ޚަބަރުސިޔާސީ

ކޮންމެ ދިމާލަކުން ފެންނަނީ ރައީސް ސާލިޙްގެ ނުލަފާކަން ދައްކާތަން: ޑރ.ޖަމީލް

ކޮންމެ ދިމާލަކުން ފެންނަނީި ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ނުލަފާކަން ދައްކާތަން ކަމަށް ކުރީގެ ނައިބް ރައީސް އަދި ޕީޕީއެމްގެ މުސްތަޝާރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ރައީސް ސާލިޙް ދީން ބޭނުންކުރައްވަނީ ކިރިޔާ ބަޔަކު ރުއްސާލެވޭ ވަރަށް ކަމަށާއި, އެމަނިކުފާނަށް ކޮރަޕްޝަނަކީ ޕާޓީއާއި ކޯލިޝަން ލީޑަރުން މައިތިރި ކުރާ މައި ހަތިޔާރު ކަމަށެވެ. އަދި ވެރިޔަކު ނުލަފާވާނީ ދެން ކިހާވަރެއް ވީމަތޯ ޖަމީލު ސުވާލު ކުރެއްވިއެވެ.

”ކޮންމެ ދިމާލަކުން ފެންނަނީ ރައީސް ސާލިޙްގެ ނުލަފާކަން ދައްކާތަން.“ ޑރ.ޖަމީލް ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި ޖަމީލް މި ޓްވީޓު ކުރައްވާފައިވަނީ ރައީސް ސާލީޙްގެ ސަރުކާރުގައި ދީނާ ގުޅުންހުރި މައްސަލތަކާ ބެހޭގޮތުން ކަންކަން ކުރައްވަމުން ގެންދަވާ ގޮތާއި, އަދި އެމަނިކުފާނު ވެރިކަމަށް ގެނައުމަށް އެންމެ ގަދަޔަށް މަސައްކްތްކޮށްދެއްވި ބޭފުޅުންނާއިމެދު އަމަލުކުރައްވަމުން ގެންދަވާ ގޮތުންނެވެ.

އެގޮތުން އެމްޑީއެންގެ މައްސަލައާއި, ލިވާތު ވީޑިއޯތަކާއި, ޔޯގާ ހަރަކާތުގެ މައްސަލައަކީ ރައީސް ސާލިޙްގެ ދައުރުގައި މިހާތަނަށް ހިނގައި ދިޔަ ދީނާ ގުޅުންހުރި އެންމެ ހައްސާސް މައްސަލަތައް ކަމަށް ވާއިރު, މީގެން އެއްވެސް މައްސަލައަކަށް އިންސާފުވެރި, ރައްޔިތުންނަށް ގަބޫލުރެވޭ ފަދަ ހައްލެއް ހޯދައިދެވިފައެއް ނެތެވެ.

އެގޮތުން އެމްޑީއެން ޖަމުއިއްޔާއިން ކީރިތި ރަސޫލާއަށާއި, އިސްލާމްދީނަށް ފުރައްސާރަކޮށް, ދީނުގެ ހުކުމްތަކަށް ގޮންޖަހައި ނެރުނު ބަޔާނާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް ފަރާތަކަށް ފިޔަވަޅުއެޅިފައެއް ނުވެއެވެ. އެދި ޕޮލިސް ކޮމިޝަނަރު ހަމީދު ހިމެނޭޙެން އެ ޖަމުއިއްޔާގެ ގިނަ މީހުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިބިއިރު, އަދިވެސް އެހެން ނަމެއްގައި އެޖަމުއިއްޔާ ދަނީ ހިންގަމުންނެވެ.

މީގެ އިތުރުން ޔޯގާ ހަރަކާތުގެ މައްސަލައިގައި, ޔޯގާ އަކީ ހަރާމްކަމެއް ކަމަށް އިސްލާމިކް މިނިސްޓަރީއިން ބުނެފައިވަނިކޮށް, އެ ހަރަކާތް ހިންގުމަށް ފުރުސަތުދީ, އެކަމާ ދެކޮޅަށް އިހްތިޖާޖުރި 21 މީހަކު ވަނީ ޓެރަރިޒަމްގެ އަމަލު ހިންގުމާއި, ތޫނު ހަތިޔާރު ގެންގުޅުން ކަމުގެ ތުހުމަތުކޮށް ބަންދުކޮށްފައެވެ. ހަމަ އެހެންމެ ލިވާތު ވިޑިއޯގެ މައްސަލައިގައި 250 މީހުން ހިމެނޭ ކަމަށް ބުނި ނަމަވެސް އެކަމާ ގުޅިގެން ތަހުގީގު ކުރެވެމުންދަނީ އެންމެ 5 މީހުންނެވެ.

މި މައްސަލައާއި ގުޅުގެން ރައްޔިތުންގެ މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކޮށްފައިވާއިރު, އެމަނިކުފާނު މިކަމާ ކަންބޮޑުވުން ފާޅުކުރެއްވުމުން އެމްޑީޕީގެ ރައީސް ސާލިޙް ފެކްޝަނުން ދަނީ ރައީސް ނަޝީދާއި, މަޖްލީހުގެ ނައިބް ރައީސް އީވާ  މަގާމުން ވަކިކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ދެބޭފުޅުންގެ އިތުބާރު ނެތް ކަމަށް ހުށައެޅުމަށް ބޭނުންވާ ސޮއި މިހާރު ވަނީ ހަމަކޮށްފައެވެ.

ރައީސް ސާލިޙްގެ ފުށުން ފެންނަމުން މިދާ ކަންތައްތަކާއި ގުޅިގެން އެމްޑިޕީގެ ގަނަ މެންބަރުން ހިމެނޭގޮތުން އެތައް ބައެއްގެ ފާޑުކިޔުމާއި ނުރުހުން ވަނީ އެމަނިކުފާނަށް އަމާޒުވެފައެވެ. އެހެން ނަމަވެސް އެމަނިކުފާނު އަދިވެސް ވިދާޅުވަމުން ގެންދަވަނީ އިރާދަފުޅުން 2023 ގެ އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބުކުރެވޭ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button