ޚަބަރުކުޅިވަރު

ޗެސް އިން ރާއްޖެއަށް ރަން މެޑަލް ލިބުމަކީ ދިވެހިން އުފާކުރަންޖެހޭ ކަމެއް: މޭޔަރު

ޗެސް އިން ރާއްޖެއަށް ރަން މެޑަލް ލިބުމަކީ ދިވެހިން އުފާކުރަންޖެހޭ ކަމެއް ކަމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މުއިއްޒު މިފަދައިން ވިދާޅުވީ 44 ވަނަ ފިޑޭ ޗެސް އޮލިމްޕިއާޑް 2022ގައި ރާއްޖޭގެ ފިރިހެން ޗެސް ޓީމުން ރަން މެޑަލް ހޯދުމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ފަރާތުން ޗެސް ޓީމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ރަސްރަނި ބަގީޗާގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ފާހަގަކުރެއްވިގޮތުގައި ބައިނަލްއަގުވާމީ އެހާ ގިނަ ގައުމުތައް ބައިވެރި، ވާދަވެރިކަން ބޮޑު މުބާރާތެއްގައި ރަން މެޑަލް ގެނައުމަކީ ފުރަތަމަ ފަހަރާ ރާއްޖެއިން ހޯދި ކާމިޔާބީއެކެވެ. އަދި އެކަމުގެ އުފަލުގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވާ ކަމަށާއި، ކައުންސިލުން ޗެސް އެސޯސިއޭޝަނަށް ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަން މޭޔަރު ފާހަގަކުރެއްވިއެވެ.

ފިރިހެން ޓީމުން ރަން ވަނަ ހޯދުމާ އެއްވަރަށް އަންހެން ޓީމުން ކުރި ހިތްވަރަށްވެސް ޑރ.މުއިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

”އަންހެން ޓީމްވެސް އަޅުގަނޑު ގަބޫލު ކުރަނީ ފަހު ދެބުރާ ހަމައަށް ދަންދެން އެއްވަނައިގަ އޮތް އޮތުން އެއީ ރާއްޖެއަށް ލިބުނު ފަހުރެއް. އަޅުގަނޑަށް ޔަގީން ދެން ލިބޭ ފުރުސަތެއްގަ އެ ދެ ރައުންޑުވެސް ފަހަނައަޅާ ތިބޭފުޅުން ދާނެ.“ މުއިއްޒު ވިދާޅުވިއެވެ.

މި މުބާރާތުގައި ރާއްޖެއިން އެއްވަނަ ހޯދީ ރާއްޖެ ހިމެނުނު ’އީ ކެޓަގަރީ’ންނެވެ. މުބާރާތުގައި ރަންވަނަ ރާއްޖެ ހާސިލްކުރީ، ގަތަރު ފަދަ، ޗެސްގައި ފުންނާބު އުސް ގައުމުތައް ފަހަތަށް ޖެއްސުމަށް ފަހުގައެވެ.

މުބާރާތުގައި 188 ގައުމަކުން 368 ޓީމު ވާދަކުރިއެވެ. ރާއްޖެ ހިމެނުނު ކެޓަގަރީގައި ވާދަކުރީ 38 ގައުމަކުންނެވެ. މި މުބާރާތް ބޭއްވީ އިންޑިއާގެ ޗެންނާއީގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button