މިއީ ރައީސަށް ކެތްތެރިކަމުގެ އިމްތިހާނެއް
ގައުމެއް ނުވަތަ ތަނެއްގެ ވެރިޔަކަށް ކަނޑައެޅޭ ކޮންމެ މީހަކީވެސް ނުހަނު ބޮޑު ޒިންމާއަކާއި މަސްއޫލިއްޔަތެއް ކޮނޑުގައި އެޅިފައިވާ މީހެކެވެ. ވެރިޔާގެ މުހިންމުކަމާއި، މަސްއޫލިއްޔަތު އެންމެ ރަނގަޅަށް ހާމަވެގެންދާ އެއް ކަމަކީ، އިސްލާމް ދީނުގައި ގައުމެއްގެ ވެރިޔާ ނުވަތަ ހާކިމާ އަށް ލިބިދީފައިވާ ބާރުތަކާއި، އިމްތިޔާޒުތަކާއި، ހާކިމާއަށް ދެވިފައިވާ މަގާމާއި ހައްގުތަކެވެ. ރަސްކަމުގެ ނިޒާމަކުން މިކުޑަ ކުޑަ ރާއްޖެ ވީއްލި، ޖުމްހޫރިއްޔަތަކަށް ރާއްޖެ އެންމެ ފުރަތަމަ ފުރޮޅާނީ 1953 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުއެވެ. ގިނަ ދުވަސްތަކެއް ނުވެ އެއަހަރުގެ ތެރޭގައި ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ އަދި އެންމެ ފަހު ރައީސް ސުވުއްމުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކަލޭފާނުގެ ވެރިކަން ނިމުމަކަށް އައީ، އެމަނިކުފާނުގެ ދިރިއުޅުން ކެތްތެރިކަމުގެ އިމްތިހާނަކަށް ބަދަލުކުރުވަމުންނެވެ. އަނިޔާއާއި ވޭނުގެ ކަޅު ދުވަސްތަކަކަށް ހަޔާތް ބަދަލު ކޮށްލަމުންނެވެ.
އެއަށް ފަހު މިހާރު ހިގަމުންދާ ދެވަނަ ޖުމްހޫރިއްޔާ 1968 ގައި މަރުހޫމް އިބްރާހިމް ނާސިރު އެޅުއްވި ބިންގަލާއި އެކު ފެށިގެން އައިސް، މިއަދު ރާއްޖޭގައި ވެރިކަން ކުރައްވަމުން ގެންދަވަނީ މި ޖުމްހޫރިއްޔަތުގެ 6 ވަނަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ވޭތުވެދިޔަ ކޮންމެ ވެރިކަމެއްގެ ދައުރުގައި ވެސް ކޮންމެ ރައީސަކަށް ވެސް އެތަކެއް އިމްތިހާނެއް ކުރިމަތިވެ، އެ ސަފްހާތައް މާޒީގެ ތެރެއަށް ފާއިތުވެއްޖެއެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއެވެ. 2012، 7 ފެބްރުވަރީގެ ބަގާވާތެވެ. 1 ފެބުރުއަރީގެ ބަގާވާތެވެ. ރައީސަކު ދަތުރު ކުރަމުންދިޔަ ރަސްމީ ލޯންޗުކޮޅު ގޮއްވާލަން ކުރި މަސައްކަތެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކާއި ބޭރުގެ ފިތްތުންތަކެވެ.
މިއަދު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ހުންނެވި ރައީސް ސޯލިހަށް ވެސް މިއަދު ކުރިމަތިވެފައިވަނީ ކެތްތެރިކަމުގެ އުނދަގޫ އިމްތިހާންތަކެވެ. ރައީސްގެ މަސައްކަތްޕުޅުގެ މިސްރާބު މިއަދު ހުރީ އެ އިމްތިހާންތަކުން ކާމިޔާބު ވާނޭ ބީދައިން ބާވައެވެ.
