
ދަގަނޑު ހޮޅިޔާއި ޓިނުން އިމާރަތްހަދާ ނަންބޯޑު ޖެހުމުން އެއީ ހެޔޮވެރިކަން ކުރެވުނީ ކަމުގައި ނުވާނެކަމަށް ކުރީގެ އިލެކްޝަން ކޮމިޝަން މެމްބަރު, އަދި ޕީޕީއެމްގެ ކުރީގެ ސެކެޓްރީޖެނެރަލް މުހައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަންވެސް ކުރައްވާފައިވާ ޝަކީލު މިހެން ވިދާޅުވީ އެބޭފުޅާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ޝަކީލު ވިދާޅުވީ ވެރިކަމަށް 4 އަހަރު ފުރޭއިރު 30،000 މީހުން ދިރިއުޅޭ ސިޓީއެެއްގައި ދަގަނޑު ހޮޅިއާ ޓިނުން 2 ގުދަން ހަދައި، އެއްތަނުގައި މިސްކިތުގެ ނަންބޯޑު ޖަހައި، އަނެއް ގުދަނުގައި ސްކޫލެއްގެ ނަންބޯޑު ޖެހުމުން ރައްޔިތުންނަށް ހެޔޮވެރިކަން ކޮށްދެވޭ ކަމަކަށް ނުވާނެ ކަމުގައެވެ.
މިކަމާ ގުޅޭ ގޮތުން ސަރުކާރަށް ޝަކީލުގެ ފާޑުކިޔުން އަމާޒުވެފައިމިވަނީ, ހުޅުމާލެ ފިޔަވަހި 2 ގައި ހުޅުުވުނު ފުރަތަމަ ސުކޫލު ކަމުގައިވާ އަހުމަދު ކާމިލް ސުކޫލަށް އެތައް ހަރަދެއް ކޮށް, އެކަށީގެންވާ ފެންވަރެއްގައި އެތަން ހެދިފައި ނެތުމުން އެކަމާ ބެހޭގޮތުން އެތައް ބަޔަކު ފާޑުކިޔަމުންދާ ވަގުތެއްގައެވެ.
އެނގިފައިވާގޮތުގައި އެތަން ހެދުމަށް 23 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ. ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 6 އާ ހަމައަށް ކިޔަވައިދޭ މި ސްކޫލު ޑިޒައިންކުރީ އެޗްޑީސީންނެވެ. އެ މަސައްކަތް މިދިޔަ މާޗު މަހު، އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ 165 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.