އެންޑްރޮއިޑުތަ ނޫނީ އެޕަލް ތަ؟
އެކަކަށް އިމޯޖީސް ރީތިވެގެންނެވެ. އަނެކަކަށް ހަޑިވެގެންނެވެ. ދެން ހުންނަ މީހަކަށް ސެކިއުރިޓީ ވަރުގަދަ ވީމައެވެ. އަނެކާއަށް ޔޫޒާ ފްރެންޑްލީ ވީ ވަރެކެވެ. ބައެއް މީހުންނަށް ބަށްޓަން ރީތިވީމައެވެ. އަނެއް ބައި މިހުންނަށް ”ފީޗާޒް“ ތަށް ގިނަވެ ރަނގަޅު ވީމައެވެ. މިދެކެވެނީ ދެ ވައްތަރެއްގެ ފޯނަށް އެކި މީހުންގެ ހިޔާލު ތަފާތުވުން ހުންނަ ގޮތުގެ ވާހަކައެވެ. އެގޮތުން ގެންގުޅެން އެންމެ އެކަށީގެން ވަނީ ”އެންޑްރޮއިޑު“ ނޫނީ ”އައިފޯނު“ ތޯ ކަނޑައަޅެމަށްޓަކައި ދެ މީހަކު ނުވަތަ ގިނަ ބަޔަކު އެއްވެއްޖެ ނަމަ ކުރެވޭ ބަހުސްގައި ގިނައިން ފާޅުކުރެވެނީ މި ހިޔާލުތަކެވެ.
އަބަދުވެސް ދިވެހިންގެ ތެރޭގައި ކުރެވޭ ފޯރިގަދަ ބަހުސަކަށް މިކަން ވެގެންދެއެވެ. އެގޮތުން އައިފޯނު ނުވަތަ އެންޑްރޮއިޑާއި މެދު ކުރެވޭ ބަހުސަކީ ކޮންމެ މީހަކުވެސް އެމީހަކުގެ ގޮތް ނިންމައިގެން އެ ބަހުސެއްގައި ބައިވެރިވާ ކަހަލަ ބަހުސެކެވެ. ބައެއް މީހުން އެމީހުންނަށް ފޯނު ރީތިވީމައެވެ. އަނެއް ބައި މީހުންނަށް ގެންގުޅެން ފަސޭހަވީމައެވެ. ދެން ތިބޭ މީހުންނަކީ އެންމެން ބަހުސެއް ކުރާތީ އޭގައި ބައިވެރިވުމަށް ވާހަކަ ދައްކާބައެކެވެ. ކޮންމެ ގޮތަކަށް ވިސްނާފައި ނަމަވެސް މިހާރުގެ މުޖުތަމައުގެ ބޮޑު ބަޔަކީ ފޯނާއި މެދު ގޮތް ނިންމާފައިވާ ބައެކެވެ. އަދި އެމީހުން ފޯނު ގަންނަނީވެސް ގޮތް ނިންމާފައިވާ ގޮތުގެ މައްޗަށް ބަލައެވެ. އެއްވެސް މީހަކު އެހެން މީހަކަށް ދޫކުރާކަށް ބޭނުމެއް ނުވެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ގޮތުގައި ހުރެ މިކަހަލަ ކޫސަނި ކަންކަމާއި މެދު ކުރާ ބަހުސް ޒުވާބުތަކަށް ވެސް ބަދަލުވާ ފަހަރު އާދެއެވެ.
”އެންޑްރޮއިޑް އެއްވެސް ސޭފެއް ނޫން. ބޭނުން ގޮތަކަށް ފޯނު ކަސްޓަމައިޒް ކުރުން އަހަންނަށް ކަޑަ. އެކަމަކު އެންޑްރޮއިޑް ދެން ހަމަ ޔޫޒް ކުރޭ ދޯ ގިނަ މީހުން.“ އެޕަލްގެ އުފެއްދުންތައް ގެންގުޅޭ މީހަކު ބުންޏެވެ.