- މިއީ އެންމެ ގިނަ ދުވަސްވީ ކޯލިޝަން
ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމި، މަލްޓިޕާޓީ ނިޒާމުގެ ތެރެއިން މިހާތަނަށް އުފެދުނު ކޮންމެ ސަރުކާރަކީވެސް ކޯލިޝަނެއްގެ ތެރެއިން ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަމަށް އައި ސަރުކާރެއްކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ނަމަވެސް، 2008 ވަނަ އަހަރު ފެށުނު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން، 2012 ގައި އެމަނިކުފާނު އިސްތިއުފާ ދެއްވުމުން ނިމުމަކަށް އައިއިރު، އިދިކޮޅުގައި މުޒާހަރާކޮށް ބަގާވާތް ކުރަން ތިބީ 2008 ގެ އެމްޑީޕީގެ ކޯލިޝަން ޕާޓްނަރުންނެވެ. 2013 ގައި ރައީސް އަބްދުﷲ ޔާމީންގެ ކޯލިޝަނުގެ ގިނަ ލީޑަރުން، ވެރިކަން ފެށުނުތަނާހެން ކޯލިޝަނާއި އަލްވަދާއު ކިޔައިފިއެވެ. 2018 ވަނަ އަހަރު، އެމްޑީޕީއާއި ޖޭޕީ އަދި އަދާލަތާއި އެނޫންވެސް ބައެއް ސިޔާސީ ލީޑާރުން އެއްބަސް ކިޔާ، ވެރިކަމަށް ގެނައި މިއަދުގެ ރައީސް ސޯލިހުގެ ސާލިހުގެ ވެރިކަމަށް 3 އަހަރު ހަމަވާން ގާތްވެފައިވާ ވާއިރު ފެންނަ ބޮޑުމަންޒަރު ވަރަށްވެސް ތަފާތެވެ. ކޯލިޝަންގެ ތެރޭގައި މައްސަލަތައް ޖެހެން ފަށައިފިއެވެ. ކޯލިޝަންގެ ބައެއް ޕާޓީތަކުގެ ކެބިނެޓް މިނިސްޓަރުންނަށް ކޮރަޕްޝަނާއި ޚިޔާނަތާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތައް ކުރެވި މަގާމުންވެސް ދުރުކުރައްވައިފިއެވެ. އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުން ކޯލިޝަނާއި ވަކިވުމަށް ފާޅުގައި ގޮވާލައްވަމުން އެބަ ގެންދަވައެވެ. ނަމަވެސް އެހެން ރައީސުންނާއި ޚިލާފަށް މިހުރިހާ އުނދަގޫތަކާއި އެކުވެސް ރައީސް ސާލިހް، ކޯލިޝަން ދެމެހެއްޓުމުގައި ސާބިތުވެ ހުންނަވާ ކަމީ ތައުރީފް ހައްގު މަސައްކަތެކެވެ. އެހެން ރައީސުންނާއި ރައީސް ސާލިހް މިރޮނގުން ހަގީގަތުގައިވެސް ތަފާތު ދައްކަވައިފިއެވެ. ކޯލިޝަން ދެމެހެއްޓެވުމުގައި ރައީސް ސާލިހް ކެތްތެރިކަމުގެ ނަމޫނާ ދައްކަވާ، އެއިމްތިހާނުން މިހާތަނަށް ވަނީ ފާސްވެވަޑައިގަނެފައެވެ. ކޯލިޝަން ރޫޅި، އުފެދޭ ކޯޅުމުގައި ބިކަވާނީ ރައްޔިތުންކަން، ރައީސް ސާލިހްގެ ސިކުނޑީގައި ހަރުލާފައި ހުރިކަހަލައެވެ.
- ރައީސް ސާލިހް ޑިމޮކްރަސީއަށް މޮޅު
ރައީސް ސާލިހުގެ ވެރިކަމުގައި މިހާތަނަށް ކުރިމަތިވެ ވަޑައިގަތް ހުރިހާ ގޮންޖެހުމަކުން އެމަނިކުފާނު އަރައިގަތުމުގެ ސިއްރަކީ، ހިކުމަތްތެރިކަމާއިއެކު ކަންކަމާއި ކުރިމަތިލައްވާއިރު، ޑިމޮކްރަސީގެ އުސޫލު އިސްކުރެއްވުންކަން ކަށަވަރެވެ. އެމްޑީޕީއާއި ސަރުކާރުވެސް ބިނާވަނީ ޕާޓީގެ މެމްބަރުންނާއި ޖުމްލަ ގޮތެއްގައި ހުރިހާ ރައްޔިތުންގެ މައްޗަށެވެ. މިހާތަނަށް ވެރިކަމުގައި ކުރިމަތިވި ކޮންމެ ގޮންޖެހުމެއްގައި ޕާޓީގެ ނުފޫޒުގަދަ ލީޑަރުންގެ ނިންމުމާއި ދެކޮޅަށް އާންމު މެންބަރުންގެ ނިންމުން ރައީސް ސާލިހް އިސްކުރެއްވިއެވެ. އެހެންކަމުން ރައީސް ސާލިހްގެ ވެރިކަން މިހާހިސާބަށް އައިރު، ރައީސަކީ ޑިމޮކްރަސީއަށް މޮޅު ލީޑަރެކޭ ބުނެވިދާނެއެވެ.
