ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދިން ލުޔާ އެކު ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑިތަކަށް މިއަދު ބަދަލު ގެނެސްފި އެވެ.
އިކޮނޮމިކް މިނިސްޓްރީއިން ނެރެފައިވާ އިއުލާނުގައި ވާގޮތުން މިއަދުން ފެށިގެން މި މަަސް ނިމެންދެން ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ. މި ވަގުތު ތަކުގައި ދެވޭނީ ޓޭކްއަވޭގެ ހިދުމަތް އެކަންޏެވެ. ނަމަަވެސް ފުލުހުންގެ ހާއްސަ ހުއްދައާއެކު އެފަދަ ތަންތަނަށް ހެނދުނު 6:00 އިން މެންދަމު 12:00 އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ.
މީގެ އިތުރުން މި މުއްދަތުގައި ފިހާރަތައް ވެސް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 8:00 އިން ހަވީރު 6:00 އަށެވެ. މި ވަގުތުތަކުގައި ހުއްދަ އޮންނަ މީހުންނަށް ފިހާރަތަކަށް ވަދެ ވިޔަފާރި ކުރެވޭނެ އެވެ. ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނެކޭ އެއްފަދައިން ފިހާރަތަކުންވެސް ފުލުހުންގެ ހާއްސަ ހުއްދަ އަކާއިއެކު މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.
ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ކުޑަ ލުޔެއް މިއަދުން ފެށިގެން ދީފައިވާއިރު، ކާފިއު ގަޑި މިހާރު ވަނީ ހަވީރު 6:00 އިން ފަތިހު 4:00 އަށް ބަދަލުކޮށްފަ އެވެ. މި ވަގުތުތަކުގައި ބޭރުގައި އުޅެވޭނީ ހުއްދަ އޮންނަ ފަރާތްތަކަށް އެކަންޏެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައި ވެސް ބޭރުގައި އުޅެވޭނީ ފުލުހުންގެ ހުއްދަ ލިބިގެންނެވެ.