މަކުނު ވިދުރި ރާއްޖެއަށް އައުމުގެ ފުރުސަތު ބޮޑު، ޓެސްޓު ކުރެވޭގޮތް ހަދަނީ
ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ މަކުނު ވިދުރިއަކީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއުލާންކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެޗްޕީއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި, ދުނިޔޭގައި މަކުނު ވިދުރި ފެތުރެން ފެށުމާއެކު އެޗްޕީއޭއާއި ރާއްޖޭގެ ސިއްހީ ކަންކަމާ ބެހޭ ފަރާތްތަކުން ދަނީ ދުނިޔޭގައި އެބަލި ފެތުރެމުންދާ ގޮތް މޮނިޓަރކޮށް, ބައްޔާއި ގުޅިގެން ރާއްޖޭން ވާން ޖެހޭ ތައްޔާރީތަކާއި, ދޭން ޖެހޭ އިޖާބަ ދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރުމާއި, ޓެސްޓް ކުރެވޭނެ ގޮތް ގާއިމު ކުރުމުގެ މަސައްކަތް ކުރުމާއި, ސާރވެއިލެންސް ހަރުދަނާ ކުރުމާއި, އަދި ބަލި ޖެހޭ މީހުންނަށް ފަރުވާ ކުރުމާ ބެހޭ ގައިޑްލައިންތައް ކަނޑައެޅުންފަދަ މަސައްކަތާއެކު, ވެކްސިނާއި ބޭސް ލިބޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ބަޔާނުގައި ބުނެފައިވާ ގޮތުގައި ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު، ރާއްޖެއަށް ވެސް މި ބަލި އައުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި, އެހެން ނަމަވެސް ކޮވިޑް-19 ފަދަ ބައްޔަކާ އަޅާބަލާއިރު، މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށްވުމުން ބަލި ފެތުރޭ ގޮތާއި މިންވަރު ތަފާތުވާނެ ކަމަށް ބަޔާނުގައިވެއެވެ.
ހަމަ އެހެންމެ މި ބަޔާނުގައި ވަނީ މަކުނު ވިދުރި އެކަކު އަނެކަކު ގަޔަށް ފެތުރޭ ގޮތާއި އެބަލީގެ އަލާމާތްތައް ފާހަގަކޮށްފައެވެ. އެގޮތުން އެޗްޕީއޭއިން ފާހަގަކޮށްފައިވަނީ:
މަންކީ ޕޮކްސް އެކަކު ގައިން އަނެއްކަކު ގަޔަށް ފެތުރޭ ގޮތް
- ނޭވާލާ ނިޒާމުގެ ތެރެއިން: ގިނަ ވަގުތު ގާތުން ކޮންޓެކްޓް ވުމުން
- ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުން
- ބަލި މީހާގެ ހެދުމާއި ތުވާލި އަދި ބެޑްޝީޓް ފަދަ ތަކެތީގައި ޖެހުމުން
- މާބަނޑު ދުވަސްވަރު ބަލި ޖެހިއްޖެނަމަ ބަޑުގައިވާ ދަރިފުޅަށް ބަލި ޖެހުމުގެ ފުރުސަތު އޮވޭ
މަންކީ ޕޮކްސްގެ އަލާމާތްތައް:
- ހުން އައުން، ގައިގައި ރިއްސުން، ވަރުބަލިވުން، ގޮށްލުން
- ހަމުގައި ބިހި ނެގުން، މި އައުޓްބްރޭކްގައި ގިނައިން ފެންނާނީ ކުރިމަތި ފަރާރާއި ފުރަގަސްފަރާތް އަދި އަނގައިގެ ވަށައިގެން ބިހިނެގުން
- ބިހިތައް ފުރަތަމަ ނަގާއިރު، ހުންނާނީ ފަތިކޮށް، އެއަށްފަހު ފެން ފޮޅަށްވެ، ފޮޅު ފަޅައިގެން ގޮސް ކުރަލާނެ
މަކުނުވިދުރި ހަލުވިކަމާއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން އައުމާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ދަނީ އެބަލިން ރައްކާތެރިވުމަށް ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. މި ބައްޔާއި ގުޅިގެން މީގެ ކުރިން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ބުނެފައިވާ ގޮތުގައި, މި ބައްޔާމެދު ފަރުވާ ކުޑަކުރެވިއްޖެނަމަ މި ބައްޔަކީ ކޮވިޑު-19 ފަދަ ސިއްހީ ކާރިސާއަކުން ވުން ގާތް ބައްޔެކެވެ.