
މިސަރުކާރުން ދުނިޔޭގެ އެތަންމިތަނުން ސަލާންޖަހައިގެން ހޯދި ފައިސާ އެޅީ ކޮންތާކަށްތޯ ވިދާޅުވެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުޙާއްމަދު ލަތީފް (ސެމްބެ) ސުވާލު އުފައްދަވައިފިއެވެ.
”މިނިވަންކުރޭ“ ނަމުގައި އިދިކޮޅުން ޕީޕީއެމް އޮފީސްކުރިމަތީގައި ރޭ ބޭއްވި މުޒާހަރާގައި ވާހަކަ ދައްކަވަމުން ސެމްބެ ވަނީ އެމްޑީޕީ އަށާއި ރައީސް ސޯލިހުގެ ސަރުކާރަށް ވަރަށްބޮޑަށް ފާދު ވިދާޅުވެފައެވެ.
އެގޮތުން ޚިޔާލުފާޅު ކުރުމުގެ ޖާގަ ނުދެއްވާއިރު، ޑިމޮކްރަސީގެ ބައްޕަ އާއި، މަންމަ އާއި ކާފަ އަދި މުނިކާފަވެސް ތިބީ އެމްޑީޕީގައި ކަމަށް ސެމްބެ ވިދާޅުވިއެވެ.
ރައީީސް ސޯލހު އާއި ރައީސް ނަޝީދު އާއި ދެން ތިއްބެވި ބޭފުޅުން ކުރަނީ ކޮންކަމެއްތޯ ވިދާޅުވެ ސެމްބެ ވަނީ މިސަރުކާރުން ދުނިޔޭގެ އެތަންމިތަނުން ސަލާންޖަހައިގެން ހޯދި ފައިސާ އެޅީ ކޮންތާކަށްތޯ ސުވާލު އުފައްދަވައިފިއެވެ.
”ކޮބައިތޯ އޭ ޑިމޮކްރަސީގެ އަސާސްތައް. ޑިމޮކްރަސީގެ ބައްޕަ އާއި މަންމަ އާއި ކާފައާއި މުނިކާފައަށް ދާންދެން ތިތާތެރޭގައޭ ތިތިބީ. ކީއްތޯ ކުރަނީ ރައީސް ނަޝީދާއި،ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދުނިޔޭގެ އެކި ޤައުމުތަކަށްގޮސް ސަލާންޖަހައިގެން ހޯދިހާ ފައިސާ ކޮންތާކަށްތޯ ތި ތަޣައްޔަރު ކޮށްފަ އެޅީ“ ސެމްބެ ވިދާޅުވިއެވެ.
ސެމްބެ ވަނީ މިސަރުކާރުން ކުރާ ޤާނޫނާ ޚިލާފު އަމުރުތަކަށް ކިޔަމަންވާ ކަމަށްބުނެ ފުލުހުންނަށްވެސް ފާޑު ވިދާޅުވެފައެވެ.
”ތިބޭފުޅުން ތި އަމަލު ކުރަނީ ޣައިރު ޤާނޫނީ އަމުރުތަކަށް، އަޅުގަނޑުމެން ރައްޔިތުން ޚިޔާލު ފާޅުކުރަން ފުރުސަތުދެއްވާ، ތިބޭފުޅުންގެ ޕްރޮފެޝަން ހިފެހެއްޓުމަށްޓަކައި މަސައްކަތްކުރައްވާ“ ސެމްބެ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ދިވެހި ފުލުހުންގެ މުސާރަ ދެނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަަމށް ވީހިނދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ޚިޔާލު ފާޅުކުރަން ނުކުތުމުން އެކަމަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
ސެމްބެ ވިދާޅުވީ ފުލުހުންގެ އަގު ވަޒަންކުރާނެ ބަޔަކު ތިބިއްޔާ ތިބީ އިދިކޮޅު ޕީޕީއެމް ކޯލިޝަން އާއި އެ ކޯލިޝަންގެ ފިކުރުގައި ކަމަށެވެ. އަދި ޤައުމުގައި މިއަދު ހިންގަމުންދާ ހަޑިމުޑުދާރު އަމަލުތަކަށް ފުލުހުން އިޖާބަ ނުދެއްވުމުގެ ނަތީޖާ އަކީ އެ ހުރިހާ ކަންކަން ފުލުހުންގެ ބޮލުގައި އެޅެމުން ދިއުން ކަމުގައި ސެމްބެ ވިދާޅުވިއެވެ.
ސެމްބެ އިތުރަށް ވިދާޅުވީ މިސަރުކާރަކީ ލިވާތުކުރުން އާންމުކުރި ސަރުކާރެއް ކަމަށެވެ.
އެގޮތުން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ކުށެއްގޮތުގައި ކަނޑައަޅާފައިވާ ކަންކަމާއި އިސްލާމްދީނުގައި ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނިފައިވާ ލިވާތު ކުރުން އާންމުކޮށްގެންތިބި ސަރުކާރަކުން ކުރާ ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާވާކަން ނުޖެހޭނެ ކަމަށް ސެމްބެ ވަނީ ވިދާޅުވެފައެވެ.