ޚަބަރު

ފަތުވާދޭ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތްއޮތުން ނިމުމަކަށް އަންނަން ޖެހޭ: ކާނަލް ނާޒިމް

ރާއްޖޭގެ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތްއޮތުން ނިމުމަކަށް އަންނަން ޖެހޭ ކަމަށް މޯލްޑިސްވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރި އަަދި ރައްޔިތުންގެ މަޖްލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކާނަލް ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބާރު ކަނޑުވާފައި އޮތްއޮތުން ނިމުމަކަށް އަންނަން ޖެހޭކަމަށާއި, ސިޔާސީ ލީޑަރުން ދީނީ ފަތުވާ ނެރުމުގެ ބަދަލުގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް ބާރުވެރިކޮށް އެތަނުން ރައްޔިތުންނަށް ދީނީ ކަންކަން ސާފުކޮށްދޭންޖެހޭ ކަމަށެވެ.

ބެލެވޭ ގޮތުގައި ކާނަލް ނާޒިމް މިފަދައިން ވިދާޅުވެފައިމިވަނީ ޔޯގާގެ ހުކުމާއި ގުޅޭގޮތުން ބައެއް ސިޔާސީ ބޭފުޅުން, ދީނީ އިލްމުވެރިންގެ ރައުޔާ ހިލާފަށް ބަސްވިދާޅުވުމާއި ގުޅިގެންނެވެ. އެގޮތުން މީގެ ކުރިން މަޖްލީހުގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހުރިއްޔާ ރައީސް މުހައްމަދު ނަޝީދު ވަނީ ޔޯގާ އަކީ ކަސްރަތެއް ކަމަށާއި, ދީނާ ގުޅުންހުރި ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް މައުމޫނުވެސް ވަނީ ރައީސް ނަޝީދުގެ ރައުޔާ އެއްބަސްވަވަޑައިގެންފައެވެ.

އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންގެ މެދުގައި ޔޯގާގެ ރައުޔާއި މެދު ހިޔާލު ތަފާތުވެ, މައްސަލަ ހޫނުވެފައިވާއިރު, މިކަމާ ގުޅޭގޮތުން ރާއްޖޭގެ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް ފަތުވާދޭ މަޖްލީހަކީ ރާއްޖޭގައި މިފަދަކަންކަމުގައި އަމަލުކުރަންވީގޮތުގެ ފަހުބަސް ނެރުމުގެ ބާރު ލިބިފައިވާ އިދާރާއެވެ.

މިކަމާ ގުޅިގެން ޔޯގާގެ ހުކުމަކީ އިހްތިލާފު އުފެދިފައިވާ ކަމެއް ކަމަށް ސަރުކާރަށް ވާގިވެރިޔާ ސިޔާސީ ބޭފުޅުން ވިދާޅުވި ނަމަވެސް, ރާއްޖޭގެ ފުންނާބުއުސް އެތައް އިލްމުވެރިންނާއި, ބޭރުގެ އެތައް ގައުމެއްގެ ދީނީ ކަންކަމާއި ބެހޭ އެންމެ މަތީ އިދާރާތަކުން ވަނީ ޔޯގާ އަކީ ޝިރުކުގެ އަމަލެއް ކަމުގައި ބަޔާންކޮށް ރައުޔު ނެރެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button