
ލ.ހިތަދޫ ސްކޫލުގެ ހާލަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ސައީދު އޮޅުންފިލުވަން ބޭނުންފުޅުވި ކަންކަން 4 މަހާ 8 ދުވަސް ފަހުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ ސާފުކޮށްދެއްވައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި މެންބަރު ސައީދު ވަނީ ހިތަދޫ ސްކޫލާ ގުޅިގެން މިނިސްޓަރ އާއިޝަތު އަލީ އާއި ސުވާލު ކުރައްވާފައެވެ. އެގޮތުން ހިތަދޫ ސްކޫލުގައި 37 ޓީޗަރުން ބޭނުންކުރުމަށް ސްޓާފް ރޫމްގައި މިވަގުތު ހުރި 2 ކޮމްޕިއުޓަރާއި، ސްޓާފް ރޫމްގެ އޭސީ ހަލާކުވެފައި ހުންނަތާ އަހަރެއްހާ ދުވަސް ވެފައިވާ ކަމަށާއި، ސްޓާފް ރޫމަށް ކޮމްޕިއުޓަރ އިތުރުކުރައްވަން މިނިސްޓަރ ގަސްދު ކުރައްވަންތޯ އަދި ކުރައްވާނަމަ،
ކިހާ ދުވަހެއްގެ ތެރޭގައި އިތުރު ކޮމްޕިއުޓަރުތައް ލިބޭނެތޯ އާއި، ސްޓާފް ރޫމްގެ އޭސީ ރަނގަޅުކުރަން
ކިހާ ދުވަހެއް ނަގާނެ ތޯ ސައީދު ސުވާލު ކުރެއްވިއެވެ.
ޖަވާބުގައި މިނިސްޓަރ އާއިޝަތު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގިނަ ސްކޫލްތަކުގެ ކޮމްޕިއުޓަރު ހުރީ އައުޓްޑޭޓްވެ ހަލާކުވެފައި ކަމުގައެވެ. އަދި މިހާތަނަށް 862 ކޮމްޕިއުޓަރާއި 420 ލެޕްޓޮޕް އަލަށް ހޯދިފައިވާ ކަމުގައެވެ.
2019 އިން މިހާތަނަށް 17.5 މިލިއަން ރުފިޔާ އެކަމަށް ހަރަދުކޮށްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ލ.ހިތަދޫއަށް 3 ކޮމްޕިއުޓަރާ 2 ލްޕެޓޮޕް ފޮނުވާފައިވާ ކަމުގައެވެ.
”ރިކުއެސްޓް އައިމަ ދެއްތޯ އެނގޭނީ. އެންމެ ފަހުން ރިކުއެއްސްޓް ފޮނުވީ 27 އެޕްރީލް 2022. 28 އެޕްރީލްގަ އަޅުގަނޑުމެން ޕްރޮސެސް ކޮށްފިން.“ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަ އާއިޝަތު އެކަން އޮޅުން ފިލުވައިދިނުމުން ސައީދު ވަނީ އެކަމުގައި އިތުރަށް ކުރާނެ ސުވާލެއް ނެތް ކަމަށް ވިދާޅުވެފައެވެ.