ޚަބަރުކުޅިވަރު

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލޯންޑޯ އެވޯޑްގެ ލިސްޓުގައި މިފަހަރު މެސީ ނުހިމެނޭ

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށް ފްރާންސް ފުޓްބޯލް އިން ދެމުންއަންނަ ބެލޯންޑޯ އެވޯޑްގެ މޮޅު 30 ކުޅުންތެރިންގެ ލިސްޓުން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ބާކީ ވެއްޖެއެވެ.

ފްރާންސް ފުޓްބޯލް އިން މިރޭ ވަނީ މިއަހަރުގެ އެންމެ މޮޅު 30 ކުޅުންތެރިންގެ ލިސްޓު އާންމުކޮށްފައެވެ. މިއީ 2005 ވަނަ އަހަރުގެ ފަހުން މި ލިސްޓުގައި މެސީ ނުހިމެނުނު ފުރަތަމަ ފަހަރެވެ.

މި 30 ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިޔަކު ހޮވާނެއެވެ. ނިމިދިޔަ ސީޒަނުގައި މެސީއަށް ލީގުގައި ކާމިޔާބުކުރެވިފައިވަނީ އެންމެ 6 ގޯލެވެ. މިކަމުގެ ސަބަބުން މީޑިއާގައި މެސީއަށް އަންނަނީ ބޮޑަތި ފާޑުކިޔުންތަށް އަމާޒުވަމުންނެވެ.

މެސީ ގަދަ 30 ގެ ލިސްޓުން ބާކީވެފައިވާއިރު އޭނާއާއި އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލިސްޓުން ޖާގަ ހޯދާފައެވެ. އޭނާ ވަނީ ލީގުގައި 18 ގޯލު ކާމިޔާބުކޮށް ޕްރިމިއާރ ލީގުގެ ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.

މި ލިސްޓުގައި ހިމެނޭ 30 ކުޅުންތެރިންގެ ތެރެއިން ބެލޮންޑޯ އެވޯޑު ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރަނީ ރެއާލް މެޑްރިޑްގެ ފޯވާޑް ކަރިމް ބެންޒެމާއެވެ. ބެންޒެމާ ވަނީ ނިމިދިޔަ ސީޒަނުގައި ރެއާލާއެކު ލަލީގާ، ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި މީގެ 2 ދުވަސް ކުރިން ބެންޒެމާ ވަނޯ ރެއާލާއެކު ޔޫއެފާ ސުޕާރކަޕް ކާމިޔާބުކޮށްފައެވެ.

ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން ބެންޒެމާ ވަނީ އެމުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button