މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ނޫސްވެރިކަމަށް

މިއަދުގެ ޚުތުބާގައި ޖުމްލަ ގޮތެއްގައި ނޫސްވެރިކަމުގެ މިންގަނޑުތަކާއި ހަމަ ހިފެއްޓުމަށް ގޮވާލައްވައިފިއެވެ.
އެގޮތުން މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމާއި، ދޭދޭ މީހުންގެ މެދުގައި ބައިބައިވުން އުފެދޭނެފަދަ ވާހަކަތައް ނުފެތުރުމަށް ޚުތުބާގައި ގޮވާލެއްވިއެވެ. އަދި އެފަދަ ކަންކަމަކީ މާތްﷲ ނަހީ ކުރައްވާފައިވާ ކަމެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ވަނީ އެކަކު އަނެކަކާއި މުޢާމަލާތު ކުރުމާއި، އެކަކު އަނެކަކު ބަސްމޮށޭއިރު ރިވެތި ބަހުން މުޚާތަބު ކުރުމަށް ގޮވާލައްވާފައެވެ.
ޚުތުބާގައި ވަނީ އެންމެހާ މީސްތަކުން މާތް ﷲ އަށް ތަޤްވާވެރިވުމަށާއި މުސްލިމެއްގެ ޙަޔާތުގައި ނުބައި ބަސްތަކަށް އެއްވެސް ޖާގައެއް ލިބިގެން ނުވާ ކަމުގައި ބުނެފައެވެ. އަދި އޭނާގެ މުޅި ޙަޔާތް ބިނާކުރަން ޖެހޭނީ ހެޔޮ ކަންތައް ކުރުމާއި، ހެޔޮ ބަސްތައް ބުނުމުގެ މަތީގައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
އަދި ހެޔޮ ބަހުގެ ސަބަބުން ސަފުތައް ސީދާވެ މީސްތަކުން އެއްގަލަކަށް އަރައި ހިތްތައް އެކުވެރިވެފައިވާ ކަމުގައި ބުނެފައިވެއެވެ. މިއާއިއެކު ހަތުރުވެރިން އެކުވެރިންނަށްވެ ބަދަލުވެ، ދުރުމީހުން ގާތްމީހުންނަށްވެ، ދޭދޭ މީހުން މެދުގައި ހުރި ރުޅިވެރިކަން ފިލާފައިވާ ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.
ހުކުރު ޚުތުބާގައި އަބަދުވެސް އަލިއަޅުވާލަނީ އެއިރެއްގައި މުޖްތަމަޢުއިން ފާހަގަކޮށްލެވޭ ކަންކަމާއި ގުޅޭގޮތުން މީސްތަކުން އަހުލުވެރިކުރުމަށެވެ.
އެގޮތުން މިދުވަސްވަރަކީ ދިވެހި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ގުޅިގެން މުޖްތަމަޢުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްކަމުން މިއަދުގެ ޚުތުބާގައި ވަނީ މިކަންކަމަށް އަލިއަޅުއްވާލައްވާފައެވެ.