އަޒާންގެ ކުށަކީ ރައީސް ސޯލިހުއާއި ސަރުކާރަށް ސަނާ ނުކިއުން: ޑރ.ޖަމީލް
ދިޔަރެސް“ ނޫހުގެ ކޯ ފައުންޑަރ އަހުމަދު އަޒާންގެ މައްޗަށް ޖިނާޢީ ތަހުޤީޤެއް ހިންގަން އޭނާ މިއަދު ފުލުސް އޮފީހަށް ހާޒިރުކުރުމުން ކުރީގެ ނައިބު ރައީސްޑރ. މުޙަމަދު ޖަމީލް އަހުމަދުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.
މިކަމާއި ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަޒާން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ، އައިޖީއެމް ހޮސްޕިޓަލްގެ ޕޯޓަލްއިން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަނެތި އެކްސެސްވިގޮތާއި ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގުގައި ސުވާލު ކުރުމަށް ކަމަށެވެ. އަދި އޭނާ ފުލުހަށް ހާޒިރު ކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެއް ނުވަތަ ނޫސްވެރިކަމާއި ގުޅުންހުރި ކަމަކާއި ގުޅިގެން ނޫންކަމަށް ބުނެފައިވެއެވެ.
ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިންސާފު ގާއިމް ކުރާނަމަ މިއަދު ރައީސް ސޯލިހު އާއި ފުލުހުން ފެންނަންވާނީ އެއްޖިއްސުން ގުޅުން ހިންގި ނާޒިމް ސައްތާރު އާއި ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަދުން ޙުސޭން، އަދި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ނަސީރުމެންގެ މައްސަލަތައް ތަހުގީގުކުރުމުގައި ކަމަށެވެ. އަދި އެ ފަދަ ކަންކަން އެއީ ބޮޑުކުށަކަށް ނުވޭތޯ ޑރ. ޖަމީލް ވަނީ ސުވާލު އުފައްދަވާފއެވެ.
އިންސާފު ގާއިމް ކުރާނަމަ މިއަދު ރ. އިބޫ އާއި ފުލުހުން ފެންނަންވާނީ ނާޒިމް ސައްތާރު، އަދުން ޙުސޭން، ނޫސްވެރިޔާ ނަސީރުމެން ތަޙްގީގުކުރުމުގައި. އެއީ ބޮޑުކުށަކަށް ނުވޭ؟ އަޒާންގެ ކުށަކީ ރ. އިބޫ އާއި ސަރުކާރަށް ސަނާ ނުކިއުން. ލަދުގެ ކަންފުޅެއްވެސް ނެތީ؟ pic.twitter.com/ceUR4IUOjn
— Mohamed Jameel Ahmed (@MJameelAhmed) July 21, 2022
މިއާއިއެކު ޑރ. ޖަމީލް ވިދާޅުވީ އަޒާންގެ ކުށަކީ ރައީސް ސޯލިހު އާއި މި ސަރުކާރަށް ސަނާ ނުކިއުން ކަމަށެވެ.
މިކަމުގައި ސަރުކާރުގެ ލަދުގެ ކަންފުޅެއްވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ހެއްކާބެހޭ ޤާނޫނުގެ އައު އިސްލާހާއެކު, ނޫސްވެރިން ލިޔާ ލިޔުންތަކުގެ މަސްދަރުހާމަކުރުމަށް ނޫސްވެރިންނަށް މަޖުބޫރުކުރެވޭނެއެވެ. އަދި މަސްދަރު ހާމަނުކޮށްފިނަމަ ޖިނާއީ ފިޔަވަޅު އެޅޭނެއެވެ. މި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުގެ ކުރިން ނޫސްވެރިން ވަނީ އެތައް ފަހަރެއްގެމަތިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް, ރައްޔިތުންގެ މަޖިލީހާއި އެކަން ހިއްސާކޮށް, އަދި ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގެ ނުރުހުންފާޅުކޮށްފައެވެ.
އެހެން ނަމަވެސް ސަރުކާރުން ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އިހްތިރާމް ކުރުމެއްނެތި ބިލް ފާސްކޮށް ތަސްދީގުކޮށްފައެވެ.
އަޅެކިހާބޮޑުވެއްޖެ އަގައެއް! މިކަލޭގެ ސިޔާސީބައި ދަ އެންޑް އެރާމަވެސް އެޕިސޯޑެއްކުޅެން ލިބޭތޯ އޭމިތެޅިބާލަނީ!
ބުނެފިން ދޯ އަނގަނުގަޅާ ގޭގަހުންނާށޭ!