ޚަބަރު

ހުކުރު ދުވަހާއި ޢަރަފާތް ދުވަސް ދިމާވެއްޖެނަމަ، ހުކުރު ދުވަހު އެކަނި ރޯދަ ހިފުމުން ފުދޭނެ:ޢިލްމުވެރިން

ހުކުރު ދުވަހާ ޢަރަފާތް ދުވަސް ދިމާވެއްޖެނަމަ، ހުކުރު ދުވަހު އެކަނި ރޯދަ ހިފުމުން ފުދޭނެ ކަމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިން ވިދާޅުވެއްޖެއެވެ.

އެގޮތުން ޝެއިޚް ޢަލީ ޒައިދު އަދި ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފްގެ އިތުރުން އެހެން ބައެއް ދީނީ ޢިލްމުވެރިންވެސް ދަނީ މިކަން އޮންނަގޮތް އޮޅުން ފިލުވައިދެއްވަމުންނެވެ.

ޢަރަފާތު ދުވަހުގެ ރޯދަ އާއި ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުން ޒައިދު ވިދާޅުވީ ހުކުރު ދުވަހާ ޢަރަފާތް ދުވަސް ދިމާވެއްޖެނަމަ،ހުކުރު ދުވަހު އެކަނިރޯދަ ހިފުމުން ފުދޭނެކަމަށާއި،ހުކުރުދުވަހު ރޯދަ ހިފުން މަކުރޫޙައީ ހަމައެކަނި އެދުވަސް ޚާއްސަކޮށްގެން ރޯދަހިފާނަމަ ކަމަށެވެ. އަދި ޢަރަފާތްދުވަހުގެ ރޯދައަކީ ހުކުރު ދުވަސްވެގެން އެދުވަސް ޚާއްސަކުރަން ހިފާ ރޯދައެއްނޫން ކަމަށެވެ.

ހުކުރު ދުވަހަށް ޚާއްސަކޮށްގެން ރޯދަ ހިފާނަމަ ރޯދަ މަކްރޫޙަ ވާކަމަށް ޢިލްމުވެރިން ވިދާޅުވެފައިވާއިރު، ދިވެހިންގެ ތެރޭގައި ބައެއް ފަރާތްތަކުން ދަނީ ޢަރަފާތުދުވަހާއި ހުކުރު ދުވަސް ދިމާވުމުން އޮޅުންއަރައި ސުވާލު އުފައްދަމުންނެވެ.

އެހެންކަމުން ގިނަ ދީނީ ޢިލްމުވެރިން މިވަނީ މިކަމުގައި އޮންނަގޮތް ސާފުކޮށްދީފައެވެ.

ޢަރަފާތް ދުވަހަކީ،އެދުވަސްތަކެއްގައި ރަސޫލުﷲ صلى الله عليه وسلم ރޯދަ ހިއްޕެވުމަށް އަވަސްވެވަޑައިގަތް ޙައްޖުމަހުގެ ފުރަތަމަ ނުވަދުވަހުގެ ތެރެއިން ދުވަހެކެވެ.

އަދި ޢަރަފާތް ދުވަހުގެ ރޯދަ ހިފުމަކީ އިސްވެދިޔަ އަހަރާއި ކުރިޔަށް އަހަރުގެ ފާފަތައް ފުއްސަވާނޭކަމެކެވެ.

ޢަރަފާތު ދުވަހު ރޯދަހިފުމާއި ގުޅޭގޮތުން ނަބިއްޔާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން، އިސްވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާ ދެއްވާނެކަމަށް، ތަޢާލާގެ ޙަޟްރަތުންތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.

ޢަރަފާތްދުވަހު ރޯދަހިފުން ސުންނަތްވެގެންވަނީ ޙައްޖުވެރިން ފިޔަވައި އެހެންމީހުންނަށެވެ. ޢަރަފާތްދުވަހަކީ ޙައްޖުވެރިންނަށް ޢީދެކެވެ.

ރަސޫލުﷲ صلى الله عليه وسلم  ހަދީޘް ކުރެއްވިއެވެ:

( إنَّ يومَ عرفةَ ويومَ النَّحرِ وأيَّامَ التَّشريقِ عيدُنا أَهْلَ الإسلامِ ، وَهيَ أيَّامُ أَكْلٍ وشربٍ )[9]

މާނައީ: ޢަރަފާތް ދުވަހާއި ނަޙްރުގެ (ޢީދު) ދުވަހާއި އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ ތިމަންމެން އިސްލާމުންނަށްވާ ޢީދެވެ. އެއީ ކެއުމާއި ބުއިމުގެ ދުވަސްތަކެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button