ޚަބަރުސިޔާސީ

ގައުމީ ސަލާމަތާ ބެހޭ ބިލު ބަލައިނުގަތުމަށް ނިންމުމަކީ ޑިމޮކްރަސީ އާއި ބީރައްޓެހި އަމަލެއް: އާދަމް ޝަރީފް

ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ ބިލު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ސުޕަމެޖޯރިޓީއިން ބަލައިނުގަތުމަށް ނިންމުމަކީ ޑިމޮކްރަސީ އާއި ބީރައްޓެހި އަމަލެއް ކަމުގައި އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި މެންބަރު އާދަމް ޝަރީފް މަޖިލީހުގެ އިދާރާއަށް ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވީ ޤައުމީ ސަލާމަތް ރައްކާތެރިކުރުމާއިއެކު ޤައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލޭފަދަ ކަންކަމާއި ނިރުބަވެރި ޙަމަލާތަކުން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތްކޮށް، ނޭޝަނަލް އިންޓެލިގެންސް ހަރުދަނާ ކުރުމާއެކު ކުއްލި ނުރައްކަލުގެ ޙާލަތުގައި ސަލާމަތީ ޚިދުމަތްތަކުން މަސައްކަތް ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމު ކުރުމަށް އެހީތެރިވެދިނުމުގެ މަތިވެރި މަޤުޞަދުގައި ކަމުގައެވެ.

އެބިލުގައި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތް ދިފާޢުކޮށް ރައްކާތެރި ކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރުމާއި، ޤައުމީ ސަލާމަތާބެހޭ ކައުންސިލާއި ނޭޝަނަލް އިންޓެލިޖެންސް ކޮމިޓީ އުފެއްދުމާއި، އެފަރާތްތަކުގެ ޒިންމާތަކާއި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމާގުޅިގެން ކަންކަން ކުރާނެގޮތްތައް ހިމަނާފައިވާނެކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

2016 ވަނަ އަހަރު ޤައުމީ ސަލާމަތާބެހޭ ބިލު ފަރުމާކުރަން ފެށީ ދިރާއްޖޭގެ ސިޔާސީ މާހައުލާއި މަލްޓިޕާޓީ ޑިމޮކްރަސީގެ ޅަފަތުގައި ކުރެވެމުންދިޔަ ތަޖުރިބާތަކަށް ރިޢާޔަތްކޮށްގެން ކަމަށާއި، ބިލު އެކުލަވާލައިފައިވާނީ އޭރު ރާއްޖޭގެ އަސްކަރިއްޔާގައި ތިއްބެވި ޤާނޫނީ ވަކީލުންގެ އިސްނެންގެވުމާއެކު، ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ޤައުމީ ސަލާމަތާބެހޭ ޤާނޫނުތައް ދިރާސާކޮށްގެންކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ. އަދި އެ ބިލަށް ދިވެހި ފުލުންގެ ލަފާ ހޯދައިފައިވާނެ ކަމަށާއި، އޭގެ ފަހުން 2021 ވަނަ އަހަރު އެބިލު މުރާޖަޢާކޮށް ބިލަށް ބަދަލުގެނެސްފައިވާނީ ސަރުކާރުގެ މުއައްސަސާތަކަށް އިދާރީ ބޮޑެތި ބަދަލުތަކެއް ނުގެނެސް، ޤައުމީ ސަލާމަތާބެހޭ ކަންކަން ތަރުތީބު ކުރެވޭނެގޮތުގެމަތިންކަން އޭނާ ފާހަގަކުރެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވިގޮތުގައި ޤައުމީ ސަލާމަތާބެހޭ ބިލު ރާއްޖޭގެ އެއްވެސް ޤާނޫނަކާ ތަޢާރަޒެއް ނުވެއެވެ. ބިލަށް ވާހަކަ ދެއްކެވި އެއްވެސް މެންބަރަކު ބިލުގައި މައްސަލައެއް ހުރިކަމަކަށް ފާހަގަ ކުރައްވާފައެއް ނުވާ ކަމަށާއި، ޤައުމީ ސަލާމަތާބެހޭ ބިލެއް ބޭނުންވާކަން ގިނަ މެންބަރުން ފާހަގަ ކުރައްވާފައިކަމަށް އޭނާ ވިދާޅުވިއެވެ.

”ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާއަށްފަހު ބިލު ފާސްކުރިނަމަ ރާއްޖޭގެ ޤައުމީ ސަލާމަތް ދިފާޢުކޮށް ރައްކާތެރިކޮށް، ލާދީނީ ފިކުރާއި ހަރުކަށި ފިކުރުގެތެރެއިން ދިވެހިންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރަމުންދާ މަސައްކަތް މަދު ކުރެވި، ބޭރު ޤައުމުތަކުގެ ސިޔާސީ، އިޤްތިޞާދީ، ޢަސްކަރީ ނުފޫޒުތަކުން ރައްކާތެރިވުމަށް މަގުފަހިކުރެވުނީހެވެ. އަދި ދިވެހިރާއްޖޭގެ ނޭޝަނަލް އިންޓެލިޖެންސް މިހާރަށްވުރެ ހަރުދަނާ ކުރެވުނީސް.“ އާދަމް ޝަރީފް ވިދާޅުވިއެވެ.

އެއްވެސް އަސާސެއް، މަޤުބޫލު އުޒުރެއް ނެތި، ޤައުމީ ސަލާމަތާބެހޭ ބިލު ބަލައިނުގަތުމަށް ރޫލިންގ ޕާޓީ (އެމް.ޑީ.ޕީ) ގެ އަޣުލަބިއްޔަތުން ނިންމުމަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ހަމަތަކާއި އަގުކުރާ ކަންކަމާ ނުހަނު ބީރައްޓެހި، ސަރުކާރާ ވާދަވެރި މެންބަރުންގެ އަޑު ކަނޑުވާލުމަށް ހިންގި ނާތަހުޒީބު އަމަލެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ރޫލިންގ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރޝިޕަށް ގެނައި ބަދަލުތަކާއެކު، މިހާރަކަށް އައިސް ރައްޔިތުން ކަންބޮޑުވާ ބޮޑެތި މައްސަލަތައް ބަލައިނުގަންނަކަން ހިތާމައާއިއެކު ފާހަގަ ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ ޒިންމާ އަދާކުރުމަށް ހުރަސްއެޅެކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ސުޕަރމެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ހިފުމަކީ ޒިންމާދާރުގޮތެއް ނޫން ކަމުގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ހަރުދަނާ ޚިޔާލުތަކަށް މަރުޙަބާ ކިޔާ މެންބަރުންނަށްވުމަށް ވުމަކީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އަދި ޤާނޫނުއަސާސީގެ ތިންވަނަ ބާބުން ލާޒިކުކުރާ ކަމެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެހެން ނަމަވެސް ޤައުމީ ސަލާމަތާބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ވާދަވެރި މެންބަރުންނާއި ރޫލިންގ ޕާޓީގެ ބައެއް މެންބަރުން ބިނާކުރަނިވި ވާހަކަފުޅުތަކެއް ދެއްކެވިކަން އުފަލާއެކު ފާހަގަ ކުރާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ޚާއްޞަގޮތެއްގައި މި ބިލު ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދެއްވައި، ބަހުސްގެ މަރުހަލާ އެކަށީގެންވާގޮތެއްގައި ވިލަރެސްކޮށްދެއްވިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button