ޚަބަރު

މުހައްމަދު އިސްމާއިލް އާއި ދެކޮޅަށް ހެކި އުފައްދަން އެބަ މަސައްކަތް ކުރޭ: އާސިފް

ޖޫން 21 ގައި ހިނގައިދިޔަ ޔޯގާ ހަމަނުޖެހުން ރާވާ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދިގު ބަންދުގެ މުއްދަތެއް ޖަހާފައިވާ ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ދެކޮޅަށް ހެކި އުފައްދަން ފުލުހުން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ގާނޫނީ ވަކީލު އާދަމް އާސިފް ކުރައްވައިފިއެވެ.

ޔޯގާ ހައްޔަރީންގެ ވަކީލުންގެ ފަރާތުން ރޭ ލެވެންޑާ ރެސްޓޯރެންޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާސިފް ވިދާޅުވީ މުހައްމަދު ގަލޮޅު ދަނޑަށް ދިޔަ ކަން ދެއްކުމަށް ވެހިކަލް ޑްރައިވަރުންގެ ސިއްރު ބަޔާންތަކެއް އުފައްދަން ފުލުހުން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައެވެ. އަދި އޭނާ ދޫނިދޫއަށް ގޮސް ހުއްޓައި ޔޯގާ ތަހުގީގުގައި އުޅޭ ދެ ފުލުހަކު މުހައްމަދު އިސްމާއިލް އޮތް ގޮޅި ކައިރިން ފެނިފައިވާ ކަން އާސިފް ފާހަގަކުރެއްވިއެވެ. 

”އަޅުގަނޑު އެތާ ހުރީމަ އެމީހުނަށް އުނދަގޫވެސް ވި. މުހައްމަދު އޮތް ގޮޅިއާ ދިމާލުން ޔޯގާ ހައްޔަރީއެއް ނެރުނު. އޭނާ ގެންދިޔައީ ސިއްރު ބައްދަލުވުމެއް ބާއްވަން. އެހެންވީމާ މުހައްމަދު އޮތް ގޮޅީގަ ފުލުހުންގެ އިންޓެލް އެއް އެބައުޅޭ.“ އާސިފް ވިދާޅުވިއެވެ. 

އާސިފް ފާހަގަކުރެއްވިގޮތުގައި މުހައްމަދު އާއި ދެކޮޅަށް ހެއްކެއް ނެތުމުން ފުލުހުން ގެންދަނީ އޭނާ ފްރޭމް ކުރުމަށް މަސައްކަތް ކުރަމުންނެވެ. 

މުހައްމަދު އިސްމާއިލްގެ ބަންދަށް އެންމެ ފަހުން 30 ދުވަސް ޖަހާފައިވާއިރު، އޭނާ އަކީ އެދުވަހުގެ ހަމަނުޖެހުން ހިނގި ސަރަހައްދަށް ދިޔަ ބޭފުޅެއް ނޫނެވެ. އެހެން ނަމަވެސް އާންމު އުސޫލުން ސަރުކާރާ ދެކޮޅަށް ހިންގާ ސުލްހަވެރި ހަރަކާތްތަކުގައި މުހައްމަދު އަކީ އެހީތެރިކަން ފޯރުކޮށްދޭ ބޭފުޅެކެވެ. އަދި ޔޯގާ ހަރަކާތް އިންތިޒާމް ކުރި މީހުންނަށްވެސް ގާނޫނީ އިމުގެ ތެރެއިން ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމާއި، އެތަނަށް ދިޔަ ބަޔަކު ދަނޑަށް ވަނުމާއި ގުޅުމެއް ނެތްކަމަށް މުހައްމަދު ވަނީ ކުރިން ވިދާޅުވެފައެވެ. 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button