ޚަބަރު

މަސްދަރު ހާމަކުރުމާ ގުޅޭ މާއްދާ އިސްލާހުކޮށްދޭން ރައީސް ސޯލިހަށް ދަންނަވައިފި

ހެއްކާބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ހާލަތްތަކެއް ކަނޑައަޅާފައިވުމުން އެކަމާމެދު ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތަފްސީލްކޮށް ހިއްސާކޮށް ގާނޫނުގެ އެ މާއްދާ އިސްލާހުކޮށް ދިނުމަށް އެދިއްޖެއެވެ. 

މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަންގެ އެދުމުގެ މަތިން އެމްޖޭއޭ އާއި އެޑިޓާޒް ގިލްޑްގެ ހިންގާ ކޮމިޓީގެ މެމްބަރުންނާ އެކު ރައީސް މިއަދު ހެނދުނު ބައްދަލު ކުރެއްވީ ރައީސް އޮފީހުގަ އެވެ. މިބައްދަލު ކުރެއްވުމުގައި ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތާއި, ރައީސް އޮފީހުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލު ކުރެއްވުމުގައި، އެމްޖޭއޭއިން ވަނީ ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާއާ ގުޅޭ ގޮތުން ނޫސްވެރިން ކަންބޮޑުވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ތަފްސީލީ ގޮތެއްގައި ދަންނަވައި މިހާރު އެ މާއްދާ އޮތް ގޮތާ މެދު އެމްޖޭއޭގެ ސްޓޭންޑް ހާމަކޮށްފައެވެ. އަދި މިހާރު އެ މާއްދާ އޮތް ގޮތާ މެދު ދެކޮޅު ހަދާ ކަމާއި އެ މާއްދާ އިސްލާހު ކުރަން ރައީސްގެ އަރިހުގައި ވަނީ ދަންނަވައިފައެވެ. އަދި ޖަމިއްޔާއިން އެ މާއްދާއަށް ގެންނަން ބޭނުންވާ އިސްލާހުތައްވެސް ވަނީ ހުށަހަޅާފައެވެ.

އެގޮތުން, މިހާރު ގާނޫނުގައި އޮތް ގޮތަށް ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން ތަފްސީލްކޮށް ބަޔާންކުރުމާއި މަސްދަރު ހާމަކުރުން މަޖުބޫރު ކުރެވޭ އަނެއް ހާލަތް ކަމަށްވާ ”ގައުމީ ސަލާމަތް“ ގާނޫނުން އެއްކޮށް އުނިކުރުމަށް އެމްޖޭއޭ އިން ހުށަހަޅާފައިވެއެވެ. އަދި, ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއަކީ ’އިމިނެންޓް ތްރެޓް‘ (ކުއްލި ނުރައްކަލެއް) އޮތް ފަދަ ހާލަތެއްގައި އެކަނި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އޮތުން ކަމަށްވާތީ, އެގޮތަށް ގާނޫނު އިސްލާހުކުރުމަށް ވެސް ހުށަހަޅާފައިވެއެވެ. 

އޭގެ އިތުރުން ތުހުމަތު ކުރެވޭ ފަރާތްތަކަށް ވެސް މަސްދަރު ހާމަކުރަން އެދުމުގެ ފުރުސަތު އޮތް އޮތުން ގާނޫނުން އުނިކުރުމަށާއި މަދަނީ މިންގަނޑުން ސާބިތުކުރަން ލާޒިމް ކުރުމުގެ ބަދަލުގައި ’ނެސެސިޓީ‘ އަދި ”ޕްރޮޕޯޝަނަލިޓީ“ގެ އުސޫލުތަކުގެ ތެރެއިން ކަންކަން ސާބިތުކުރުމަށް ލާޒިމްކުރުމަށް ވެސް ހުށަހެޅިއެވެ. އޭގެއިތުރަށް ވެސް 158 ނޫސްވެރިން ސޮއިކޮށް ރައީސް ހުށަހެޅި ޕެޓިޝަންގައިވާ ހުރިހާ ކަމެއް ޖުމްލަ ގޮތެއްގައި ޖަމިއްޔާއިން ވަނީ ބައްދަލުވުމުގައި ފާހަގަކޮށްފައެވެ. 

ބައްދަލުވުމުގައި ރައީސް ވަނީ ޖަމިއްޔާއިން ފާހަގަކުރި ކަންބޮޑުވުންތައް އަޑުއައްސަވައި, އެކަންކަމަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މި ޖަމިއްޔާއަށް ދެއްވާފައެވެ. އެގޮތުން, އެމަނިކުފާނު ވަނީ މެދުމިނުގެ ހައްލަކަށް ދިޔުމަށް އެކުގައި މަޝްވަރާ ކުރެއްވުމުގެ ހިޔާލު ފާޅުކުރައްވާފައެވެ.

މިހާރު ގާނޫނު އޮތް ގޮތް ދިފާއު ކުރައްވައި, ބަންޑާރަ ނައިބު ބައްދަލުވުމުގައި ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން, ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން ފަނޑިޔާރަކަށް އަމުރުކުރެވޭނެ ގޮތަށް ހިމަނާފައި ވަނީ، މިނިވަން ދިމިގުރާތީ މުޖުތަމައުތަކުގައި އެކަންކުރަމުން އަންނަ ގޮތަށާއި އދ. އިން ނިންމާފައިވާ ނިންމުތަކަށް ބައްލަވައިގެން ކަމުގައި ވިދާޅުވިއެވެ.

ނަމަވެސް, ޖަމިއްޔާއިން ވަނީ މިހާރު ގާނޫނު އޮތް ގޮތް, ޖަމިއްޔާއިން ގަބޫލު ނުކުރާނެކަން ރައީސަށް ސާފުކޮށް ދަންނަވާފައެވެ. އަދި, ގާނޫނު އިސްލާހުކުރުމުގެ މަސައްކަތުގައި ޖަމިއްޔާއިން ދެމިތިބޭނެ ކަމަށް ވެސް ދަންނަވައި, މިހާރު ގާނޫނު އޮތްގޮތުން ނުކުމެދާނެ ނޭދެވޭ ނަތީޖާތަކުގެ ކަންބޮޑުވުންތައް ރައީސް އާ ހިއްސާކުރިއެވެ. 

ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް އެމްޖޭއޭ އިން ކުރާ މަސައްކަތުގައި މިއަދު ރައިސް އާއި ބައްދަލުކުރެވިފައިވާއިރު, މި ހުޅުވޭ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރަށް ޖަމިއްޔާއިން ބިލެއް ތައްޔާރުކޮށް ގާނޫނު އިސްލާހު ކުރުމަށް ހުށަހެޅުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާރު އެ ގާނޫނު އޮތް ގޮތަށް ބޭއްވުމަށް ޖަމިއްޔާއިން ތާއިދު ނުކުރާނެ ކަމާއި މިކަމުގައި ދޫނުދޭނެ ކަމަށްވެސް އެމްޖޭއޭ އިން ބުންޏެވެ. 

މި ބައްދަލުވުމުގައި ކޮމިޝަނަރު ހަމީދު ވަނީ ފުލުހުންގެ ކިބައިން ނޫސްވެރިންނަށް ކުރިމަތިވާ ކަންކަން ހައްލުކުރަން ނޫސްވެރިންނާ މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button