ގަބޫލުކުރަންވީ ކާކުގެ ވާހަކައެއް؟

މި ދުވަސްވަރަކީ އަންހެން ކުދިން ހިތާނު ކުރުމަކީ ދީނުގައި އޮންނަކަމެއް ކަމާއިމެދު ގިނަ ބައެއްގެ މެދުގައި ބަހުސް ކުރެވެމުންދާ ދުވަސްވަރެކެވެ. މި ކަމުގައި އެކި މީހުން ގަބޫލު ކުރަނީ އެކި ގޮތަށެވެ. އެކި އިލްމުވެރިންވެސް މިކަމުގައި ގަބޫލު ކުރަނީ އެކި ގޮތަށެވެ.
ކުރީގެ ރައީސް، އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ގަބޫލުފުޅުކުރައްވާގޮތުގައި އަންހެން ކުދިން ހިތާނު ކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫނެވެ. އެމަނިކުފާނު މިކަމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިސްލާމްދީނުގައި ކަމެއް އޮތްކަމަށް ބުނެވޭނީ ސައްހަ ޝަރުއީ ދަލީލަކުން އެކަން އެނގެން އޮންނަ ނަމައެވެ. އަދި އަންހެން ކުދިން ހިތާނު ކުރުން ހުއްދަ ކުރާ އެއްވެސް ދަލީލެއް ކީރިތި ގުރުއާނާއި ސައްހަ ހަދީސެއްގައިވެސް ނެތްކަން މައުމޫނު ވަނީ ފާހަގަކުރަށްވާފައެވެ.
އިސްލާމްދީނުގައި ކަމެއް އޮތްކަމަށް ބުނެވޭނީ ޞައްޙަ ޝަރްޢީދަލީލަކުން އެކަން ސާބިތުވާން އޮތިއްޔާ. އަންހެންކުދިން ޚިތާންކުރުން ހުއްދަކުރާ އެފަދަދަލީލެއް ކީރިތި ޤުރްއާނުގައިވެސް ޞައްޙަ ޙަދީސެއްގައިވެސްނެތްކަމަށް މަޝްހޫރުޢިލްމުވެރިޔާ އިބްނުލްމުންޒިރު ވިދާޅުވެފައިވޭ. pic.twitter.com/qSJuPucoOZ
— Maumoon Abdul Gayoom (@maumoonagayoom) June 25, 2021
ނަމަވެސް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް މިކަމުގައި ދެކެވަޑައިގަންނަވަނީ މުޅިން ތަފާތު ގޮތަކަށެވެ. އިޔާޒް ގަބޫލުކުރައްވާގޮތުގައި އަންހެންކުދިން ހިތާނު ކުރުމަކީ އިސްލާމް ދީނުގައި އޮންނަ ކަމެކެވެ. ނަމަވެސް އެއީ ވާޖިބެއް ނޫން ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އަންހެންކުދިން ހިތާނުކުރުމަކީ ފީމޭލް ޖެނިޓަލް މިއުޓިލޭޝަން އާއި މުޅިން ތަފާތު ކަމެއް ކަމުގައި އިޔާޒު ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަންހެން ކުދިން ހިތާނު ކުރުމަކީ އިސްލާމްދީނުގައި ނެތް ކަމެއްގެ ގޮތުގައި ނުނިންމޭނެ ކަމަށެވެ.
Anhen kudhin khithaanu kurumaky Dheenugai neiy kameh kamah bunumaky DHOGEH. Aee oiy kameh. Namaves VAAJIBEH noon.
Anhen kudhin khithaanu kurumaai FGM aai thafaathu.https://t.co/CaZ3u1zQ6h— Dr.Mohamed Iyaz (@dr_iyaz) June 25, 2021
އަންހެން ކުދިން ހިތާނު ކުރުމާއި ގުޅޭގޮތުން ބަހުސް ކުރެވެމުންދާ ދަނޑިވަޅެއްގައި ދެ އިލްމުވެރިއެއްގެ ދެމެދުގައި މިވަނީ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އާންމުންގެ ހިތްތަކުގައި އެތަކެއް ސުވާލުތަކެއް މިހާރު ވަނީ އުފެދިފައެވެ. ގަބޫލު ކުރަންވީ ކޮން އިލްމުވެރިއެއް ދައްކާ ވާހަކައެއް ހެއްޔެވެ. މިތަނުން ތެދުކުރަންވީ ކޮން ބޭފުޅެއްގެ ބަސް ހެއްޔެވެ. އިސްލާމް ދީނުގައި މިކަމާއި މެދު އަސްލު އޮންނަ ގޮތަކީ ކޮބައި ހެއްޔެވެ. އިލްމުވެރިންގެ ޖަމްއިއްޔާތަކުން ތެދުވެ އާންމުންނަށް މިކަން ތިލަ ކޮށްދޭން އެބަޖެހެއެވެ.