ކާނަލް ނަޝީދުގެ ޝަރީއަތް މިއަދު ފަށަނީ
ލިވާތުކުރި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދުގެ ޝަރީއަތް މިއަދު ފަށަން ތާވަލްކޮށްފިއެވެ.
ކާނަލްގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ތިނެއް ޖަހާއިރު ކްރިމިނަލް ކޯޓުގައެވެ.
ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެއްޖިންސުން ގުޅުންހިންގި ކަމުގެ ތުހުމަތެވެ.
މީގެ ކުޑަދުވަސް ކޮޅެއް ކުރިން ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި އާއި އެކު ކާނަލް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެކަމަކު ކާނަލް މީގެ ކުރިން ވިދާޅުވެފައިވަނީ އޭނާ އަލަމްގިރި އުޅޭ ކޮޓަރިއަށް ދިޔައީ ބަޔަކު ގުޅައިގެން ބިޒްނަސް މީޓިން އަކަށް ކަމަށާއި، ގާނޫނާ ހިލާފް އެއްވެސް ކަމެއް ނުކުރާ ކަމުގައެވެ.
ލިވާތު ކުރި ކަމުގެ ދައުވާ ބަންގްލަދޭޝްގެ އަލަމްގީރްގެ އިތުރުން މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހުމަދު ނާޒިމް އަބްދުއްސައްތާރު އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު (ދޮންދިގު)ގެ މައްޗަށް ކޮށްފައިވެއެވެ.
އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި މީގެކުރިން ހައްޔަރުކުރި މީހުންގެ ތެރެއިން އަލަމްގީރް ފިޔަވާ ބާކީ ތިބި އެންމެން އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނަ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމުމާ ގުޅިގެން އެމީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ.