ނުޙައްގުން ހައްޔަރުކޮށްފައިވާ އެންމެހާ މުސްލިމުންނަށް ދުޢާ ކޮށްދީ: ޝެއިޚް ފަޟްލޫން

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިންގި ޔޯގާ ޙަރަކާތް ހުއްޓުވާލުމުގެ ތުޙުމަތުގައި ހައްޔަރުކުރެވު ޝެއިޙް ފަޟްލޫން ބިން މުޙައްމަދު މިނިވަން ވުމަށްފަހު އެދިވަޑައިގަތީ ނުޙައްގުން ހައްޔަރުކޮށްފައިވާ އެންމެހާ ފަރާތްތަކަށް ހެޔޮ ދުޢާ ކޮށްދެއްވުމަށެވެ.
ޝެއިޚް ފަޟްލޫން ހައްޔަރުކުރެވިނީ ޔޯގާ ޙަރަކާތް ހުއްޓުވާލުމުގެ ހަމަނުޖެހުން ރާވާ ހިންގިމަކުގެ ތުޙުމަތުގައެވެ. އަދި އެބޭފުޅާގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކޮށްފައިވާއިރު, ދޫކޮށްލާފައިމިވަނީ ޖުމްލަ 29 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހުއެވެ.
މިނިވަންވުމާއި އެކު ކުރެއްވި ޓްވީޓެއްގައި ޝެއިޚް ފަޟްލޫން އެދިވަޑައިގަތީ ޙައްޤަކާނުލައި ހައްޔަރުކޮށްފައިވާ މުސްލިމް އަޚުންގެ ޙައްޤުގައި އެންމެހާ އަޚުންނާއި އުޚުތުން ދުޢާ ކޮށްދިނުމަށެވެ.
Alhamdhulillah
Haggakaanulaa hayyarukoffaivaa aharumege Muslim Akhun thiya emmehaa akhunaa ukhthunge Duagai shaamilkuravvaathi.
Jazakumullah Khairan
— Fazloon Bin Muhammad (أبو عبد الرحمن الملندوي) (@fzlunx) July 21, 2022
މުއްދަތު މަޖިލީހުން މިއަދު ޝެއިޚް ފަޟްލޫން ދޫކޮށްލާފައިވަނީ ތަޙުގީގަށް އެއްބާރުލުން ދިނުމަށް ޝަރުޠުކުރުމަށް ފަހުގައެވެ. މިކަމާ ގުޅޭގޮތުން ޝެއިޚް ފަޟްލޫން ގެ ލޯޔަރ އުސްތާޒް މުޙައްމަދު ޝަހީދު ”ބޮންތި“ އަށް ވިދާޅުވީ ތަޙުގީގަށް އެއްބާރުލުން ދިނުމުގެ އިތުރަށް ބޭރު ޤައުމަކަށް ދަތުރުކުރާނަމަ، ލިޔުމުން ފުލުހުންނަށް އެކަން އެންގުމަށާއި, އެޑްރެސް އަދި ފޯން ނަމްބަރު ބަދަލުކުރާނަމަ، އެކަންވެސް ފުލުހުންނަށް އެންގުމަށް ޝަރުތުކޮށްފައިވާ ކަމުގައެވެ.
މީގެ އިތުރުން ޝަހީދް އިތުރަށް ވިދާޅުވީ, ޔޯގާ މައްސަލައިގައި ހައްޔަރުކުރެވިފައިވާ އެހެން ފަރާތްތަކަށް ޝެއިޚުންނާއި ދެކޮޅަށް ހެކިބަސް ދިނުމަށް ފުލުހުން ހުށައަޅަމުންދާ ކަމުގެ ކަންބޮޑުވުން މިއަދުގެ އަޑުއެހުމުގައި ޝެއިޚް ފަޟްލޫން ހާމަކުރެއްވި ކަމުގައެވެ. އަދި މިކަމާއި ގުޅިގެން ހައްޔަރުގައި ތިބޭ ފަރާތްތަކުގެ ފުށުން އެފަދަ ކަމަކަށް އެދިގެން ނުވާނެ ކަމަށާއި, ހައްޔަރުގައި ތިބި ނަމަވެސް، ހައްޔަރީންނާއިމެދު ޢަމަލުކުރަންވާނީ އިޙިސާންތެރިކޮށް ކަމަށް ކޯޓުން ބުނެފައިވާކަމަށް އުސްތާޒް ވިދާޅުވިއެވެ.