ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަކީ މި ސަރުކާރުން ކުރާ ޤާނޫނާއި ޚިލާފު އަމުރުތަކަށް ކިޔަމަންވާނެ ބައެއްނޫން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރޭ އިދިކޮޅު ކޯލިޝަނުން ”މިނިވަންކުރޭ“ ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރަގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވަނީ ސަރުކާރުން ކުރާ ޣައިރު ޤާނޫނީ އަމުރުތަކާއި ދެކޮޅަށް ރައްޔިތުން ނުކުމެ ކަންކަން ހަމަ މަގަށް އަޅުވައި ޤައުމު އިސްލާހު ކުރާނެކަން ސަރުކާރުން މިއަދު ޤަބޫލު ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ދިވެހި ފުލުހުން މިއަދު ތަބާވަމުންދަނީ ސަރުކާރުން ކުރާ ޣައިރު ޤާނޫނީ އަމުރުތަކަށް ކަމަށާއި އޭގެ ނަތީޖާ ނުކުންނާނެކަން ފުލުހުންވެސް ޤަބޫލުކުރަން ވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
”ދިވެހި ފުލުހުން މިއަދު ސަރުކާރުން ކުރާ ޣައިރު ޤާނޫނީ އަމުރުތަކަށް ކިޔަމަންވާއިރު ޤަބޫލުކުރަންޖެހޭ އޭގެ އާޚިރު ނަތީޖާ ނުކުންނާނެކަން.“ އާދަމް ޝަރީފް ވިދާޅުވިއެވެ.
ރޭގެ މުޒާހަރާއިން 1 ބައިވެރިއަކު ހައްޔަރުކޮށްފައިވާއިރު، ގިނަ ބައެއްގެ މޫނަށް ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ.
އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ މި އިހްތިޖާޖަކީ ޔޯގާ ހައްޔަރީން ދޫކޮށްލުމަށް ގޮވާލައި ކުރިއަށްގެންދާ ހަރަކާތެކެވެ. މިދިޔަ ހަފްތާވެސް ޕީޕީއެމް ޕީއެންސީއިން ވަނީ މި އިހްތިޖާކު ކުރިއަށް ގެންގޮސްފައެވެ. އެހެން ނަމަވެސް ރޭގެ އިހްތިޖާޖު ރޫޅާލުމަށް އާދަޔާ ޚިލާފު ގިނަ އަދަދެއްގެ ފުލުހުން ވަނީ ހަރަކާތްތެރި ވެފައެވެ.
ކަލޭހެދިގާނޫނު އައްވެސް ކަލެއައް ތަބާނުވެވޭއިރު ކިހިނެއްތޯ ބަޔަކު ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކައް ތަބާ ކަލެއައް ވެވޭނީ އާދަނާ