މަންކީޕޮކްސް: ޑަބްލިއުއެޗްއޯގެ އިންޒާރު އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް!
މަންކީޕޮކްސްގެ ޖެހޭ ނިސްބައް އިތުރުވާތީ މި ވައިރަސް އެންމެ ގިނައިން ޖެހޭ މީހުންގެ ތެރޭގައި މިހާތަނަށް ކުރި ދިރާސާތަކުން ދައްކަނީ އެއްޖިންސުން ގުޅުން ހިންގާ މީހުން ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ކަމުގައިވާ ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.
އެފަދަ މީހުން ސަމާލުވެ އެކަމާ ދުރުވުމަށް އިލްތިމާސް ކޮށް އަދި އެއްޖިންސުން ގުޅުން ހިންގާ މީހުން އެމީހުންގެ ބައިވެރިންނާ ދުރުވެ، ފިރިހެނުން ފިރިހެނުންނާ ގުޅުންހިންގާ ނިސްބަތް މަދު ނުކުރެވިއްޖެނަމަ، މިބަލީގެ އަދަދުތައް މައްޗަށް ދާނެކަމަށް އެޖަމްއިއްޔާއިން ވަނީ އިންޒާރުދީފައެވެ.
މަންކީޕޮކްސްގެ ބަލިމަޑުކަމަކީ ބައިނަލްއަޤްވާމީ ނުރައްކަލެއްކަމަށް ޑަބްލިއުއެޗްއޯގެ ވެރިޔާ، ޓެޑްރޮސް އަދަނޮމްވެސް ވަނީ ކަނޑައަޅުއްވާފައެވެ.
އޭނާ ވިދާޅުވީ މަންކީޕޮކްސް ފެތުރުން ކުޑަކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުން ބައްދަލުވެ އުޅުން މަދު ކުރުން ކަމަށެވެ. އަދި މިވަގުތަށް ޖިންސީ ގުޅުން ހިންގާ މީހުންގެ އަދަދު މަދުކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ޓެޑްރޮސް ވިދާޅުވީ މިވަގުތު މަންކީޕޮކްސްއަށް ދޭ ވެކްސިން ޖަހަން އިލްތިމާސްކުރަނީ ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުންނަށް އެކަނި ކަމަށެވެ. އެގޮތުން އެކަކަށްވުރެ ގިނަ މީހުންނާއެކު ޖިންސީ ގުޅުން ހިންގާ މީހުންނާއި ސިއްހީ މަސައްކަތްތެރިންނަށް ކަމަށެވެ.
މަންކީޕޮކްސްއަށް ދޭ ވެކްސިން އަކީ މީގެ އެތައް އަހަރެއް ކުރިން ސްމޯލްޕޮކްސް އަށް ދިނުމަށް އުފައްދާފައިވާ ވެކްސިނެކެވެ. ސްމޯލްޕޮކްސް އަކީ މަންކީޕޮކްސްއަށް ވުރެ އަދި މާ ނުރައްކާތެރި ބައްޔެކެވެ.
މި ބައްޔަށް އުފެއްދި ވެކްސިން އަކީ މަންކީޕޮކްސް އިން ރައްކާތެރިވުމަށް އިފެކްޓިވް ވެކްސިނެއް ނަމަވެސް މާ ގިނަ އަދަދަކަށް މި ވެކްސިން އުފައްދާފައެއް ނުވެއެވެ. އެހެންކަމުން ވެކްސިން ލިބުމުގެ ދަތިކަން ހުރިހާ ގައުމަކަށްވެސް މިވަގުތު އެބައޮތެވެ.
މަންކީޕޮކްސް އަކީ އެއްޖިއްސުން ގުޅުން ހިންގާ ފިރިހެންނުންގެ މެދުގައި ފެތުރެން ފެށި ބައްޔެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ގައިންގަޔަށް އަރާ މި ބަލި އިތުރުވާންފެށިކަމަށް އެންމެ ފުރަތަމަ ރިޕޯޓް ކުރީ މޭ މަހުގެ ކުރީކޮޅު ހުޅަނގު އެފްރިކާ އާއި މެދުތެރޭ އެފްރިކާގެ ގައުމުތަކުންނެވެ.
އޭގެ މާ ކުރިންވެސް އެފްރިކާގައި މި ބަލި އުޅެއެވެ. މިހާރު ދުނިޔޭގެ 78 ގައުމަކުން މަންކީޕޮކްސްގެ 18،000 ކޭސް ފެނިފައިވާއިރު ބަލިޖެހިފައިވާ 90 އިންސައްތަ މީހުންނަކީ އެއްޖިންސުން ގުޅުން ހިންގާ މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
މަންކީޕޮކްސްގެ ކޭސްތަކުގެ ތެރެއިން 70 އިންސައްތަ ކޭސް ރިޕޯޓްކޮށްފައިވަނީ ޔޫރަޕުގެ ގައުމުތަކުންނެވެ. 25 އިންސައްތަ ކޭސް ފެނިފައިވަނީ އެމެރިކާ ސަރަހައްދުންނެވެ.