ޚަބަރު

ރާއްޖޭގެ އިގްތިސާދަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ދަރަނި ބޮޑުވުން: އައިއެމްއެފް

ރާއްޖޭގެ އިގްތިސާދަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ދަރަނި ބޮޑުވުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފިއެވެ.

ދާދިފަހުން އައިއެމްއެފްގެ ވަފުދަކުން ރާއްޖެއަށްކުރި ޒިޔާރަތަކަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި, ރާއްޖޭގެ އިގްތިސާދީ ދުވެލި ބާރުވަމުން ދިޔަކަމުގައިވިޔަސް، ބޭރު ފައިސާގެ ރިޒާވް ދަށަށް ދިއުމާއި ދަރަނި ބޮޑުވުމުގެ ނުރައްކާ އިގްތިސާދަށް އެބައޮތެވެ. މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ބެލެހެއްޓުމަށް ސަރުކާރުން ފައިސާ ދޭން ޖެހުމާއި އެ ކުންފުނިތަކުގެ ދަރަނި ދައްކައިދޭން ސަރުކާރަށް ޖެހުމަކީ ވެސް ރާއްޖޭގެ މާލީ ހާލަތަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

އައިއެމްއެފްގެ މި ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި, މި އަހަރުގެ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާ ކުރެވެނީ %8.7 ގަ އެވެ. އަދި މިކުރިއެރުމުގެ ސަބަބުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޓުއަރިޒަމްގެ ސިނާއަތުގެ ދުވެލި ކޮވިޑުގެ ދުވަސްވަރަށްވުރެ ބާރުވެގެން ދިޔުމާއި, ރަޝިއާ ސަރަހައްދުން އަންނަ ޓުއަރިސްޓުން މަދުވި ނަމަވެސް, އެހެން ސަރަހައްދުތަކުން އަންނަ ޓުއަރިސްޓުންގެ އަދަދު އިހުނަށްވުރެ ގިނަވުމެވެ.

އައިއެމްއެފްއިން މިފަދައިން ބުނެފައިވީނަމަވެސް, ރާއްޖޭގެ ދަރަނީގެ ތަފާސްތައް ދައްކާގޮތުން މިވަގުތު ދަރަނީގެ ގޮތުގައި ސަރުކާރުން ވަނީ ސަތޭކަ ބިލިއަން ރުފިޔާ ހޯދާފައެވެ. އަދި މިއަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން ދާދިފަހުން ވެލާނާ އިންޓަނޭނަަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތަށް އިތުރު 48 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވާއިރު, ތިލަމާލެ ބުރިޖުގެ މަސައްކަތަށްވެސް އިތުރު ލޯނެއް ނަގަން ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ދުނިޔޭގެ އިގްތިސާދީ އިދާރާތަކުން އެކި އެކި ރަތް ސިގްނަލް ދެމުން ދިޔަ ކަމުގައިވިޔަސް, ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި, ރާއްޖެއަކި މިވަގުތު މުޅި ދުނިޔޭގައިވެސް އޮތް އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދެވެ. އެހެން ނަމަވެސް ރާއްޖޭގެ ބާޒަރުގައި ތެލާއި ޑޮލަރުގެ އަގު ވަނީ ރެކޯޑު މިންވަރަކަށް ބޮޑުވެފައެވެ. ހަމަ އެހެންމެ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު, ސަރުކާރުން ދަނީ ޖީއެސްޓީ ބޮޑުކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button