ޔޯގާ ތަހުގީގު ކުރާ ފުލުހަކާ ސީޕީ ހަމީދު އެކަހެރި ބައްދަލުވުމެއް ބޭއްވި: އާސިފް
ރާއްޖެ އާއި އިންޑިއާ ސަރުކާރު ގުޅިގެން ޖޫން 21 ގައި ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ބަޔަކު ހުއްޓުވާލި މައްސަލައިގެ ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވާ ފުލުހަކާ، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އެކަހެރި ބައްދަލުވުމެއް ބޭއްވި ކަމަށް ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވެއްޖެއެވެ.
ޔޯގާ ހައްޔަރީންގެ ވަކީލުންގެ ފަރާތުން ރޭ ލެވެންޑާ ރެސްޓޯރެންޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާސިފް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރާ ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރ (އައީއޯ) އަކާއި ސީޕީ ހަމީދު ސިއްރު ބައްދަލުވުން ބާއްވާ ކަމުގައެވެ. އަދި އެއީ އާންމުންނަށް ފަސޭހައިން ނުވަދެވޭ ތަނެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
”ޕޮލިސް ކްރައިމް ކޮމާންޑުގެ ވެރިއަކަށް އޭސީޕީ މުހައްމަދު ރިޔާޒުވެސް ހުރޭ. ވެރިން ބައިޕާސްކޮށްފަ ސީޕީ ވަކި އައިއޯއަކާ ހަފްތާއަކު 5 ފަހަރުވެސް އެބަ ބައްދަލުކުރޭ. ޝެއިޚް ފަޟްލޫން ބިން މުހައްމަދު ބަންދުން ދޫކޮށްލި ދުވަހު މިބުނާ އައިއޯ ކޯޓުގަ ވަރަށް އައްޗިކޮށް އުޅުނު.“ އާސިފް ވިދާޅުވިއެވެ.
އެއީ ކޮން އައިއޯއެއްކަން ވަކީލު އާސިފް ވިދާޅުނުވި ނަމަވެސް ޝެއިޚް ފަޟްލޫން ބަންދުން ދޫކޮށްލި ދުވަހުގެ އަޑުއެހުމުގައި ބައިވެރިވީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޝުއައިބް އަބްދުއްރަހްމާން އެވެ. އާސިފް ފާހަގަކުރެއްވިގޮތުގައި ޝަރުތުތަކަކާއެކު ފަޟްލޫން ބަންދުން ދޫކޮށްލުމަށް ފަނޑިޔާރު ނިޔާ އިއްވެވުމުން މުޖުތަމައު ބިރުވެރިކަމެއްގެ ތެރެއަށް ހިނގައިދާނެކަމަށް އައިއޯ (ޝުއައިބު) ވިދާޅުވިއެވެ. އަދި އޭނާއަށް ފަނޑިޔާރު ނަސޭހަތް ދިން ކަންވެސް އާސިފް ފާހަގަކުރެއްވިއެވެ.
ވަކީލު އާސިފް ވަނީ ފުލުހުންގެ އައިއޯ (ޝުއައިބު) ޒާތީ ތައައްސުބުން ފުރިގެންވާ ފަދަ ގޮތަކަށް ޔޯގާ މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދާ ކަމަށް ވިދާޅުވެފައެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ޖުމްލަ 21 މިހަކު ހައްޔަރު ކުރިއެވެ. އެކަމަކު މިހާރު ބަންދުގައި ތިބީ 12 މީހުންނެވެ. ދޫކޮށްލި މީހުންގެ ތެރޭގައި 60 ދުވަހަށް ބަންދުގެ މުއްދަތު ޖެހި މީހުންވެސް ހިމެނެއެވެ. މި މައްސަލައިގައި ޝެއިޚް ފަޟްލޫން ދޫކޮށްލިއިރު، ޝެއިޚް އާދަމް ނިޝާން އަދިވެސް ދުލެއް ނުކުރެއެވެ.