
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރު ވައްޓާލަން އެހީއެއް ނުވާކަމަށް ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.
އުއްޗު މިފަދައިން ވިދާޅުވެފައި ވަނީ ރޭ ”ޓީވީއެމް“ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އުއްޗު ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަން އެއިރު ނިމުމަކަށް ގެންނަން އެއިނަގެ އެހީއަށް ބަޔަކުމީހުން އެދުނުކަމަށާއި އެހެން ނަމަވެސް އޭނާ އެމީހުންނަށް އެހީނުވާ ކަމަށެވެ. މިވީހާތަނަށް އެއްވެސް ސަރުކާރެއް ވައްޓާލަން އޭނާ އެހީވެފައި ނުވާނެކަމަށާއި އަދި އޭނާގެ އެހީއަށް އެދުނަސް އެކަން ނުކުރައްވަވާނެ ކަމަށް އުއްޗު ވަނީ އެޕުރޮގްރާމްގައި ވިދާޅުވެފައެވެ.
”އެއްވެސް އިރެެއްގައި އެއްވެސް ސަރުކާރެެއް ވައްޓާލަން އަޅުގަނޑު މަސައްްކަތެއް ނުކުރާނަން. ކުރިކަމެއް ވެސް ނޫން، ނުވެސް ކުރާނަން.“ އުއްޗު ވިދާޅުވިއެވެ.
އެކި ސަރުކާރުތަކުގެ އިސް ބޭބޭޕުޅުން ކަންކަމުގައި އެދުމުން ކަންކަން ކޮށްދީފައި ހުންނާނެ ކަމަށާއި، އެގޮތުން ސަރުކާރު ލޯނުތަކާ އަދި ކޮވިޑް-19 ގެ ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލުން ރައްޔިތުނަށް ހިދުމަތް ދޭން ސަރުކާރަށް އަގަކާނުލައި ދީފައި ވާނެކަން ވެސް އުއްޗު ވަނީ ވިދާޅުވެފައެވެ.