އާރުޑީސީގަ ނޫޅޭކަމަށް ބުނި އިކޮނިމިކް މިނިސްޓްރީގެ ނައިބު އަދިވެސް އޮފީހަށް ދޭ
ރޯޑް ޑިވެލޮޕްމެންޓުގެ ކޯޕަރޭޝަން (އާރުޑީސީ) ގައި މިހާރު ނޫޅުއްވާ ކަމަށް ވިދާޅުވި، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ކަމުގެ މަގާމުގައި ހުންނެވި އިކޮނޮމިކް މިނިސްޓްރީގެ ނައިބު އަހުމަދު ޝުހާދު އަދިވެސް އާރުޑީސީ އޮފީހަށް މަސައްކަތަށް ނިކުންނަވާކަން ފަޅާއަރައިފިއެވެ.
ޝުހާދުގެ ކަންކަން ވަރަށް ގާތުން ބަލަމުންދާ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ”ބޮންތި“ އަށް މައުލޫމާތު ދެމުން ބުނީ އިއްޔެވެސް ޝުހާދު އާރުޑީސީ އޮފީހަށް ދިޔަ ކަމަށާއި، އެ ކުންފުނީގެ އެޗްއާރު ޑިޕާޓުމެންޓުގެ ކަންކަން ބެއްލެވި ކަމުގައެވެ. އަދި އެކި ޑިޕާޓުމެންޓުތަކުގެ އިސްވެރިން ޝުހާދުގެ ކެބިންއަށް ވައްދައިގެން އެކި ކަންކަމަށް އިރުޝާދު ދީފައިވާކަންވެސް ވަނީ އެނގިފައެވެ.
ދާދި ފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އިކޮނޮމިކް މިނިސްޓްރީގެ ނައިބު ކަމަށް ޝުހާދު އައްޔަންކޮށްފައެވެ. އޭގެ ކުރިން ޝުހާދު ހުންނެވީ ރޯޑު ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ޖެނެރަލް މެނޭޖަރަކަށެވެ. މިނިސްޓްރީއަށް އައްޔަން ކުރެވުމާއެކު އޭނާ އަންނަނީ ޖެނެރަލް މެނޭޖަރުގެ މަސްއޫލިއްޔަތުން އެއްފަރާތް ވުމަށް ފަހު އާރުޑީސީގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންކަން ”ބޮންތި“ އަށް މީގެ ކުރިން ވަނީ އެނގިފައެވެ.
ޝުހާދަކީ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީއެއް ކަން ރައީސް އޮފީހުގެ ވެބްސައިޓުން އެނގެން އޮތްއިރު އާރުޑީސީގެ ވެބްސައިޓުގައިވެސް ވަރަށް ފަހަކާ ޖެހެންދެން އޭނާ ޖީއެމް އެއްގެ ގޮތުގައި އުޅުއްވާކަމަށް ޖަހާފައިވެއެވެ. އެކަމަކު އެ ކުންފުނީގެ މެނޭޖެމެންޓު ޓީމްގެ ސްޓަރަކްޗާ ހިމެނޭ ޕޭޖު ވެބްސައިޓުން މިހާރު ވަނީ ނަގާފައެވެ.
ދައުލަތުގެ ހަރަދަށް އިތުރު ބުރައަކަށް ވާގޮތަށް ޝުހާދު ދެ މަގާމެއް ފުރުއްވަމުން ގެންދޭތޯ އޭނާ އާއި “ބޮންތި” އިން މީގެ ކުރިން ސުވާލު ކުރުމުން އަދި މިހާތަނަށް ޖަވާބެއް ނުދެއްވައެވެ. އެކަމަކު ”ބޮންތި“ އިން ޝުހާދުގެ ހަބަރު މީގެ ކުރިން ޝާއިއު ކުރިފަހުން އޭނާ 20 ޖުލައި 2022 ގައި ”ސަން“ އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދެ އޮފީހުން މުސާރަ ނުނަންގަވާ ކަމަށާއި، އާރުޑީސީއާއެކު ކޮންސަލްޓެންސީގެ އެއްބަސްވުމެއް ނޯންނާނެ ކަމުގައެވެ. ދެ މަގާމެއްގައި ނެތް ނަމަ، އިކޮނޮމިކް މިނިސްޓްރީގެ ނައިބު ކަމަށް ޝުހާދު އައްޔަން ކުރެވުނުތާ އެތައް ދުވަހެއް ވީ ފަހުންވެސް އާރުޑީސީ އޮފީހަށް އޭނާ ނިކުންނަވަން ޖެހޭ ސަބަބެއް ނުވިސްނެއެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 32،500 ރުފިޔާ ލިބޭއިރު، އާރުޑީސީގެ ކޮންސްލްޓެންޓަކަށް ގާތްގަނޑަކަށް 17،000 ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކުރެވެއެވެ. އެކަމަކު ޝުހާދު އާރުޑީސީ އޮފީހަށް ނިކުންނަވާއިރުވެސް އޭނާ ތަކުރާރުކޮށް ވިދާޅުވަނީ އެ ކުންފުނީގެ އެއްވެސް މަގާމެއްގައި ނޫޅުއްވާ ކަމަށާއި، އެއްވެސް އެލަވަންސެއްވެސް ނުނަންގަވާ ކަމުގައެވެ.