ޚަބަރު

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ތަކެތި ފުލުހުން ހޯދައިފި

ބުރުޒުމަގުގައި ހުރި ފިހާރައަކުން ވަގަށް ނަގާފައިވާ ފައިސާތަކަކާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދައިފިއެވެ.

އެގޮތުން ފުލުހުން ބުނެފައިވަނީ ބުރުޒުމަގުގައި ހުރި ފިހާރައަކުން ވައްކަންކުރާ ކަމަށް ޖުލައި 19 ވަނަ ދުވަހުގެ ފަތިހު ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ގަލޮޅު ޕޮލިސް ސްޓޭޝަނުން އެ ސަރަހައްދަށް ދިޔައިރު، ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވައްކަންކުރަން ފިހާރައަށް ވަދެ ހުރި މީހަކު އެތަނުގައި ހުރިކަމަށާ އަދި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އެ ފިހާރައިން އޭނާ ވަގަށް ނެގި 18000 އަށްވުރެ ގިނަ ރުފިޔާއާއި ޑޮލަރުތަކެއް ފެނިފައިވާކަމަށެވެ.

މި ވައްކަމާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ބިދޭސީ ފިރިހެނެއްކަމާށާ އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވައްކަންކޮށްފައިވާ ކަމަށް ޖުލައި 18 ވަނަ ދުވަހުގެ ހެނދުނު ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަގަށް ނަގާފައިވާތަކެތި ހޯދުމަށް ގަލޮޅު ޕޮލިސް ސްޓޭޝަނުން ހާއްސަ މަސައްކަތްތަކެއް ފެށިއެވެ. އެގޮތުން އެ ސަރަހައްދު ބަލައި ފާސްކޮށް، ވަގަށް ނަގާފައިވާ އަށް ލެޕްޓޮޕް، ދެ އައި ފޯނު އަދި އެހެނިހެން ތަކެތި ވަނީ ހޯދާފަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ދެ މައްސަލަވެސް ބަލަމުން ގެންދަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުން ކަމަށް ފުލުހުން ބުނެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button