ޚަބަރު

ނޫސްވެރިން ޖަލަށް ލެވޭ ބިލު ފާސްކުރުމަށްފަހު ސަރުކާރުން ދިގު ހާސަރު ގަނޑެއް!

ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލާ ނޫސްވެރިން ޖަލަށް ލެވޭނެ އިސްލާހާއި އެކު ނޫސްވެރިންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ހެއްކާއި ބެހޭ ބިލް ޖުލައި މަހުގެ 18 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައި ނޫސްވެރިންގެ ދުލުގައި ތަޅު އެޅުވުމަށްފަހު ނޫސްބަޔާނެއްގެ ނަމުގައި ދިގު ހާސަރު ގަނޑެއް ނެރެފިއެވެ.

ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ މި ހާސަރު ގައި ބުނެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަކީ ކޮންމެ މީހަކަށްވެސް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދޭ ޙައްޤެއް ކަމަށާއި، މިގޮތުން އެމީހަކު ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމުގައި ބަޔާންކޮށްފައިވާކަމަށެވެ.

މީގެ އިތުރުން މަޢުލޫމާތުގެ މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރުމުގެ ޙައްޤު، މިނިވަން އަދި ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ހިފެހެއްޓިފައިވަނީ، އެ ޙައްޤުގެ މަޤްޞަދާއި އިމްތިޔާޒުތަކާއި، ޙައްޤު ހިފެހެއްޓުމުގެ މުހިއްމުކަން އަޅައިކިޔުމަށް ފަހުގައި ކަމަށާއި، ނޫސްވެރިންނަށް ލިބޭ މަޢުލޫމާތުގެ މަސްދަރުތައް ޙިމާޔަތްކުރުމުގެ ބޭނުން އޮތް ނަމަވެސް، ދީމިޤްރާޠީ މުޖްތަމަޢުތަކުގައި އެކަން އިސްތިސްނާކުރުން ހުއްދަކޮށް އެ މަޢުލޫމާތެއް ލިބުނުގޮތް ދެނެގަނެވޭނެ ޤާނޫނީ ގޮތްތަކެއް އޮންނަ ކަމާއި އޭގެ ތެރޭގައި، ޢަދުލު އިންޞާފުގެ މަޞްލަޙަތާއި، ޤައުމީ ސަލާމަތާއި، ފިތުނަފަސާދަ ނުވަތަ ކުށް ހުއްޓުވުމުގެ މަޞްލަޙަތު އިސްކުރާ ކަންތައްތައް ހިމެނޭކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ނޫސްވެރި ކަމުގެ މިނިވަންކަން ހިފެހެއްޓުމުގައި ރިޢާޔަތްކުރާނެ ކަންކަމުގެ ތެރޭގައި، ޤައުމީ ސަލާމަތް ރައްކާތެރި ކުރުމާއި، ސަރަޙައްދީ މަޞްލަޙަތަށް އިސްކަން ދިނުމާއި، އާންމު މަޞްލަޙަތާއި، ފިތުނަވެރިކަމާއި ކުށް ހުއްޓުވުމާއި، ޞިއްޙަތު ރައްކާތެރިކުރުމާއި، އަޚުލާޤީ މިންގަނޑުތައް ހިފެހެއްޓުމާއި، މީހުންގެ ނަމާއި އަބުރު ރައްކާތެރިކޮށްދިނުމާއި، އިތުބާރުހުރި ފަރާތްތަކުންދޭ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި، ޝަރުޢީ ދާއިރާގެ ބާރާއި މުސްތަޤިއްލުކަން ދެމެހެއްޓުން ހިމެނޭކަމަށް ވެއެވެ.

