގެ ތެރެއަށް ވައްދާ. ސްޓެލްކޯ ފްލެޓްތައްވެސްހުރީ ކުއްޔަށްދީފަ މިހާރު.