ހައިކޯޓުން ރައްޒާން ބަންދު ނުކުރެވޭނެކަމަށް ނިންމުމުންވެސް ފުލުހަށް ހާޒިރުކުރަނީ
ދިވެހިރާއްޖޭގެ ހައިކޯޓުން ޕީޕީއެމްގެ ސެނެޓަރ އިބްރާހިމް ރައްޒާން ބަނދުގައި ނުބެހެއްޓޭނަކަމަށް ނިންމުމާއެކު އަނެއްކާވެސް އެބޭފުޅާ ފުލުހަށް ހާޒިރުކުރަން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުް ރައްޒާން ކުރި ޓްވީޓެއްގައި ވިދާޅުވީ އަނެއްކާވެސް މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު 16:30 އެބޭފުޅާ ފުލުހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ. އަދި މިފަހަރު ރައްޒާން ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ ފުލުހުން ރައްޒާނަށް ފުރައްސާރުކުރި މައްސަލަ ބެލުމަށް ބުނެ ކަމަށާއި, މިއީ އަނެއްކާވެސް އެބޭފުޅާ ބަންދުކުރުމަށް ކުރާ މަސައްކަތެއް ކަމަށް ބެލެވޭކަމުގައެވެ.
މީގެ އިތުރުން މި ޓްވީޓުގައި ރައްޒާން ވަނީ ފުލުހުން އެބޭފުޅާ ނުހައްގުން ބަންދުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައި, އިންސާފު ގާއިމްކުރުމަށް ގޮވާލާފައެވެ. އަދި ރައްޒާން ވިދާޅުވެފައިވާ ގޮތުގައި ތަކުރާރުކޮށް އެބޭފުޅާ ފުލުހަށް ހާޒިރުކުރަމުންދަނީ ފުލުހުން އެބޭފުޅާ ބަންދުކުރަން ކުރި މަސައްކަތް ނާކާމިޔާބުވުމުން, އެހެން ގޮތަކުން ބަންދުކުރުމަށެވެ.
MPS is summoning me again tomorrow 4:30PM. Court ruled that there is no proof. Prosecutorial persecution failed – so now, MPS has moved to police harassment. What next? Another move at arbitrary and cruel detention? Stop this ongoing wave of suppression! pic.twitter.com/PSVPQ0soRC
— Razzan Ibrahim (@RazzanMDV) July 24, 2022
ސެނެޓަރު ރައްޒާން ހައްޔަރުކުރެވުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހި ކުރިއަށްގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވާލަން ހިންގި ހަމަނުޖެހުން ރާވައި ހިންގިކަމުގެ ތުހުމަތުގައެވެ. އަދި އެންމެ ފުރަތަމަ 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށްފަހު ކްރިމިނަލް ކޯޓުން ވަނީ އެބޭފުޅާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް ދޫކޮށްލާފައެވެ.
މިކަމާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން ބުނެފައިވަނީ ރައްޒާން ބަންދުގައި ބެހެއްޓުމަށް ފުލުހުން ދައްކަފައިވާ އެއްވެސް ހުއްޖަތަކަށް ހެއްކެތް ނެތްކަމަށެވެ. އެގޮތުން އޭބޭފުޅާއަކީ މުޖުތަމައަށް ނުރައްކާތެރި މީހެއް ކަމަށް ދައުލަތުން ވަކާލާތުކުރި ނަމަވެސް, އެކަމަށް ދަލީލުކުރާ އެއްވެސް ހެއްކެއް ދެއްކިފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޔޯގާ ހަރަކާތް ހުއްޓުވާލުމާއި ގުޅިގެން ހައްޔަރުކުރި ގިނަ ފަރާތްތަކެއް މިހާރު ވަނީ ދޫކޮށްލާފައެވެ. މީގެ ތެރެއިން ގިނަ ފަރާތްތައް ހައްޔަރުކުރުމުގައި ފުލުހުން ކޮށްފައިވަނީ ތޫނުހަތިޔާރު ގެންގުޅުމާއި ހަމަނުޖެހުން އުފެއްދުމުގެ ތުހުމަތެވެ. އެހެން ނަމަވެސް ދައުލަތަށް ކޯޓުގައި ހައްޔަރުކުރެވުނު އެއްވެސް ފަރާތެއްގެ މައްޗަށް މިކަންކަން ސާބިތުކޮށްދެވިފައެއް ނުވެއެވެ. އެހެން ނަމަވެސް މި މައްސަލައާއި ގުޅިގެން ހައްޔަރުކުރެވުނު ޕީޕީއެމްގެ ސެނެޓަރު މުހައްމަދު އިސްމާއިލާއި ދިނީ އިލްމުވެރިޔާ ޝެއިޙް އާދަމް ނިޝާން އަދިވެސް ތިބީ ބަންދުގައިކަން ފާހަގަކޮށްލެވެއެވެ.