މީގެ އިތުރުން މަސްދަރު ހާމަކުރުމުގެ ހުއްދަ ދިނުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ފުރިހަމަ ލިސްޓެއް ޤާނޫނުގައި ހިމަނައިފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ހެއްކާބެހޭ ޤާނޫނުގައި، ނޫސްވެރިޔަކު އޭނާއަށް ލިބުނު މަޢުލޫމާތުގެ މަސްދަރު ހާމަކުރަންޖެހޭ ފަދަ އަމުރެއް ނެރުމުގެ ކުރިން، މި ލިސްޓްގައިވާ ނުކުތާތަކަށް ކޯޓުތަކުން ރިޢާޔަތް ކުރުން ލާޒިމުކޮށްފައިވާކަމަށް ވަނީ ބުނެފައެވެ. އަދި މަސްދަރު ހާމަކުރުމަށް ކޯޓަކުން ކޮށްފައިވާ އަމުރު، މަތީ މަރުޙަލާގެ ކޯޓުތަކުގައި (ހައިކޯޓު އަދި ސުޕްރީމް ކޯޓުގައި) އިސްތިއުނާފު ކުރުމުގެ ފުރުޞަތު ނޫސްވެރިޔާއަށް ލިބިގެންވާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ސަރުކާރުން ދެމި ހާސަރު ގަނޑާއި އެކު އަނެއްކާވެސް ބުނެފައިވަނީ ނޫސްވެރިންނަށް ޙިމާޔަތްދިނުމާއި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއާއި، 29 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބިދޭ ޙައްޤުތައް ރައްކާތެރިކުރާނެ ވާހަކައެވެ.އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަޤީންކަން އަރުވާކަމަށްވެސް ބުނެފައިވެއެވެ.

ނޫސްވެރިންގެ ދުލުގައި ތަޅު އެޅުވިތާ 24 ގަޑިއިރު ހަމަނުވަނީސް ނޫސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން ފެށުމަށްފަހު ސަރުކާރުން ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީ، މިނިވަން ނޫސްވެރިކަން ކުރިއެރުވުމަށް އެހިނދަކަށް ކުރަންޖެހޭ މަސައްކަތެއް މި ސަރުކާރުން އަބަދުވެސް ކުރަމުންގެންދާނެ ކަމަށެވެ.

ހެއްކާއި ބެހޭ ބިލްގައި ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތައް އޮތުމުން ނޫސްވެރިކަމާއި ބެހޭ ބައިނަލް އަގްވާމީ ޖަމިއްޔާ ތަކުގެ ފާޑުކިޔުންތަކުން ރެކެން ރައީސް އޮފީހުން ނެރުނު ބަޔާނަށްވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ސަރުކާރުން ނޫސްވެރިން ޖަލަށްލުމަށް ފަރުމާކުރި މި ގާނޫނުގެ ދިފާއުގައި އަދުގެ ސަރުކާރުގެ އިސް މަޤާމްތަކުގައި ތިއްބެވި ކުރީގެ ނޫސްވެރިންނާއި، މަޖިލިސް މެމްބަރުކަމުގައި ތިބި ކުރީގެ މިނިވަން ނޫސްވެރިންކަމަށް ވަކާލާތުކުރި ބަޔަކު އަންނަނީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ދައްކަމުންނެވެ.

2 Comments

  1. މިސަރުކާރަކުންނެއް ނޫން ނޫސްވެރިން ޖަލައްލާ ޕެޕަރ ސްޕްރޭ ނިކުންނައިރައް ޖެހީ. ޔާމިނު ވެރިކަމުގަ ނޫސްވެރިންނައް ދިން އަނިޔާއެއް ދިވެހި ތާރީހުގަ ވެރިކަންކުރި އެކަކުވެސް ނުދޭ… ޕީ،ޕީ،އެމް މީހުން ލަދުގަންނަންޖެހޭނެ މިއަދު ނޫސްވެރިކަމޭ ކިޔާ އަނގަހުޅުވަންވެސް… ނޫސްވެރިން ގެއްލި މަރާ ޖަލައްލާ ޕެޕަރ ސްޕްރޭ ޖަހަމުން ވެރިކަން ނިމިގެންދަންދެން އަނިޔާކުރަމުން ދިޔައީ ޔާމިނު ވެރިކަމުގަ އިނގޭތޯ…

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button