ޚަބަރު

ރައުދާގެ މަރުގެ ތަހުގީގު އަނެއްކާވެސް ފަށަނީ!

ބަންގްލަދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުގެ ތަހުގީގު އަލުން ފަށަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ބަންގްލަދޭޝްގެ ކޯޓަކުން އަމުރުކުރުމުންނެވެ. މިއީ އެކި ސަބަބުތަކާއި ހުރެ ރައުދާގެ މަރުގެ ތަހުގީގް ކުރަން ފެށި ހަވަނަ ފަހަރެވެ.

އުމުރުން 20 އަހަރުގެ ރައުދާއަކީ ބަންގްލަދޭޝްގެ ރާޖްޝާހީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖުގައި މެޑިސިން ކިޔަވަމުން ދިޔަ ދަރިވަރެކެވެ. ރައުދާ ދަންޖެހުނު ޚަބަރު އެންމެ ފުރަތަމަ އާންމުވީ މާޗް މަހުގެ 29 ވަނަ ދުވަހުގެ މެންދުރު ކުރީގެ ވަގުތުގައި ބަންގްލަދޭޝްގެ މީޑިއާ އިންނެވެ. ރައުދާ ދަންޖެހިފައިވަނީ އެނދުމަތީ ގޮނޑިއެއް ބާހައްޓާ، އޭގެ މަތީ ބާލީހެއް ބޭއްވުމަށް ފަހު ބާލީސް މައްޗަށް އަރާ ކޮޓަރީގެ ފަންކާގައި ސްކާފެއް އައްސައިގެންނެވެ. ރައުދާ ”ދަންޖެހިފައި“ ހުއްޓާ ފެނިފައިވަނީ، އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގައި ތަޢުލީމް ހާސިލްކުރާ އެހެން ޤައުމުތަކުގެ ދަރިވަރުންނަށް ޙާއްސަ އަންހެން ކުދިންގެ ހޮސްޓެލްގައި ރައުދާ ދިރިއުޅުނު 209 ނަމްބަރު ކޮޓަރިންނެވެ.

”އަހުރެންގެ ދަރިފުޅު ރައުދާގެ މަރުގެ މައްސަލަ އަލުން ބަލުން ތަހުގީގުކުރުމަށް ރާޖްޝާހީ ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފި.“ ރައުދާގެ ބައްޕަ ބުންޏެވެ.

ބަންގްލަދޭޝްގެ ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާޖްޝާހީ ކޯޓުން އިއްޔެ އަމުރުކޮށްފައި ވަނީ އެ މައްސަލަ އެސިސްޓެންޓް ސުޕްރިޓެންޑެންޓް ޕޮލިސް (އޭއެސްޕީ) އޮފިސަރަކާއި ހަވާލުކޮށްގެން ތަހުގީގު ކުރުމަށެވެ.

ރައުދާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ބަންގްލަދޭޝް ސަރުކާރުން ފުރަތަމަ ބުނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ. ބަންގްލަދޭޝް ފުލުހުން ރައުދާ މަރުވީ އަމިއްލައަށް ކަމަށް ބުނުމުން، އެކަން ގަބޫލުނުކޮށް އޭނާގެ މަރަކީ ގަތުލެއްގެ ގޮތުގައި ތަހުގީގުކޮށްދޭން އެދުނީ އެނާގެ ބައްޕަ މުހައްމަދު އާތިފެއެވެ. ރައުދާގެ ބައްޕަގެ އެދުމަށް ކޯޓް އަމުރެއްގެ ދަށުން ރައުދާގެ މަރުގެ ތަހުގީގް އަލުން ފަށާ ވަޅުލިތާ 27 ދުވަސް ފަހުން ރައުދާ ހަށިގަނޑު ނެގިއެވެ. އެ ފަހަރު ރައުދާގެ މަރާ މެދު ސީއައިޑީން ތައްޔާރުކޮށް ރާޖްޝާހީ މެޓްރޮޕޮލިޓޭން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ފައިނަލް ރިޕޯޓަށް ވެސް އާތިފު ވަނީ ދެކޮޅު ހަދާފައެވެ. އެހެން ނަމަވެސް ދެވަނަ ޕޯސްޓްމޯޓަމްގެ ނަތީޖާ ވެސް އައީ އަމިއްލައަށް މަރުވި ކަމަށެވެ.

ރައްޖޭގައި ރިޔާސީ ކޮމިޝަނުން ރައުދާގެ މަރާއި ގުޅޭ ގޮތުން ނެރެފައިވާ ރިޕޯޓުވެސް ބުރަވެފައިވަނީ ރައުދާ މަރުވީ އަމިއްލަ އަށް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button