ގިނަ މީހުންނަށް އެންޑްރޮއިޑު ކަމުދަނީ މާވަރަކަށް ސެކިއުރިޓީ ވަރުގަދަ ކޮށްފައި ނުހުންނާތީ ކަމަށް މީހުން ބުނެއެވެ. އަދި ގެންގުޅެން ފަސޭހަ ކަމަށާއި ފޮޓޯ ތަކާއި ފައިލްތަށް އެކަތި އަނެކަށްޗަށް ފޮނުވުމަށް ވެސް އެންޑްރޮއިޑުގެ ފޯނުތައް ފަސޭހަ ކަމަށެވެ. އަނެއް ބައި މީހުންނަށް އައިފޯނު ކަމުދަނީ އޭގައި ސެކިއުރިޓީ ވަރުގަދަ ވެފައި ސޮފްޓުވެއަރ ”ސެކިއޯ“ ވީމަ ކަމަށް އައިފޯނު ގެންގުޅޭ ފަރާތްތަކުން ބުނެއެވެ. އަދި ފޯނުގައި ހުންނަ އިމޯޖީސްތަށް ވެސް މާ ރީތިކަމަށާއި، ފޯނުގެ ބައްޓަން މާ ހިތްގައިމު ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ހަމަ އެގޮތަށް އައިފޯނުގައި ފީޗާޒްތަށް ގިނަވެފައި ސަޅި ކަމަށް ވެސް އެމީހުން ގަބޫލު ކުރެއެވެ. ފޮޓޯ ނަގަން ޝައުގުވެރިވާ ފަރާތްތަކަށް އައިފޯނު އަދި ވަކިން ރަނގަޅު ކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ. ސަބަބަކީ އައިފޯނުގެ ފޮޓޯ ކޮލެޓީ ރަނގަޅުވުން ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ. ބައެއް މީހުންނަށް އައިފޯނު އަގުބޮޑުކަމުންވެސް ކަމުދެއެވެ. އަތުގައި އޮންނަ ފޯނު އަގު ބޮޑު ވުމުންވެސް ވަރަށް ބޮޑު ތަފާތެއް އެހެން މީހުންގެ ކުރިމަތީގައި ބައެއް މީހުން ދައްކައެވެ. އެހެން ކަމުން އައިފޯނު ގެންގުޅެނީ އެކަކު އަނެކަކަށް އެމީހުންގެ ހުރި މޮޅުކަން ދެއްކުމުގެ ބޭނުމުގައި ކަމަށްވެސް ގަބޫލު ކުރާ މީހުން މަދެއް ނޫނެވެ.
”އައިފޯނު ނުގެންގުޅެނީ އަހަރެމެން އައިފޯނު ބުނާގޮތަށް އުޅެން ޖެހޭތީ. އަސްލު ބައެއް ފަހަރު ވަރަށް އުނދަގޫވޭ އޭގެ ފީޗާސްތައް ލިމިޓްވީމަ. ދެން ސެކިއުރިޓީއަށް ބަލާފަ އޯކޭ. ސެކިއުރިޓީ ވަރުގަދަ ނުވިޔަސް ފަސޭހައިން ޔޫޒް ކޮށްލެވޭތީ އެންޑްރޮއިޑަށް ބަދަލުވީ“ އެންޑްރޮއިޑްގެ އުފެއްދުންތައް ބޭނުންކުރާ މީހަކު ބުންޏެވެ.
މިކަހަލަ އެތައް ބަހުސެއް އެތަށް ގޮތަކަށް ފޯނާއި ބެހޭ ގޮތުން އެކި ޕްލެޓުފޯމު ތަކުގައި ކުރެވޭ މަންޒަރު މިވަނީ އާންމު ކަމަކަށް ވެފައެވެ. ނަމަވެސް ކިތަންމެ ބަހުސެއް ކުރެވުނު ކަމުގައި ވިޔަސް އެއްވެސް ކޮޅަކަށް ބުރަވެވޭ ގޮތަކަށް އިންނަ މައުޟޫއަކަށް އައިފޯނާއި އެންޑްރޮއިޑުގެ މައުޟޫ ނުވެއެވެ.