ޝެއިހް ފަޒްލޫން ޝަރުތުތަކަކާއިއެކު ދޫކޮށްލައިފި
ޔޯގާ ހަރަކާތް ހުއްޓުވާލުމުގެ ތުހުމަތުގައި ހައްޔަރުކުރެވު ޝެއިޙް ފަޒްލޫން ބިން މުހަންމަދު ޝަރުތުތަކަކާއެކު ކޯޓުން ދޫކޮށްލައިފިއެވެ.
އެގޮތުން މީގެ ކުޑަ އިރުކޮޅެއް ކުރިން ބޭއްވި މުއްދަތު މަޖުލީހުން ޝެއިހް ދޫކޮށްލާފައިވަނީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށެވެ. މިކަމާ ގުޅޭގޮތުން ޝެއިހް ފަޒްލޫން ގެ ލޯޔަރ އުސްތާޒް ޝަހީދް ”ބޮންތި“ އަށް ވިދާޅުވީ ތަހުގީގަށް އެއްބާރުލުންދިނުމުގެ އިތުރަށް ބޭރު ގައުމަކަށް ދަތުރުކުރާނަމަ ލިޔުމުން ފުލުހުންނަށް އެކަން އެންގުމަށާއި, އެޑްރެސް އަދި ފޯން ނަމްބަރު ބަދަލުކުރާނަ އެކަންޗެސް ފުލުހުންނަށް އެންގުމަށް ޝަރުތުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އުސްތާޒް ޝަހީދް އިތުރަށް ވިދާޅުވީ, ޔޯގާ މައްސަލއިގައި ހައްޔަރުކުރެވިފައިވާ އެހެން ފަރާތްތަކަށް ޝެއިހުންނާއި ދެކޮޅަށް ހެކިބަސް ދިނުމަށް ފުލުހުން ހުށައަޅަމުންދާ ކަމުގެ ކަންބޮޑުވުން މިއަދުގެ އަޑުއެހުމުގައި ޝެއިހް ފަޒްލޫން ފާޅުކުރެއްވި ކަމަށެވެ. އަދި މިކަމާ ގުޅިގެން ހައްޔަރުގައި ތިބޭ ފަރާތްތަކުގެ ފުށުން އެފަދަ ކަމަކަށް އެދިގެން ނުވާނެ ކަމަށާއި, ހައްޔަރުގައި ތިބި ނަމަވެސް ހައްޔަރީންނާއިމެދު އަމަލުކުރަންވާނީ އިހުސާންތެރިކޮށް ކަމަށް ކޯޓުން ބުނެފައިވާކަމަށް އުސްތާޒް ވިދާޅުވިއެވެ.
ޝެއިހް ފަޒްލޫން ހައްޔަރުކުރެވިނީ ޔޯގާ ހަރަކާތް ހުއްޓުވާލުމުގެ ހަމަނުޖެހުން ރާވާ ހިންގިމަކުގެ ތުހުމަތުގައެވެ. އަދި އެބޭފުޅާގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކޮށްފައިވާއިރު, ދޫކޮށްލާފައިމިވަނީ ޖުމްލަ 29 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހުއެވެ.