ޚަބަރު

ބޮޑު އިހުމާލެއް: ފުވައްމުލައް ސިޓީ ފެނުގެ ނެޓުވޯކުން އެތައް ޓަނެއްގެ ފެން ލީކުވެ ބިމަށް ހިނދެނީ

ފުވައްމުލައް ސިޓީގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމުން އެތައް ޓަނެއްގެ ފެން ލީކުވެ ބިމަށް ހިނދެމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފެނުގެ ނެޓުވޯކުން ފެން ލީކުވުމުގެ މައްސަލައަކީ މީގެ ކުރިންވެސް އެރަށު ފެނުގެ ނިޒާމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަށް ވާއިރު، ފެނާއި ނަރުދަމާގެ ނިޒާމު ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދު ވަނީ އެކިފަހަރު މަތިން އެކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމަކު މިއަދާ ހަމައަށް އައިިއިރުވެސް އެކަން ހައްލު ނުކުރެވި، ދުވާލެއްގެ މައްޗަށް 40 ޓަނުގެ ފެން ލީކުވާ ކަމުގައި މައުލޫމާތު އެނގޭ ފުވައްމުލަކު ފެނަކައިގައި މަސައްކަތް ކޮށްފައިވާ މުވައްޒަފަކު ވަނީ ”ބޮންތި“ އަށް ކިޔައިދީފައެވެ.

”ކުއްލިޔަކަށް މިއަދު ތާރު އަޅަން ބެލިއިރު ފެނުގެ ނިޒާމް ރަނގަޅު ކޮށްގެން ނޫނީ އެކަން ކުރެވޭކަށް ނެތް. މިއީ މާ ކުރިންވެސް އެނގޭ ކަމެއް. ހަމަ ފަރުވާ ކުޑަވުމުގެ އިންތިހާ މި ފެނުނީ.“ އޭނާ ބުންޏެވެ.

އެމްޓީސީސީއާއި ހަވާލުކޮށްގެން ފުވައްމުލަކުގައި ކުރިޔަށް ގެންދަން ނިންމި ތާރު އެޅުމުގެ މަޝްރޫއު ހުއްޓިފައިވާއިރު، އެކަމުގެ ޒިންމާ ނަގަންޖެހެނީ ފުވައްމުލައް ފެނަކައިން ކަމަށް ކަނޑައަޅައި، މައި ކުންފުނިން ވަނީ ފުވައްމުލަކު ފެނަކަ ހިންގެވުމާ ހަވާލުވެ ހުންނެވި ހުސެއިން ޝާފީ އިބްރާހީމް އާއި ފެނުގެ ކަންކަން ބަލަހައްޓަވާ އިސް މެނޭޖަރު އިބްރާހީމް އަބްދުﷲ މިއަދު ސަސްޕެންޑު ކޮށްފައެވެ. އަދި 3 ހަފްތާގެ ތެރޭގައި މައްސަލަ ހައްލުކޮށް ތާރު އެޅުމަށް މަގުފަހިކޮށްދެވޭނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. 

މިކަމާ ގުޅިގެން ޝާފީގެ ބަހެއް ލިބޭތޯ ”ބޮންތި“ އިން ގުޅާލުމުން އޭނާ ވިދާޅުވީ އެކަމާ ގުޅިގެން އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމުގައެވެ. އެކަމަކު އޭނާ ސަސްޕެންޑު ކުރިކަން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ޝާފީ އާއި އިބްރާހީމް ސަސްޕެންޑު ކުރީ ފެނުގެ ނިޒާމުން ބިމަށް ފެން ހިނދޭކަމުގެ ކަންބޮޑުވުން ފުވައްމުލަކު ސިޓީ ކައުންސިލާ ހިއްސާ ކުރި ފަހުން ރޭގެ ވަގުތެއްގައެވެ. މައުލޫމާތު އެނގޭ މީހަކު ”ބޮންތި“ އަށް ކިޔައިދިންގޮތުގައި އެ ދެމީހުން ސަސްޕެންޑު ކުރީ ފެނަކަ އެމްޑީ ސައީދުގެ އެންގުމަށެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ދުވަސްވަރު ފުވައްމުލަކު ފެނަކައިގެ އައު އިންޖީނުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެމްޑީ ސައީދު ވަނީ ފެނުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ. އެކަމަކު އެކަން ހައްލު ނުވެ ދިގުލައިގެން ދިޔުމުގެ ސަބަބުން އެންވަޔަރުމެންޓް މިނިސްޓްރީގެ އަމިއްލަ އިސްނެގުމަށް ފެނަކަ އާއި ސިޓީ ކައުންސިލްގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި އެ މިނިސްޓްރީއިން ވަނީ ފެނުގެ ނިޒާމަށް މައްސަލަ ޖެހިފައިވާ ސަރަހައްދު ފާހަގަކޮށްދިނުމަށް އެދިފައެވެ. އޭރު އެ މަޝްރޫއު އޭރު ހިންގި ކޮންޓްރެކްޓަރ ”ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް“ އޮތީ މިނިސްޓްރީ އާއި ގުޅިގެން އަމިއްލަ ހަރަދުގައި އެކަން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައެވެ. އެކަމަކު ފެނަކައިގެ އެމްޑީ ސައީދު ވަނީ އެކަމަށް އިންކާރު ކުރައްވައި އެ ކުންފުނިން އެކަމަށް ހައްލެއް ހޯއްދަވާނެ ކަމަށް ވިދާޅުވުމަށްފަހު ކޮންޓްރެކްޓަރ ފޮނުވާލާފައެވެ.

”އޭރު ތިބި ސިސްޓަމް ޑިޒައިނަރުންނާ ސިސްޓަމް ޕްރޮވައިޑަރުން. މަސައްކަތުގެ މައްސަލައެއް އުޅޭނަމަ ހައްލުކޮށްދޭނަމޭ ބުނީމަވެސް އެމީހުން ފޮނުވާލީ. މަސައްކަތެއް ނިމޭއިރު، މައްސަލަތަކެއް ހުރެދާނެ. ގޯސްވެސް ހަދާފަ ހުރެދާނެ. އެނގޭނީ ބަލާފަ. އެކަން ކުރި ބަޔަކު ލައްވާ ރަނގަޅު ކުރުވީމަ ނިމުނީ. މައްސަލައަކީ ކަންކަމާ އުޅެންވާ ގޮތަށް ނޫޅުން.“ މައުލޫމާތު އެނގޭ ފެނަކައިގެ މުވައްޒަފަކު ބުންޏެވެ.

އެއަށްފަހު އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ކޮންމެ ގެއެއްގައި ހަރުކޮށްފައި ހުރި ކެޗްޕިޓްތައް ބަދަލު ކުރަން ސައީދު ނިންމީއެވެ. އެގޮތުން ބަޔަކު ލައްވައި ކެޗްޕިޓްތައް ގެނެސް ސަރުކާރުގެ ފިކުރަށް ތާއީދު ކުރާ ބަޔަކާ ހަވާލުކޮށްގެން ކެޗްޕިޓެއް 500 ރުފިޔާގެ މަގުން ގެތަކުގައި އަލުން ހަރުކުރި ކަމަށްވެސް މައުލޫމާތު އެނގޭ ފަރާތަކުން ”ބޮންތި“ އާއި ހިއްސާ ކުރިއެވެ.

ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ މަޝްރޫއު ނިމުމަކާ ގާތްވެފައި ވަނިކޮށް، ސަރުކާރު ބަދަލުވުމާ ގުޅިގެން މަޝްރޫއުގެ ގްރޭސް ޕީރިއަޑުގެ މުއްދަތުގެ ތެރޭގައި ހަވާލުވީ ފެނަކައިންނެވެ. އެކަމަކު ނަރުދަމާގެ ބޮޑެތި މައްސަލަތަކެއް ދިމާވުމާ ގުޅިގެން މިއަދާ ހަމައަށް އައި އިރު، ކޮންޓެރެކްޓަރ ފޮނުވާލުމަށްފަހު ފެނަކައަށް އެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވިފައެއް ނުވެއެވެ. 

