ޓީޗަރަށް އަނިޔާކުރި ކަމަށް ބުނެ ފުލުހުން މީހަކު ހައްޔަރު ކޮށްފި

ޓިއުޝަން ނަގައިދޭން ކަމަށް ބުނެ ހުޅުމާލެ ސުކޫލެއްގެ ފިރިހެން ޓީޗަރަކު 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ގެއަށް ގެންގޮސް ބަދުއަހްލާގީ ވީޑިއޯ ދައްކައި އެކުއްޖާއަށް ޖިންސީގޯނާ ކުރި މައްސަލައިގައި އެ ޓީޗަރަށް އަނިޔާކުރި ކަމަށް ބުނެ ފުލުހުން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އިއްޔެ ހައްޔަރުކުރީ އުމުރުން 35 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ގިނަ އަދަދެއްގެ ބަޔަކު ނިކުމެ އެޓީޗަރު ހޯދަން ޖެހުނީ ކަމާބެހޭ ފަރާއްތަކަށް މައްސަލަ ހުށައެޅުމުން ވެސް އކަން ނުބެލުމުން ކަމަށް އެތަނަށް އެވި މީހުން ގޮވާމުން ދިޔައެވެ. އާންމުންގެ ތެރޭގައި އެ ޓީޗަރު ބަހައްޓައިގެން ސުވާލުކޮށް އޭނާ އެ ދަރިވަރަށް ހެދި ގޮތް ކިޔަ ނުދިނުމަށް އާމުން އެދެމުން ދިޔައެވެ. ޖަވާބުތަށް ލަސްވުމުން ބަޔަކު ވަނީ އޭނާގެ ގައިގައި ތަޅާ އަނިޔާކުރުމަށްފަހު، ލައިގެން ހުރި ޓީޝާޓާއި ފަޓުލޫނުވެސް ބާލުވާފައެވެ.
އޭގެ ފަހުން އޭނާ ވަނީ ކަން ހިނގައި ދިޔަގޮތް ކިޔައިދީފައެވެ. އެގޮތުން އޭނާ ބުނީ އުމުރުން 12 އަހަރުގެ ފިރިހެން ދަރިވަރަކަށް ޓިއުޝަންދޭން ކަމަށްބުނެ އޭނާ ދިރިއުޅޭ ގެއަށް ގެންދިޔަކަމަށާއި، ގެންގޮސް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށާއި އަދި ބަދުއަހްލާގީ ވީޑިއޯ ދެއްކި ކަމަށެވެ. އެ ޓީޗަރު ވަނީ ގިނަ ބައެއްގެ ކުރިމަތީގައި އެކަން ކުރިކަމަށް އެއްބަސްވެފައެވެ.