ދިވެހި ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ ފަރާތުން މިހާރަށްވުރެވެސް ބޮޑަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.
ނައިބު ފައިޞަލް މިކަމަށް އެދިވަޑައިގެންނެވީ، މިއަދު ފާހަގަކުރާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާއި ގުޅިގެން ބޭއްވި، މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ފައިޞަލްގެ ވާހަކަފުޅުގައި ވަނީ، ދިވެހިފުލުހުންގެ ޚިދުމަތް ވަކި މަދަނީ ޚިދުމަތެއްގެ ފެށި ޚިދުމަތް ދެވެމުން އަންނަތާ 18 އަހަރު ފުރިގެން ދިޔައިރު، ދިވެހި ފުލުހުންގެ ޚިދުމަަތަށް އެތައް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވިކަން ފާހަގަކުރައްވާފައެވެ.
ނައިބު ފައިޞަލް އިތުރަށް ވިދާޅުވެފައި ވަނީ ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ދެމިއޮންނާނީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް އާއި އެއްގޮތަށް ވީހާވެސް ރަނގަޅަށް އަދި ހަމަހަމަގޮތެއްގައި ރައްޔިތުންނަށް ޚިދުމަތްދިނުމަށް ކުރެވޭ މަސައްކަތްތަކެއްގެ މައްޗަށް ކަމަށެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދިވެހިފުލުހުން ބުރަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެެވެ.
މިޖަލްސާގައި ފުލުހުންގެ ޚިދުމަތުގައި 25 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންތަކުގެ ފުލުހުންނާއި ޓެކްނިކަލް ޑިރެކްޓަރ މަޤާމުގެ އާއްމު މުވައްޒަފުންނަށް، ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ނައިބު ފައިޞަލްއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ، 1 ސެޕްޓެމްބަރ 2004ގައެވެ.