އިންޑިއާގެ އައްސާމް ސްޓޭޓުގެ ސިލްޗާގައި ފެންބޮޑުވީ މުސްލިމުންނާއި ހެދި ކަމަށް އެ ސްޓޭޓުގެ ޗީފް މިނިސްޓަރ ބިސްވާ ޝަރްމާ ބުނެފިއެވެ.
މިއަހަރުގެ ޖޫން މަހު އިންޑިއާގެ އައްސާމުގައި ވަނީ ބޯކޮށް ވާރޭވެހި, ކޯރުތައް ބަންޑުންވުމުގެ ސަބަބުން ފެންބޮޑުވުމުގެ ކާރިސާއެއް ހިނގާފައެވެ. މި ކާރިސާގައި ޖުމްލަ 179 މީހުން މަރުވިއިރު, އެންމެ ބޮޑު ގެއްލުނަތަކެއް ލިބުނީ ސިލްޗާރ ސިޓީއަށެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަނދެއް އެސިޓީ މުޅިންހެން ފެނު އަޑީގައި އޮތް އިރު, އައްސާމްގެ އެހެން ސިޓީތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ކާރިސާގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔައިރު, އައްސާމްގެ ޗީފް މިނިސްޓަރ ބިސްވާ ޝަރްމާ ބުނެފައިވަނީ ސިލްޗާރުގައި ފެންބޮޑުވީ އެސިޓީގެ މުސްލިމުގެ ސަބަބުން ކަމަށެވެ. އެނާ މިހެން ބުނުމާއި ގުޅިގެން އިންޑިއާގެ ސަރުކާރަށް ވާގިވެރިވާ މީޑީއާތަކުން ވަނީ މިވާހަކަ އާންމުކޮށްފައެވެ. އަދި މީސް މީޑިއާގައި މިކާރިސާ ވަނީ ”ފްލަޑް ޖިހާދު“ ގެ ގޮތުގައި މަޝްހޫރުވެފައެވެ.
އިންޑިއާގެ މީޑިއާ ތަކުން ”ފްލަޑް ޖިހާދު“ އެއީ މުސްލިމުން ކުރި ކަމެއް ކަމަށް ދެއްކުމަށް ދައްކާފައިވާ ހުއްޖަތަކީ ސިލްޗާރުގެ ކޯރެއްގަައި ހުރި ފެން މަތާކުރާ ނިޒާމެއް އެދުވަސްވަރު ހަލާކުވެފައި ހުރުމެވެ. އަދި މިވާހަކަ އެކި މީޑިއާތަކުން ފަތުރަންފެށި ހިސާބުން އެސިޓީގެ ފުލުހުންގެ އިދާރާއިން ވަނީ މިމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހަތަރު މީހަކު ހައްޔަކޮށްފައެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތުދޭ ގޮތުގައި މިމީހުން ހައްޔަރުކުރެވުނީ ފެންމަތާކުރާ ނިޒާޏު ހަލާކުކޮށްލި ކަމުގެ ތުހުމަތުގައެވެ. އެހެން ނަމަވެސް ހައްޔަރުކުރެވުނު އެންމެން ވަނީ އެކަމަށް އިންކާރުކޮށްފައެވެ.
އައްސާމް ސިޓީގެ މި ފެންމަތަ ކުރާ ނިޒާމަކީ އެ ސިޓީގެ އިތުރުން ޗާޗާ ސިޓީގެ މީހުނަށްވެސް ރައްކާތެރިކަން ފޯރުކޮށްދޭ ނިޒާމެކެވެ. އަދި މީގެ ކުރިން މި ނިޒާމު މަސައްކަތް ނުކުރާކަމުގެ ޝަކުވާ ސިލްޗާރުންވެސް އަދި ޗާޗާއިންވެސް އެތައް ފަހަރެއްގެ މަތިން އައްސާމުގެ ސްޓޭޓް ސަރުކާރަށް ވަނީ ހުށައަޅާފައެވެ. އެހެން ނަމަވެސް މިހާތަނަށް މި ނިޒާމު ރަނގަޅުކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
މި މައްސަލައާއި ގުޅިގެން ވެރިކަން ކުރާ ޕާޓީ ބީޖޭޕީއިން ވަނީ މިއީ ސީދާ މުސްލިމުން ރާވައިގެން ހިންގި ޖަރީމާއެއްކަމަށް ދޭހަވާގޮތަށް މީސް މިޑިއާ އާއި ލައިވް ޓީވީގައި ވާހަކަ ދައްކާދައްކާފައެވެ. އެގޮތުން ބީޖޭޕީގެ މީސް މީޑިއާ އިންޗާޖް ރާޙުލް ނަގަރު ވެސް ވަނީ ވަރަށް ބޮޑަށް މިވާހަކަ ފެތުރުމަށް މަސައްކަތްކޮށްފައެވެ. މީގެ އިތުރުން މައި ސަރުކާރަށް ވާގިވެރިވާ ”އިންޑިއާ ޓުޑޭ”, ”އިއަރޝޮޓް“ އަދި ”ހިންދުސްތާން ލައިވް“ ފަދަ ޗެނަލްތަކުން ވަނީ އެއީ ހިންދޫއިން މެރުމަށް މުސްލިމުން ހިންގި ގަތުލް އާންމެއް ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކާފައެވެ.
އެހެން ނަމަވެސް ހަގީގަތަކީ, ސިލްޗާރުގައި ފެންބޮޑުވީ އެހެން ސިޓީތަކުގައިވެސް ފެންބޮޑުވި ފަދައިން ވެހުނު ވާރޭގެ ސަބަބުންނެވެ. އެހެން ނަމަވެސް އެ ސިޓީއަށް ލިބުނު ގެއްލުމަކީ އައްސާމްގެ ސަރުކާރުން އެ ސިޓީގެ ފެންމަތަ ނިޒާމު މަރާމާތުކުރުމުގައި ވެފައިވާ އިހުމާލުގެ ސަބަބުން ލިބުނު ގެއްލުމެކެވެ. މިކަމާ ގުޅިގެން އިންޑިއާގެ ސަރުކާރުން މިފަދަ ކަމެއް މުސްލިމުންގެ ބޮލުގައި އަޅުވާފައިމިވަނީ މުސްލިމުންނާއި މެދު ނަފްރަތު އުފައްދަން ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ވަނި ރިޕޯޓުކޮށްފައެވެ.