ޚަބަރު

ބުޅާ ކްލިނިކް ހަދަން ވިލިމާލޭ މެޖޯރިޓީ ރައްޔިތުން ބޭނުމެއް ނުވޭ: ނަހުލާ

ބުޅާ ކްލިނިކް ހަދަން ވިލިމާލޭ މެޖޯރިޓީ ރައްޔިތުން ބޭނުން ނުވާ ކަމުގައި މާލެ ސިޓީގެ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

ނަހުލާ އަލީ މިފަދައިން ވިދާޅުވީ ބުޅަލަށް ބޯހިޔާވަހިކަމާއި، ކްލިނިކުގެ ހިދުމަތް ވިލިމާލޭގައި ގާއިމްކުރުމަށް ފާސްކުރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 65 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މި ޖަލްސާގައި ނަހުލާ ވިދާޅުވީ ބަލި ބުޅާތައް ވިލިމާލޭގައި ގިނަ ކަމަށާއި، ވެލި ހުންނަ ރަށަކަށް ވުމުން ބުޅަލުގެ ނަޖިސް އެކި ތަންތަނުގައި ހުންނަ ކަމުގެ ޝަކުވާ ރައްޔިތުން ކުރާ ކަމުގައެވެ.

”އަޅުގަނޑު މި ދައްކަނީ އަމިއްލަ ވާހަކައެއް ނޫން. އަޅުގަނޑަކީ ރައްޔިތުން ތަމްސީލް ކުރަން އައިސް ހުރި މީހެއް. ވިލިމާލެ މެޖޯރިޓީ ރައްޔިތުންގެ ތާއީދު އޮތް ކަމެއް ނޫން މިއީ.“ ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ފާހަގަކުރެއްވިގޮތުގައި އޭނާ އަކީ ވިލިމާލެ ރައްޔިތުންގެ މެޖޯރިޓީއާއި އެކު ކައުންސިލަށް އިންތިހާބުވި ބޭފުޅެކެވެ. ބޮޑުތަނުން ވޯޓުގެ ފަރަގު އޮވެގެން އިންތިހާބުވިކަން އަމިއްލަ އަށް ވިދާޅުވުމަށްފަހު ނަހުލާ އެދިވަޑައިގަތަކީ އެގޮތަށް އެކަން ނުކުރުމަށެވެ.

އެހެން ނަމަވެސް ނަހުލާ ފިޔަވައި ޖަލްސާގައި ބައިވެރިވި 12 މެންބަރުން ވަނީ  ބުޅަލަށް ބޯހިޔާވަހިކަމާއި، ކްލިނިކުގެ ހިދުމަތް ވިލިމާލޭގައި ގާއިމްކުރުމަށް ފާސްކޮށްފައެވެ.

”ވިމާލޭގެ މިކަން ކުރާކަށް ތާއީދު ކުރެވޭކަށް ނެތް. މާލެ ސިޓީ އެހެން އަވަށެއްގަ މިކަން ކުރާކަށްވެސް ބޭނުމެއް ނޫން. މިއީ ބޮޑު ތުރާލަކަށް ވެފަ އޮތް ކަމެއް.“ ނަހުލާ ވިދާޅުވިއެވެ.

ނަހުލާ މިހެން ވިދާޅުވިއިރު ދިވެހިރާއްޖޭގައި ބުޅާ އޮޅުކޮށްގެންނާއި އަދި އެނޫން ގޮތްގޮތަށްވެސް ބުޅާ ދެކެ ލޯބިވާ 34،000 އަށްވުރެ ގިނަ މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިއުނިޓީއެއް އޮވެއެވެ. އަދި ބުޅާތަކަށް އެކަށީގެންވާ މާހައުލަކާ ބޭސްފަރުވާގެ ހިދުމަތް ލިބިގެން ދިއުމަކީ އެމީހުންގެ ވަރަށް ބޮޑު އުންމީދެކެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button