ތިނަދޫގެ ކާފިއު ގަޑީގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފި
ގދ.ތިނަދޫގެ ކާފިއު ގަޑީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ.
މިއަދު ގެނައި ބަދަލުތަކާއެކު ތިނަދޫ ގޭބިސީއަކަށް ލިބޭނީ އެންމެ ޕާމިޓެކެވެ. މި ޕާމިޓުން ބޭރަށް ދެވޭނީ، ކަނޑައަޅާ އެކަކަށް ހަފްތާއަކު އެއް ދުވަހު އެއް ގަޑިއިރަށެވެ.
ކާފިއުއަށް ބަދަލުތަކެއް ގެންނަން ނިންމީ ކުރިން ދީފައި އޮތް ލުއިތަކުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ޒަރޫރީ ބޭނުމެއް ނެތި ބޭރުގައި އުޅެމުން އައުމާގުޅިގެންނެވެ. އެކަމުގެ ސަބަބުން ބަލި ފެތުރުމަށް އިތުރު ދޮރުތަކެއް ހުޅުވިގެންދާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.
ތިނަދޫ ކައުންސިލުން ބުނިގޮތުގައި ކޮންމެ ގެއަކުންވެސް ބޭރަށް ދެވޭ ދުވަސްތައް ކަނޑައަޅާނީ ފުލުހުންނެވެ. އަދި މަގުމަތީގައި މީހުން އުޅޭ މިންވަރާއި، އިތުރު ކަންކަމަށް ބަލައި، ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް އިމަޖެންސީ ކަންކަމަށް ހުއްދަ ދެވޭނެ ކަމަށެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަން ތިނަދޫގައި އޮތްއިރު. އެކްޓިވް ކޭސްތަކުގެ އަދަދުތައް އުޅެނީ 260 ވުރެ މަތީގައެވެ.