ޚަބަރު

ބުރިޖު ރާއްޖޭގަ، ބިންގާ އަޅަނީ އިންޑިއާގަ!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަޅާ ތިލަމާލެ ބުރިޖުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އިންޑިއާގެ ވެރިކަން ކުރާ ސިޓީ ކަމުގައިވާ ނިއު ދިއްލީގައި ބޭއްވުމަށް ނިންމައިފިއެވެ.

އެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގައެވެ. މާދަމާ ރައީސް ސޯލިހު އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެނގިފައިވާގޮތުގައި އިންޑިއާގެ އިތުރުން ރާއްޖޭގައިވެސް އެއް ވަގުތެއްގައި މި ރަސްމިއްޔާތު ބާއްވާނެ އެވެ. އަދި މި ރަސްމިއްޔާތު ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބްރިޖުގެ މަސައްކަތް ސަރުކާރުން އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުގައެވެ.

އެފްކޮންސް އިން ބުނާގޮތުގައި އަންނަ އަހަރުގެ ޖުލައި މަހު މާލެއާއި ވިލިނގިލި ގުޅައިލެވޭނެއެވެ. އަދި ދެ ރަށް ދޭތެރޭގައި ބްރިޖުން ދަތުރުކުރަންވެސް ފެށޭނެކަމަށް އެ ކުންފުނިން މީގެ ކުރިން ވަނީ ބުނެފައެވެ. ބުރިޖުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ކުންފުނިން ބުނަނީ 2024 ގައެވެ. މި މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯޒްވޭ ލިންކެއް އަޅާއިރު، ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 މީޓަރު ހުންނާނެކަމަށް ވެއެވެ.

މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button