މައުލޫމާތު އެނގޭ ފުވައްމުލަކު މީހަކު ހާމަކޮށްފައިވާގޮތުގައި 2021 ވަނަ އަހަރާ ހަމައަށް އައިއިރު، ފެން އުފައްދާ ނިޒާމުގެ މަސައްކަތް ކުރަނީ %55 އިންސައްތައެވެ. ފެން ނެޓްވޯކަށް ދިމާވި ލީކުވުމުގެ މައްސަލަ ހައްލު ނުކޮށް އޮތުމުގެ ސަބަބުން އުފައްދާ ފެނުގެ %70 އިން ސައްތަ އޭރުވެސް ދަނީ ބިމަށް ހިދެމުންނެވެ. ވެކިއުން ސްޓޭޝަން ތަކުގައި ބަހައްޓާފައި ހުރި 12 ޕަމްޕްގެ ތެރެއިން 5 ޕަމްޕް މަސައްކަތް ނުކުރުމުގެ ސަބަބުން ވެކިއުމް ނެޓްވޯކް މަސައްކަތް ކުރުމަށް ބޭނުންވާ ވަރަށް ޕްރެޝަރ އުފެއްދުމަށް ދަރިވެފައިވާކަން އޭނާ ފާހަގަކޮށްފައިވެއެވެ. މަގުމަތީގައި ބެހެއްޓިފައިވާ ވެކިއުމް ޗެމްބަރ ތަކުގެ ވޭލްތައް މަރާމާތުކޮށް ނުބެލެހެއްޓުމުގެ ސަބަބުން %25 އިންސައްތަ ޗެންބަރ މަސައްކަތް ނުކުރާތީ، އެ ޗެންބަރުތަކުން ނަޖިސްއުފުލުމަށް އަހަރެއްގެ މައްޗަށް 6،657،000 ހަރަދު ކުރަން ޖެހެއެވެ. 

ފުވައްމުލަކު ފެނާއި ނަރުދަމާގެ ނިޒާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި 09 އޮކްޓޯބަރު 2016 ގައި ފެށި މަޝްރޫއެކެވެ. މި މަޝްރޫއަށް 297 މިލިއަން ރުފިޔާ ހަރަދު ކުރިއިރު، ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރީ 142 މިލިއަން ރުފިޔާ އެވެ. ބާކީ ފައިސާ އަކީ ކުވައިތު ފަންޑް ފޮ އެރެބިކް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ލޯނު އެހީގެ ދަށުން ހޯދި ފައިސާ އެވެ. އެ މަޝްރޫއު ރޭވިގޮތަށް ބަލާއިރު، ނަރުދަމާ ނިޒާމުގައި ދެ ޕަމްޕް ސްޓޭޝަނާއި 20 ކިލޯ މީޓަރުގެ ވެކިއުމް ނެޓްވޯކަކާއި 31 ކިލޯ މީޓަރުގެ ވެކިއުމް ސްޓޭޝަން ގްރެވިޓީ ނެޓްވޯކެއް ހިމެނެއެބެ. އަދި 308 މީޓަރުގެ ސީ އައުޓްފޯލަކާއި 595 ވެކިއުމް ޗެމްބާސް އެއް ވެސް ހަރުކޮށް ފުވައްމުލަކު ސިޓީގެ 2959 ގެއަކަށް ނަރުދަމާ އާއި ފެން ގުޅައިދެވޭނެއެވެ. އެ މަޝްރޫއުގެ ދަށުން ގާއިމްކުރި ފެނުގެ ނިޒާމުގައި ދުވާލަކު 500 ޓަނުގެ ފެން އުފައްދާ ތިން ޕްލާންޓުވެސް ހިމެނެއެވެ. އަދި ހެޔޮ އަގެއްގައި ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ސިޔާސަތުގެ ދަށުން 110 ކިލޯ ވޯޓުގެ ސޯލާ ނިޒާމުވެސް ގާއިމުކުރުމަށް ނިންމިއެވެ. 

ނިމުނު ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ފުވައްމުލައް ސިޓީ ރަށްވެހި ފަތިސް ކެނޑިޑޭޓުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ފެނާއި ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި އެ ސިޓީގެ ކައުންސިލް މެޖޯރިޓީ އެމްޑީޕީއަށް ބޮޑުތަނުން ލިބުނުތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރުވެސް އެ ވައުދު ފުއްދިފައެއް ނުވެއެވެ. 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button