- ރައީސް ނަޝީދާއި ރައީސް ސާލިހް
ރައީސް ސާލިހްގެ ވެރިކަމަށް ދެ އަހަރު ވެގެން އައިއިރު، އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް ބޮޑުވެ އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާކަމަށް ގިނަބަޔަކު ސިފަކުރެއެވެ. މިކަން އެންމެ ބޮޑަށް ހާމަވެގެން ދިޔައީ ދާދި ފަހުން، ނިމިގެންދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހުއެވެ. އެހަމަލާއަށް ފަހު އޭޑީކޭ ކައިރިއަށް އެއްވި އެމްޑީޕީގެ ބައެއް ސަޕޯޓަރުންވެސް ވަނީ ރައީސް ސާލިހާއި އެމްޑީޕީގެ ބައެއް ވެރިންގެ ބޮލުގައި ހަމަލާގެ ތުހުމަތު އަޅުވައި، ރައީސްގެ އިސްތިއުފާއަށް ގޮވާލައިފައެވެ. އޭގެ ފަހުން ރައީސް ނަޝީދުގެ އާއިލާގެ ބައެއް މެމްބަރުންވެސް ވަނީ ހަމަލާގެ ތުހުމަތު ސަރުކާރުގެ ބައެއް ލީޑަރުންގެ ބޮލުގައި އަޅުވާފައެވެ. އަދި އެއަށް ފަހުވެސް ތަހުގީގަށް ސަރުކާރުން ނުފޫޒް ފޯރުވާކަމަށާއި، ތަހުގީގު އަވަސްކުރުމަށް ގޮވާލައި، އެމްޑީޕީގެ ބައެއް މެމްބަރުން ނުރުހުން ފާޅުކުރަމުން ގެންދިޔައެވެ. މިފަދަ އެތައް އެތައް ތުހުމަތުތަކެއް އެމްޑީޕީގެ ތެރެއިން ސަރުކާރުގެ ބޮލުގައި އެޅުވި އިރުވެސް، ރައީސް ސާލިހް، ރައީސް ނަޝީދާއި އޮތް ގުޅުން ދެމެހެއްޓުމަކީ ރައީސް ސާލިހްގެ ކެތްތެރިކަން ވަރަށް ބޮޑަށް ހާމަކޮށްދޭ މިސާލެކެވެ.
- އެމްޑީޕީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީސް: ރައީސްގެ ތަކުލީފު
2018 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުމާއެކު، އެޕާޓީއިން އެންމެ އިސްކަމެއް ދީގެން ކުރި އެއް މަސައްކަތަކީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރުމަށް ކުރި މަސައްކަތެވެ. އެމަސައްކަތް ނިމިގެން ދިޔައީ އެމްޑީޕީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިގެންނެވެ. ނަމަވެސް މި ލިބުނު މެޖޯރިޓީ މިއަދު މިވަނީ ރައީސް ސާލިހަށް އިތުރު ތަކުލީފަކަށް ވެފައޭ ވެސް ބުނެވިދާނެއެވެ. އެމްޑީޕީގެ ތެރެއިން މަޖިލީހަށް ހުށަހަޅާ ބިލްތަކަށް ބައެއް މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވެ، އެކޯޅުންތައް ދަނީ އިތުރު ވަމުންނެވެ. ގައުމުގައި ހިނގާ ޖިނާއީ މައްސަލަތައް ތަހުގީގު ކުރާ އިދާރާއަކަށް ރައްޔިތުންގެ މަޖިލިސް ބަދަލުވަމުންދާ ކަމަށް ވެސް ސިފަ ކުރެވިދާނެއެވެ. މިފަދަ ކޮމިޓީތަކުގެ ތެރެއިން ބައެއް މެމްބަރުން ދަނީ ސީދާ ރައީސް ސޯލިހަށް ވެސް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އެޖެންޑާ 19 އިން ހާސިލްކުރަން އައި މަގްސަދު އޮޅި، އެމްޑީޕީގެ މަޖިލިސް، ރައީސް ސާލިހުގެ އަތުން ދޫވެގެންދާ ފަދަ ގޮތަކަށް މަންޒަރު ދަނީ ސިފަވަމުންނެވެ.
މިހުރިހާ ގޮންޖެހުންތަކެއްގެ ތެރެއިންވެސް. ރައީސް ސާލިހު ދަނީ ކެތްތެރިކަމާއިއެކު މަސައްކަތާއިގެން ކުރިޔަށް ވަޑައިގަންނަވަމުންނެވެ. ކޯލިޝަން ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުންނެވެ. އެންމެ ގާތް މިތުރު، ރައީސް ނަޝީދާއި މޫނު ނުކެނޑި ވެރިކަން ނިންމާލެވޭތޯ ކެނޑިނޭޅި ރައީސް މަސައްކަތްޕުޅު ކުރައްވާތަން އެބަ ފެނެއެވެ. އަތުން ދޫވަމުންދާ މަޖިލިސް، މުށު ތެރޭގައި ހިފެހެއްޓުމުގައި އެމަނިކުފާނު އަދިވެސް ސާބިތުވެ އެބަ ހުންނެވިއެވެ.
ސުވާލަކީ ރައީސް ސާލިހްގެ ކެތްތެރިކަން ކޮޅުން ލާނެ ހެއްޔެވެ؟ ކިހާ ދުވަހަކު ރައީސަށް ކެތްތެރިކަމާއިއެކު ދެމިހުންނެވޭނެ ހެއްޔެވެ؟ މި ކެތްތެރިކަމުގެ އިމްތިހާންތަކުން އެމަނިކުފާނު ފާސްވެވަޑައިގަންނަވާނެ ހެއްޔެވެ؟