ބޭރު ގައުމެއްގެ ދަށު ނުވެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްގޫމް ކޮށްދެއްވީ ދިވެހިންގެ އަމިއްލަ ވެރިކަމެއް ކަމުގައި ޕީޕީއެމްގެ ސެނެޓަރ ޚާލިދު އަބްދުﷲ އަލީ ވިދާޅުވެއްޖެއެވެ.
މިނިވަންދުވަހާ ގުޅުވައި، ކުރެއްވި ޓުވީޓެއްގައި ޚާލިދު ވިދާޅުވީ ހަރަދު ބޮޑުވާތީ ކަމަށް ބުނެ، ދައުލަތުގެ ފެންވަރުގައި ރަސްމީ ހައިސިއްޔަތުން ދިވެހިންނަށް މިނިވަންކަން ލިބުނު ދުވަސް ފާހަގަ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން އުޒުރުވެރިވުމަކީ އަޅުވެތިކަމެއްގެ ތެރޭގައި ދިވެހިން ތިބިކަން ރައީސް ސޯލިހަށް ގަބޫލުފުޅު ކުރެވޭކަމުގެ ދަލީލެއް ކަމުގައެވެ.
ހަގީގީ މިނިވަންކަމަކީ މުޖުތަމައުގައި ހެލިފެލިވެ އުޅުމާއި، އާންމު ދިރިއުޅުމުގައި މަަސްއޫލުވެ އުޅުން ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ.
”ހަގީގީ މިނިވަންކަމަކީ ދިވެހިންގެ ކަންކަން އަމިއްލައަށް ނިންމުގެ ބާރު ދިވެހިންގެ އަތުގައި އޮތުން.“ ޚާލިދު ވިދާޅުވިއެވެ.
މީގެ ކުރިން ކަންކަން އޮތީ އެގޮތަށް ކަމަށާއި ރައީސް ޔާމީން ކޮށްދެއްވީ ދިވެހިންގެ ވެެރިކަމެއް ކަން ޚާލިދު ފާހަގަކުރެއްވިއެވެ.
”ހަމަ ވިލާތު މީހަކު ބުނާހާ އެއްޗަކަށް ކަންކަމެއް ނުކުރައްވާ. އެއީ ސިއްރު ޑީލް ނަހައްދަވާތީ.“ ޚާލިދު ވިދާޅުވިއެވެ.
އެކަމަކު މިހާރު ދިވެހި ވެރިއެއް ހުރުމަކުން އެ މަގުން ކަންކަން ހިނގަމުންދާކަމަށް ބުނެވެން ނެތް ކަން ފާހަގަކުރައްވައި ޚާލިދު ވިދާޅުވީ ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ދިވެހި ވެރިމީހާ ހުރީ ބޭރު ވެރިއެއްގެ މުށުތެރޭގައި ފިތިފައިކަމުގައެވެ.
”ބޭރު މީހާ ބުނާ ހުރިހާ ކަމެއް ކޮށްފި. މިނިވަން ދުވަސް އަންނައިރު، ބޭރުގެ އަސްކަރީންނާ، ގޮތް ނޭނގޭ އެއްބަސްވުންތަކާ، މި ފަސްގަނޑުގައި ތިބި ރާއްޖޭގެ ގާނޫނު ނުހިނގާ އެގައުމުގެ މީހުން ތިބެގެން ދިވެހިންނަށް އިހުސާސް ކުރެވެނީ އަޅުވެތިކަން.“ ޚާލިދު ވިދާޅުވިއެވެ.
ބެލެވޭގޮތުގައި ޚާލިދުގެ މިވާހަކަތައް އަމާޒު ކުރެއްވީ އަވަށްޓެރި އިންޑިއާގެ ބީޖޭޕީ ސަރުކާރުން ރާއްޖޭގައި ހަންފަތުރަން ކުރާ މަސައްކަތަށެވެ.
ގަބޫލުފުޅު ކުރެވޭކަމުގެ ދަލީލެއް. ހަގީގީ މިނިވަންކަމަކީ މުޖުތަމައުގައި ހެލިފެލިވެ އުޅުމެއް ނޫން. ހަގީގީ މިނިވަންކަމަކީ އާންމު ދިރިއުޅުމުގައި މަަސްއޫލުވެ އުޅުމެއްވެސް ނޫން. ހަގީގީ މިނިވަންކަމަކީ ދިވެހިންގެ ކަންކަން އަމިއްލައަށް ނިންމުގެ ބާރު ދިވެހިންގެ އަތުގައި އޮތުން.
— Khalid Abdulla Ali (@khalid__SP) July 25, 2022
މިނިވަން ދުވަސް ކަމުގައިވާ ޖުލައި 26 ގެ ރަސްމީ ޖަލްސާގެ އިތުރުން ދުވަހުގެ ހުރިހާ ހަރަކާތްތަކެއް ސަރުކާރުން ވަނީ ކެންސަލް ކޮށްފައެވެ. ސަބަބެއްގެ ގޮތުގައި ސަރުކާރުން ބުނަނީ ހަރަދު ބޮޑުވުމެވެ. އެކަމަކު ދައުލަތުގެ ވަޒީރުންނާއި ވެެރިން އަންނަނީ ސަރުކާރުގެ ހަރަދުގައި ދަތުރުތައް ކޮށް ޕާޓީ ބާއްވަމުންނެވެ.