ކެތްތެރިކަން ކޮޅުންލައި، ރެސްޓޯރެންޓްތަކުގެ ވެރިން މުޒާހަރާއަށް ނިކުންނަނީ
މާލެ ސަރަހައްދުގައި ކޯވިޑް-19 ގެ ހާލަތު ގޯސް ވުމާއި ގުޅިގެން މި ކެފޭ އަދި ރެސްޓޯރެންޓްތަކުގައި ތިބެގެން ކެއުން ބުއިމުގެ ހިދުމަތް ހޯދުން މެދުކަނޑާލާފައިވާތީ އެކަމާއި ދެކޮޅަށް އަޑު އުފުލައި މުޒާހަރާ އަށް ނިކުތުމަށް ރެސްޓޯރެންޓް އެސޯސިއޭޝަން (ރޭމް) އިން ނިންމައިފިއެވެ.
މި ގޮތަށް ހިދުމަތް ހޯދުން މެދުކަނޑާލިތާ މިހާރު ވަނީ މަހަކަށް ވުރެ ގިނަ ދުވަސް ވެފައެވެ. މިކަމުގެ ސަބަބުން އެ ވިޔަފާރި ތަކައް ގެއްލުން ވާކަމަށް އެތަންތަނުގެ ވެރިން އަންނަނީ ބުނަމުންނެވެ.
”ލައްކަ ދުވަހު މިހެން ތިބެވިއްޖެ. މިވާހަކަތައް އަޑު އަހާނެ ކަންފަތެއް ސަރުކާރަކު ނެތް. ދެން ޖެހޭނީ މަގުމައްޗަށް ނިކުމެ އަޑު އިއްވަން.“ އެސޯސިއޭޝަންގެ މެމްބަރަކު ”ބޮންތި“ އަށް ކިޔައިދިނެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ”ކާންދޭ އަތުގައި ދަތް ނަޅާ“ މި ނަމުގައެވެ. މި ހަރަކާތް އޮންނާނީ ހޯމަ ދުވަހުގެ ހަވީރު 4.00 ކާނިވާ ސްޓޭޖް ސަރަހައްދުގައެވެ. އަދި މި ހަރަކާތުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވުމަކީ އެ އެސޯސިއޭޝަނުގެ ވަރަށް ބޮޑު އެދުމެކެވެ.
ރޭމް އިން ހޯމަ ދުވަހު މުޒާހަރާކުރަން ނިންމާފައިވާއިރު، އެވަގުތަކީ ކާފިއު ވަގުތު ކަމުން ޒަރޫރީ ބޭނުމަކަށް ނޫނީ ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ. އަދި އެވަގުތުކުގައި ބޭރަށް ނިކުތުމަށް ފުލުހުންގެ ހުއްދަ ބޭނުންވާނެއެވެ.