ޕީޕީއެމްގެ ރައީސް، އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަން ބޭނުން ކޮށްގެން ސިޔާސީ ފައިދާ ނަގާ ފަރާތްތަކާއި ބައިވެރި ނުވުމަށް އެޕާޓީ އިން ގޮވާލައިފިއެވެ.
ޕީޕީއެމުން މިކަން ހާމަކުރުމުގެ ގޮތުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސް ޔާމީން ސިޔާސީ މަސައްކަތް ކުރައްވާނީ ޕީޕީއެމް އަދި ޕީއެންސީ އާއި އެކުގައި އެކަނި ކަމަށެވެ. އެހެން ޕާޓީ އަކާއެކު ނުވަތަ އިތުރު ޕާޓީއެއް ހައްދަވައިގެން ސިޔާސީ މަސައްކަތް ކުރުމުގެ ވިސްނުންފުޅެއް އެމަނިކުފާނު ނުގެންގުޅުއްވާކަމަށް ޕީޕީއެމުން ބުންޏެވެ.
އެފަދަ ކަންކަމުގައި ރައީސް ޔާމީންގެ ނަން ބޭނުން ކޮށްގެން ސިޔާސީ މަންފާއެއް ހޯދުމަށް އެއްވެސް ފަރާތަކުން ކުރާ މަސައްކަތަށް އެ ދެ ޕާރޓީގެ އެއްވެސް މެންބަރަކު ތާއީދު ނުކުރުމަށްވެސް ޕީޕީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.
”އިތުރު ސިޔާސީ ޕާޓީއެއް ހައްދަވައިގެން ސިޔާސީ މަސައްކަތް ކުރެއްވުމުުގެ ވިސްނުންފުޅު އެމަނިކުފާނު ނުގެންގުޅުއްވާ.“ ޕީޕީއެމްގެ ބަޔާނުގައި ވެއެވެ.
ރައީސް ޔާމީން އިތުރު ޕާޓީއެއް އުފައްދަވަން އުޅުއްވާކަމާއި އިތުރު ލީޑަރުންތަކެއް ކުރިޔަށް ނެރެން އުޅުއްވާކަމަށް ދެކެވޭ ވާހަކަަތައް މީގެ ކުރިންވެސް ޕީޕީއެމުން ދޮގުކޮށްފައި އެބަހުއްޓެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރައްވާނީ ރައީސް ޔާމީން ކަމަށް އެ ދެޕާޓީގެ ޖޮއިންޓް ކައުންސިލުން ވަނީ ނިންމާފައެވެ. ރިޔާސީ އިންތިހާބަށް ޕީޕީއެމް ޕީއެންސީގެ ދެވަނަ ވިސްނުމެއް ނެތްކަމަށްވެސް އެ ކޯލިޝަނުން ވަނީ ހާމަކޮށްފައެވެ.